Ads by Farudhun

ޚަބަރު

ލަންކާގެ ބޮޑުވަޒީރު، ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ލަންކާގެ ބޮޑުވަޒީރު، ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ލަންކާގެ ބޮޑު ވަޒީރު ރައީސްގެ އަރިހަށް ކުރި ޒިޔާރަތުގެ ތެރެއިން -- ފޮޓޯ : ރައީށް އޮފީސް

04 މޭ 2026، 04:45

ސްރީލަންކާގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

 މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ އިސްވެރިން ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއާއި، ޞިއްޙީ ޚިދުމަތްތަކާއި، ތަޢުލީމާއި، މަސައްކަތްތެރިކަމުގެ ތަމްރީނު ދިނުމުގެ އިތުރުން އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މިދިޔަ އަހަރު ކުރިމަތިވި ނުރައްކާތެރި 'ޑިޓްވާ' ތޫފާނުގެ ސަބަބުން ސްރީލަންކާއަށް ލިބުނު ގެއްލުންތަކުން އަރައިގަނެ، އެ ޤައުމުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުރީފު ކުރައްވާފައެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ތަރައްޤީގައި ދެ ޤައުމުގެ ރައްޔިތުން އަދާކުރާ މުހިންމު ދައުރު މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާގެ ރައްޔިތުންގެ ހިއްސާއާއި، ސްރީލަންކާގެ ތަރައްޤީގައި އެ ޤައުމުގައި ދިރިއުޅޭ ދިވެހިންގެ ފަރާތުން ލިބޭ އެއްބާރުލުން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މޭ މަހުގެ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އިތުރު މަޝްވަރާތައް ކުރިއަށްދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450