Ads by Farudhun

ޚަބަރު

ރާއްޖެއާއި ސްރީލަންކާއާ ދެމެދު ތަފާތު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ރާއްޖެއާއި ސްރީލަންކާއާ ދެމެދު ތަފާތު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ރާއްޖެއާއި ސސްރީލާންކާއާއި ދެމެދު ފަހުމުނާމާގައިގައި ސޮއި ކުރުން -- ފޮޓޯ : ނިއުސް ފަސްޓް

04 މޭ 2026، 11:57

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ ގޮތުން، ތަފާތު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާ (އެމް.އޯ.ޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.

ސްރީލަންކާގެ ރައީސްގެ އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ފަހުމުނާމާތައް ބަދަލުކޮށްފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސްގެ ކުރިފުޅުމަތީގައެވެ. މި އެއްބަސްވުންތަކުގެ މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޖުތިމާޢީ އަދި އިޤްތިޞާދީ ގުޅުންތައް އައު ހިސާބަކަށް ގެންގޮސް، ދިވެހި ރައްޔިތުންނަށް އޭގެ ފައިދާ ލިބިދިނުމެވެ.

މިއަދު ސޮއިކުރެވުނު މުހިންމު އެއްބަސްވުންތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން މީގެ ކުރިން ވެފައިވާ އެއްބަސްވުން އައުކުރުމާއި، އަރުޝީފީ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާއެއް ހިމެނެއެވެ. މީގެ އިތުރުން، ކުޅިވަރާއި ޒުވާނުން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ވެފައިވާ އެއްބަސްވުން ވެސް މިއަދު ވަނީ އައުކޮށްފައެވެ.

ތަޢުލީމީ ދާއިރާއަށް ބަލާއިރު، މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ދަށުން މުދައްރިސުންނާއި ސްކޫލްތަކުގެ އިސްވެރިން ތަމްރީނުކުރުމާއި، އެ ބޭފުޅުންގެ ފަންނީ ހުނަރު އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. ސްރީލަންކާއަކީ އޭޝިއާ ސަރަޙައްދުގައި ތަޢުލީމީ ގޮތުން ކުރިއަރާފައިވާ، ރަނގަޅު ފެންވަރެއްގެ ތަޢުލީމު ފޯރުކޮށްދޭ ޤައުމަކަށްވީ ހިނދު، މިއީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ މީހުން ތަމްރީނުކުރުމަށް ލިބުނު ރަނުގެ ފުރުޞަތެކެވެ. މީގެ އިތުރުން އެކަޑެމިކް ދާއިރާއިން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

ދިފާޢީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި، ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގެ އިތުރުން، ދިފާޢީ ތަޢުލީމާއި، ތަމްރީނާއި، އަދި ދިރާސާކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ވެސް މިއަދު ވަނީ ސޮއިކޮށްފައެވެ.

ސްރީލަންކާއަކީ ދިވެހިންގެ ވަރަށް ބޮޑު އާބާދީއެއް ދިރިއުޅެމުންދާ، އަދި ދިވެހިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެކެވެ. މި ފަހުމުނާމާތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިވެ، އެކި ދާއިރާތަކުން ދިވެހިން ތަމްރީނުކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450