Ads by Farudhun

ޚަބަރު

ބިދޭސީންގެ ބަޔޯމެޓްރިކްސް މަސައްކަތުގެ 98 އިންސައްތަ ނިމިއްޖެ - ރައީސް

ބިދޭސީންގެ ބަޔޯމެޓްރިކްސް މަސައްކަތުގެ 98 އިންސައްތަ ނިމިއްޖެ - ރައީސް

ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ : ދަ ޕްރެސް

09 މޭ 2026، 05:06

ރާއްޖޭގައި ސައްޙަ ވޯކްޕާމިޓެއްގެ ދަށުން މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކްސް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މީސްމީޑިއާގެ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައްޙަކަން ކަށަވަރު ކުރެވިފައިވާ އެކްޓިވް ވޯކްޕާމިޓްގައި މިވަގުތު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން ގާތްގަނޑަކަށް ހުރިހާ އެންމެންގެ 98 އިންސައްތަ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ނަގައި ނިމިފައިވާ ކަމަށެވެ.



މިއީ ބިދޭސީންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ބިދޭސީންގެ ބަޔޯމެޓްރިކްސް މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް އޮތީ އެންމެ 13 އިންސައްތައިގައެވެ. ނަމަވެސް، ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ސަރުކާރުން ކުރި ހަލުވި މަސައްކަތުން، ބިދޭސީންގެ ފުރިހަމަ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ބޮޑުބައެއް މިވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.

ރައީސް ވިދާޅުވި ގޮތުގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ޚާއްސަ އޮޕަރޭޝަންތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ. މި އޮޕަރޭޝަންތަކުގެ ދަށުން، ގަވާއިދާ ޚިލާފަށް އުޅޭ މީހުން ހޯދައި، އެމީހުން ރާއްޖެއިން ފޮނުވާލުމުގެ (ޑިޕޯޓުކުރުމުގެ) މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާނެއެވެ.

ބިދޭސީންގެ މައްސަލައަކީ ވޭތުވެދިޔަ ސަރުކާރުތަކުން އެކަށީގެންވާ ސަމާލުކަމެއް ނުދީ ދޫކޮށްލާފައިވާ މައްސަލައަކަށް ވީނަމަވެސް، މި ސަރުކާރުން ވަނީ މިކަމަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުގެ ދަށުން، ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މީގެ ދެ އަހަރު ކުރިން ކ. ހިންމަފުށީގައެވެ.

މި މަސައްކަތުގެ ތެރެއިން މިހާތަނަށް ގިނަ ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން ކުށުގެ ވެށީގައި އުޅޭ ބިދޭސީން ވަގުތުން ޑިޕޯޓްކުރަމުންދާއިރު، މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅުނު 9،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލާފައެވެ.

ސަރުކާރުން ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ފުރުސަތުތަކެއްވެސް ފަހިކޮށްދީފައެވެ. މިއީ ރާއްޖޭގެ އަމަންއަމާންކަން ގާއިމުކޮށް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450