Ads by Farudhun

ޚަބަރު

ޑައިވަރުންތައް ގެއްލުނު ހާދިސާ ހިނގި ސަރަޙައްދުގައި ކުރަމުންދާ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި

ޑައިވަރުންތައް ގެއްލުނު ހާދިސާ ހިނގި ސަރަޙައްދުގައި ކުރަމުންދާ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި

ރައީސް އެ ސަރަޙައްދަށް ވަޑައިގަތުން--

15 މޭ 2026، 06:47

ޑައިވަރުންތަކެއް ގެއްލުނު ހާދިސާ ހިނގި ސަރަޙައްދުގައި، އެމީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފި އެވެ.

ވ. އަތޮޅަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީވިލާތަށް ނިސްބަތްވާ 5 ޑައިވަރުން ގެއްލުނުކަމުގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ އިއްޔެ މެންދުރު 13:45 ހާއިރެވެ.

މި ޙާދިސާގައި ގެއްލުނު އިޓަލީވިލާތުގެ 5 ރައްޔިތުންގެ ތެރެއިން އެކެއްގެ ހަށިގަނޑު އިއްޔެ އިރުއޮއްސި 18:13 ހާއިރު ވަނީ މޫދު އަޑިން ފެނިފައެވެ. އަދި ބާކީތިބި 4 މީހުން ހޯދުމަށް  މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް އިން މިހާރު ވަނީ ހައި-ރިސްކް އޮޕަރޭޝަނެއް ފަށާފައެވެ. އެމްއެންޑީއެފުން ލަފާކުރާ ގޮތުގައި، ބާކީތިބި މީހުން ވީ ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ ކޭވްއެއްގައި ތާށިވެފައެވެ.

މި ޙާދިސާއާއި ގުޅިގެން އެ ސަރަޙައްދުގައި ސިފައިންގެ ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށްގެންދާއިރު، މިއަދު ހަވީރުގެ ވަޤުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ސަރަޙައްދަށް ދަތުރުކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ރައީސް ވަނީ އެ ސަރަޙައްދުގައި ކުރިއަށްދާ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވާ، ކުރިއަށް ސިފައިން ރާވާފައިވާ މަސައްކަތުގެ ތަފްޞީލްތައް ބައްލަވާލައްވާފައެވެ.

މިއީ ވަރަށް ނުރައްކާތެރި ހައި ރިސްކް އޮޕަރޭޝަނެއްކަން އެމްއެންޑީއެފްއިން ފާހަގަކުރައްވާފައިވާއިރު، މި އޮޕަރޭޝަން ހިނގާ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީ އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ސްރީލަންކާގައި ހުންނަވާ އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުވެސް މިވަގުތު ހުންނެވީ އެމްއެންޑީއެފްގެ އޮފިޝަލުންނާއެކު ޝިޕް ޣާޒީގައެވެ.

މި ޙާދިސާގައި، ގެއްލިފައިވާ ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އެމީހުން ފެނޭތޯ ހިންގަމުންދާ އޮޕަރޭޝަނަށްކަމަށް ރައީސް މިއަދު ވިދާޅުވެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450