Ads by Farudhun

ޚަބަރު

ތެލެސީމިއާ ކުދިންނަކީ މުޖުތަމައުގެ އެންމެންގެ ދަރިން - ރައީސް

ތެލެސީމިއާ ކުދިންނަކީ މުޖުތަމައުގެ އެންމެންގެ ދަރިން - ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު -- ފޮޓޯ : ދަ ޕްރެސް

08 މޭ 2026، 11:38

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރަމުންދާ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތެލެސީމިއާ ތަހައްމަލުކުރަމުންދާ ކޮންމެ ދިވެހި ދަރިއަކީ މުޅި މުޖުތަމައުގެ ދަރިއެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައްވާފައެވެ.

މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ސިއްހީ އަދި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް މަސްއޫލިއްޔަތު ކަމަށެވެ. އަދި މި ދުވަހަކީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް މުޅި މުޖުތަމައަށް ހަނދާންކޮށްދޭ ދުވަހެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކޮންމެ ދިވެހި ދަރިއަކަށާއި އާއިލާއަކަށް މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމަކީ ބަދަހި ގައުމެއް ބިނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެގޮތުން ތެލެސީމިއާ ކުދިންނަކީ އަމިއްލަ ދަރިންނާއި އާއިލީ މެންބަރުންގެ ގޮތުގައި ބަލައިގަނެ، އެފަރާތްތަކަށް ބޭނުންވާ ސިއްހީ ފަރުވާ އާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރުން ނުހަނު އިސްކަންދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.



ތެލެސީމިއާ ކުދިންގެ ހައްގުގައި މި ސަރުކާރުން ހުޅުމާލޭގައި ތެލެސީމިއާ ކުދިންނަށް ހިދުމަތް ދިނުމަށް ހާއްސަ އައު އިމާރާތެއް ބިނާކޮށް، ހިދުމަތް ދޭން ފަށާފައިވާކަން ފާހަގަކުރެވެއެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ޑެސްފަރޯލް ފަދަ މުހިންމު ބޭސްތައް ހޯދުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނު ނަމަވެސް، މި ސަރުކާރުން ވަނީ އެކަންކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މީގެ އިތުރުން، ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ތެލެސީމިއާ ކުދިންނަށް ދައުލަތުން ހާއްސަ އިނާޔަތެއް ދޭން ފަށާފައިވާކަން ފާހަގަކުރެވެއެވެ. މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ކޮށްފައިވާ ކަމެއް ނޫނެވެ. 

ހަމައެއާއެކު އެކުދިންނަކީ މުޖުތަމައުގައި ދިރިއުޅޭ އެހެން ކުދިންނެކޭ ތަފާތު ކުރުމެއްނެތި އެކުދިންނަށް ކުރިއަށްދާނެ ފުރުސަތުތައް ފަހިކޮށްދިނުމުގައި މި ސަރުކާރު ދަނީ އަބަދުވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450