Ads by Farudhun

ޚަބަރު

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފި

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފި

މަސައްކަތް ނިމިފައި/ފޮޓޯ: ރައީސުލްޖުމްހޫރިއްޔާ

05 މޭ 2026، 09:26

ށ. މިލަންދޫ ރައްޔިތުންގެ އެދިލެއްވުމާއެކު އެރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

މި މަސައްކަތަށް ކަނޑައެޅިފައިވާ ތާރީޚާ އެއްގޮތަށް، މަސައްކަތް ނިންމާލެވިފައިވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 'އެކްސް' ގައި ޕޯސްޓެއް ކުރައްވާފައެވެ.

މި މަޝްރޫޢުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ،  ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށިތާ އެންމެ 31 ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު މިހާރު އެއްކޮށް ނިންމާލާފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 25 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާއިރު، ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެއްފަހަރާ 35،000 ކިއުބިކް މީޓަރުގެ ވެލި ނެގުމުގެ ޤާބިލުކަން ހުރި "ކުއީން އޮފް ދަ ނެދަލެންޑްސް" ޑްރެޖަރު ބޭނުންކޮށްގެންނެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެމްއޭސީއެލް އާ ހަވާލުކުރި ނަމަވެސް މަސައްކަތަށް އޭރު ވަނީ ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިލަންދޫގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވަޢުދުފުޅަކަށްވީއިރު، އާބާދީގައި 2،700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ މިލަންދޫގައި އެއާޕޯޓެއް ތަރައްޤީކޮށް، މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި އެ މަސައްކަތް ނިންމަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ. 

މި މަޝްރޫޢުގެ ދަށުން އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމައި އެތަން އޮޕަރޭޝަނަށް ގެނެވުމަކީ އެރަށުގެ އިޤްތިޞާދަށް އިތުރުވެގެންދާނެ އައު ބޮޅެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450