Ads by Farudhun

ޚަބަރު

ކުރީގެ މެންބަރު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

ކުރީގެ މެންބަރު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި

މުހައްމަދު ރާމިޒު -- ފޮޓޯ : ރައީސް އޮފީސް

09 މޭ 2026، 10:44

ދިވެހި ދައުލަތަށާއި ރައްޔިތުންގެ މަޖިލީހަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ކުރީގެ މެންބަރު ގ. ލިފަދޫ، މުޙައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

މުޙައްމަދު ރާމިޒް އަވަހާރަވީ އުމުރުފުޅުން 74 އަހަރުގައެވެ. އޭނާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރައްވާފައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ މުޙައްމަދު ރާމިޒަކީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަމާއި، ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށެވެ.

މީގެ އިތުރުން، ރާމިޒަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށްވެސް މުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސްގެ ދުޢާއަކީ މާތްﷲގެ ރަޙްމަތާއި ފުއްސެވުމުގައި މަރުޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމެވެ.



މުޙައްމަދު ރާމިޒްގެ ކަށުނަމާދާއި ޖަނާޒާގެ ކަންކަން ކުރިއަށްދާނީ މިއަދުގެ އަޞުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

މަރުޙޫމް މުޙައްމަދު ރާމިޒަކީ ދިވެހި ސިޔާސީ މަސްރަޙުގައި ފާހަގަކޮށްލެވުނު، އަދި ޤާނޫނު އަސާސީ އިޞްލާޙުކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރެއްގެ ގޮތުން އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450