ޚަބަރު
ލާމަރުކަޒީ ޤާނޫނަށް ގެނައި 18 ވަނަ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު -- ފޮޓޯ : ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 18 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ 2026 މޭ 14 ވީ ބުރާސްފަތި ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.
މި އިޞްލާޙުގެ ދަށުން ގެނެވުނު އެންމެ ބޮޑު ބަދަލަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމެވެ. މިގޮތުން އޮތޯރިޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި، މުވައްޒަފުން އައްޔަނުކުރުމާއި ވަކިކުރުމާއި، އަދި މުވައްޒަފުންނާ ގުޅޭ އެހެނިހެން ކަންކަމުގައި ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ކަމަށް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތިން މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑު އެކުލަވައިލައި، ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައިގެން ފާސްކުރަންޖެހޭނެއެވެ.
ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އިދާރީ އޮނިގަނޑު އެކުލަވައިލުމަށް ވަކި މުއްދަތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ގިނަވެގެން 30 ދުވަހުގެ ތެރޭގައި އޮނިގަނޑު އެކުލަވައިލައި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅަންޖެހޭއިރު، އެ ކޮމިޝަނުން 15 ދުވަހުގެ ތެރޭގައި އެ އޮނިގަނޑު ފާސްކުރަންވާނެއެވެ. އަދި އޮނިގަނޑު ފާސްވާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ނޭޝަނަލް ޕޭ ކޮމިޝަނުން މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު ކަނޑައަޅައި ނިންމަންޖެހޭނެ ކަމަށްވެސް މި އިޞްލާޙުގައި ހިމަނާފައިވެއެވެ.
މި ބަދަލުތަކުގެ އިތުރުން، ރަށްރަށާއި ސިޓީތަކުގެ ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ޚިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ވަނީ ހިމަނާފައެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާއެކު، ލާމަރުކަޒީ ނިޒާމަށް ގެނެވުނު މި މުހިންމު އިޞްލާޙުތަކަށް މިހާރު ވަނީ ޢަމަލުކުރަން ފެށިފައެވެ.