Ads by Farudhun

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމުހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން -- ފޮޓޯ : ރައީސް އޮފީސް

05 މޭ 2026، 01:46

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މިއުޒިއަމްގެ ފަރާތުން މަރުޙަބާ ދެންނެވީ އެ ތަނުގެ އިސް އޮފިޝަލުންނެވެ. މި ޒިޔާރަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިއުޒިއަމްގެ އެކި ގެލެރީތަކަށް ޒިޔާރަތްކުރައްވައި، އެތަނުގައި ހުރި އާސާރީ ތަކެތި ބައްލަވާލައްވާފައެވެ.

މި ދަތުރުފުޅުގައި މިއުޒިއަމްގެ އޮފިޝަލުން ވަނީ އެތަނުގައި ބަހައްޓާފައިވާ ސްރީލަންކާގެ ތާރީޚާއި ސަގާފަތް ރަމްޒުކޮށްދޭ މުހިންމު ތަކެއްޗާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް މި ކުރެއްވި ޒިޔާރަތަކީ، ސްރީލަންކާގެ ތާރީޚާއި ސަގާފީ ތަރިކައަށް އިޙްތިރާމް އަދާކުރެއްވުމުގެ ގޮތުންނާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ސަގާފީ ގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރެއްވި ޒިޔާރަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ މި ފުރަމާނަ ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.

މި ދަތުރުފުޅަކީ ލަންކާގެ ރައީސްގެ ރަސްމީ ދައުވަތަކަށް މި މަހު 4 އުން 6 އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450