Ads by Farudhun

ޚަބަރު

ރައީސްގެ ދެކަނބަލުން ކޮޅުނބުގައި ހުންނަ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި

ރައީސްގެ ދެކަނބަލުން ކޮޅުނބުގައި ހުންނަ ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޮލަމްބޯގައި ހުންނަ ރާއްޖެގެ ހައިކޮމިޝަނަށް ޒިޔާރަތްކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 މޭ 2026، 10:52

05 މޭ 2026، 10:52

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން، ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މިއަދު ހެނދުނު ޒިޔާރަތްކުރައްވައިފިއެވެ.

ހައިކޮމިޝަނަށް ވަޑައިގަތުމުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވީ، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްޢޫދު ޢިމާދުއާއި، ހައިކޮމިޝަނުގެ މުވައްޒަފުންނެވެ.

މި ޒިޔާރަތުގައި، ހައިކޮމިޝަން ބައްލަވާލެއްވުމުގެ އިތުރަށް، އިލެކްޓްރޯނިކް ޕާސްޕޯޓާ، އައިޑެންޓިޓީ ކާޑު ހެދުމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާފައެވެ. މީގެ އިތުރުން މެހްމާނުން ސޮއިކުރައްވާ ފޮތުގައި ދެކަނބަލުން ސޮއި ކުރައްވައި، ހައިކޮމިޝަނުގެ މުއައްޒަފުންނާ ބައްދަލު ކޮށްލެއްވިއެވެ.

ހައިކޮމިޝަނަށް ކުރެއްވި ޒިޔާރަތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ކަލްޗަރަލް ސެންޓަރަށް ވަޑައިގެންފައެވެ. އެމަނިކުފާނު ވަނީ ލަންކާގައި ދިރިއުޅެމުން ގެންދާ ދިވެހިންނަށް އެމަރުކަޒުން ދެމުންގެންދާ ތަފާތު ޚިދުމަތްތައް ބައްލަވާލައްވާފައެވެ.

ދިވެހިރާއްޖޭގެ ކަލްޗަރަލް ސެންޓަރ ހުންނަ ސޯސަންވިލާއަކީ، ސްރީލަންކާގައި ދިރިއުޅޭ ރައްޔިތުންނަށް ތަޢްލީމާ ސަގާފީ ޙަރަކާތްތައް ހިންގުމާ، ދިވެހިބަހާ، އިސްލާމްދީނުގެ ޢިލްމު އުނގަންނައި ދިނުމަށް ގާއިމުކުރެވިފައިވާ މުހިއްމު މަރުކަޒެކެވެ.

މި ދެޒިޔާރަތުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ދިވެހިރާއްޖެއިން ވަޑައިގެންނެވި މަތީފެންވަރުގެ ވަފުދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450