ޚަބަރު
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ރައީސްގެ އަރިހަށް އިހުތިރާމްގެ ޒިރާރަތުގެ ތެރެއިން-- ފޮޓޯ : ރައީސް އޮފީސް
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، ޑރ. ޖަގަތު ވިކްރަމަރަތުނަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާ މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދުއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ސަރުކާރުގެ ދެމެދުގައާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން "މޯލްޑިވްސް-ސްރީލަންކާ ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕް" އާއި "ސްރީލަންކާ-މޯލްޑިވްސް ޕާލަމެންޓަރީ ފްރެންޑްޝިޕް އެސޯސިއޭޝަން" މެދުވެރިކޮށް، މުއައްސަސާތަކުގެ މެދުގައި ތަޖުރިބާ ހިއްސާކުރުމާއި، ފަންނީ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން ބާރުއެޅުއްވިއެވެ.
ބައްދަލުވުން ނިންމަވާލެއްވީ، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް އާ ދާއިރާތައް ހޯދުމަށާއި، ކުރިމަގުގައި މެންބަރުންގެ މެދުގައި ދަތުރުތައް އިތުރުކޮށް، ގުޅުން ވަރުގަދަކުރުމަށް އެއްބަސްވެވަޑައިގަންނަވަމުންނެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ރަސްމީ ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން، 2025 ވަނަ އަހަރުގެ ޖުލައި މަހު ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ. މި ބައްދަލުކުރެއްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް މި ހަރުދަނާ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.