Ads by Farudhun

ޚަބަރު

ސްރީލަންކާގެ ފޮރިން މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ސްރީލަންކާގެ ފޮރިން މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމުހޫއްިޔާ ޑރ މުހައްމަދު މުއިއްޒުގެ ދަތުރުފުޅުގެ ތެރެއިން -- ފޮޓ: ފަރުދުން

04 މޭ 2026، 11:01

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް ވިޖިތަ ހޭރަތު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިކަނބަލުން ސްރީލަންކާއަށް ވަޑައިގަތީ އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަގެ ދަޢުވަތަކަށް އިއްޔެގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނަށް ލަންކާ ސަރުކާރުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރާއްޖެއާއި ސްރީލަންކާއަކީ 1965 ވަނަ އަހަރުން ފެށިގެން ޚާރިޖީ ގުޅުން ގާއިމުކޮށް، ޒަމާނުއްސުރެ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ގައުމެވެ.

މި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ ރުހުން ދީފައެވެ.

މި ދަތުރުފުޅުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެނީ:

  • ދިފާޢީ ދާއިރާ: ދެ ގައުމުގެ ދިފާޢީ ބާރުތަކުގެ މެދުގައި ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، މުވައްޒަފުން ބަދަލުކުރުމުގެ އިތުރުން ދާއިރާއާ ގުޅުންހުރި ސައިންޓިފިކް ރިސާޗްތައް ހެދުމަށް ވެވޭ އެއްބަސްވުން.
  • ތަޢުލީމީ ދާއިރާ: ޓީޗަރުންނާއި ސްކޫލްތަކުގެ އިސްވެރިން ތަމްރީނު ކުރުމަށްޓަކައި ދެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީގެ މެދުގައި ވެވޭ އެއްބަސްވުން.
  • ޞިއްޙީ ދާއިރާ: ރާއްޖޭގެ ހެލްތް މިނިސްޓްރީއާއި ލަންކާގެ ފެމިލީ އެންޑް ވެލްފެއާ އަދި ޔުނިވާސިޓީ އޮފް ކޮލަމްބޯއާ ދެމެދު ވެވޭ އެއްބަސްވުން.
  • ފަތުރުވެރިކަން: ދެ ގައުމުގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި ޕްރޮމޯޓް ކުރުމަށް ވެވޭ އެއްބަސްވުން.

މީގެ އިތުރުން ވެސް އިތުރު ބައެއް ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަން އައު އުސްމިންތަކަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450