ޚަބަރު
ދިވެހި މީޑިއާއަކީ ތެދު ހާމަކުރާ، އިތުބާރާއި ނަޒާހަތްތެރިކަން ދަމަހައްޓާ ބާރަކަށް ވާންވާނެ- ރައީސް
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު -- ފޮޓޯ : އެމްއެމްޓީވީ
ދިވެހި މީޑިއާތަކަކީ ތެދު ހާމަކުރާ، އަދި އޭގެ ސަބަބުން އިތުބާރާއި ނަޒާހަތްތެރިކަން ނަގަހައްޓާ ބާރަކަށް ވާންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ މީޑިއާގެ ދާއިރާ ފުޅާވެ، މި މަސައްކަތުގެ ތެރެއަށް ގިނަ އަދަދެއްގެ ޒުވާނުން ވަންނަމުންދިއުމަކީ އެމަނިކުފާނު ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި އާބާދީގެ ނިސްބަތުން ރާއްޖެއަކީ އެންމެ ގިނަ މީޑިއާތައް ހަރަކާތްތެރިވާ ޤައުމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށާއި، ނޫސްވެރިން ތަމްރީނުކުރުމުގެ ފުރުޞަތުތައް އިތުރަށް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
"މިނިވަން މީޑިއާއަކީ ޙައްޤެކެވެ. އަދި، ޒިންމާއެކެވެ. ދިވެހި މީޑިއާ ވާންވާނީ ދިވެހިން ޤަބޫލުކުރާ ހަމަތަކާއި މިންތައް ނަގަހައްޓާ ބާރަކަށް،" ރައީސް ވިދާޅުވިއެވެ.
ސަރުކާރު ޒިންމާދާރުކުރުވުމަށާއި ހާމަކަން ބޮޑު ވެރިކަމެއް ދެމެހެއްޓުމަށް އަމާޒުވާ ބިނާކުރުވަނިވި ފާޑުކިޔުންތަކަށް އަބަދުވެސް މަރުޙަބާ ކިޔާނެކަމަށް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގައި ނޫސްވެރިންނަށް ގަސްދުގައި ހަމަލާދީ މަރާލުމާއި، އެކިއެކި އަދަބުތައް ދެމުންދާ ދިއުމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން، ނޫސްވެރިންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓާލުމަށް ރައީސް މިއަދު ގޮވާލެއްވިއެވެ. މީގެ އިތުރުން، ޓެކްނޮލޮޖީގެ އެހީގައި ފަތުރާ "ޑީޕް ފޭކް" އަދި ދޮގު މަޢުލޫމާތުތަކަށް ސަމާލުވެ، ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިން އިތުރަށް ސަމާލުވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ރާއްޖޭގައި މިނިވަން އަދި ރައްކާތެރި މީޑިއާއެއް ބިނާކުރުމަށް އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވަމުންނެވެ.