ރިޕޯޓް
ތިން ރައީސުންގެ އިތުބާރެއް ނެތް "އަތްގުޅާލުން" – އަދުރޭގެ ހިސާބު ދިމާވޭ
ކުރީގެ ތިން ރައީސުން-- ފޮޓޯ : އެމްޑީޕީ
ދިވެހި ސިޔާސީ މަސްރަހަކީ ކޮންމެ ފަދަ މަންޒަރެއްވެސް ފެނިދާނެ ތަނެކެވެ. ނަމަވެސް، ރޭގައި ފެނިގެންދިޔަ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެއްބަޔަކު އަނެއްބަޔަކަށް އެންމެ ބޮޑަށް ފާޑުކިޔައި، ޒާތީ ހަސަދަވެރިކަން ބޭއްވި ތިން ރައީސުން ކަމަށްވާ ރައީސް ޔާމީން، ރައީސް ނަޝީދު އަދި ރައީސް ސޯލިހު އެކުގައި އަތްގުޅާލައިގެން ނުކުތް ނުކުތުމެވެ. އެހެންނަމަވެސް، މި "އަތްގުޅާލުމުގެ" ފަހަތުގައި އޮތީ އިޚުލާޞްތެރިކަމެއް ނޫންކަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ޖެއްސެވި ސިޔާސީ ހިސާބުން މިވަނީ ވަރަށް ބޮޑަށް ސާފުވެފައެވެ.
ކުރީގެ ތިން ރައީސުން އެކަތިގަނޑަކަށް ވެގެން ނުކުތް ކަމަށް ދެއްކި ނަމަވެސް، އެމީހުންގެ މެދުގައި އޮތީ ހަމައެކަނި ސިޔާސީ މަންފާގެ މަޞްލަޙަތުކަން އަބދުއްރަހީމް ވަނީ ފާޅުކަން ބޮޑު ގޮތެއްގައި މީގެ ކުރިން އެތައްފަހަރަކު ވިދާޅުވެފައެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ޖަގަހަ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، އެ ތިން ބޭފުޅުން އަތް ގުޅާލައިގެން ތިއްބެވި ނަމަވެސް، އެކަކު އަނެކަކަށް ކަންފުޅެއްގެ މިންވަރަށްވެސް އިތުބާރު ނުކުރާ ކަމަށެވެ. ގައުމީ މަސްލަހަތަށްޓަކައި ކުރާ ކަމެއްނަމަ ސަރުކާރުން އެކަމަށް މަރުހަބާ ކިޔާނެ ކަމަށާއި، ނަމަވެސް އެ ބޭފުޅުންގެ ހަރަކާތަކީ އަމިއްލަ ސިޔާސީ އެދުން އިސްކޮށްގެން ހިންގާ ކަމެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
މި ހަގީގަތް އެންމެ ބޮޑަށް ހާމަވެގެން ދިޔައީ ރައީސް ޔާމީންގެ ވާހަކަފުޅުންނެވެ. ތިން ބޭފުޅުން އެކުގައި މޭޒެއްގެ ދޮށުގައި ތިއްބެވި ނަމަވެސް، ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެ ބޭފުޅުންނާއެކު ކޯލިޝަނެއް ނުހައްދަވާ ކަމަށެވެ. މިއީ ސީދާ ރައީސް ނަޝީދާއި ރައީސް ސޯލިހަށް ދެއްވި "ރައްދެއް" ވަރަށް ރަނގަޅަށް އެނގި ފާޅުވެއެވެ. މާޒީގައި އެމްޑީޕީގެ ސަރުކާރަށް ނުހަނު ބޮޑަށް ފާޑުވިދާޅުވެ، މިއަދު އަލުން އެ ބޭފުޅުންނާއެކު ފެނިގެން ދިއުމަކީ ޔާމީންގެ "ދެފުށްކެހެރި" ސިޔާސަތު ހާމަވާ ކަމެކެވެ. އަމިއްލަ ލެޔަށް، އެމަނިކުފާނުގެ އަމިއްލަ ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ލޯބޯކޮށިވެފައި ވަނިކޮށް ޖަލަށްލީ މީހެއްގެ ހިތުގައި، ދިވެހި ދަރިންނަށް އޮންނާނީ ކޮން ކުލުުުނެއް ހެއްޔެވެ؟
ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މި ތިން ބޭފުޅުން ނުކުމެ ތިއްބެވިއިރު، މިއީ ހަގީގަތުގައި ޖޯކެކެވެ. ރައީސް ޔާމީންގެ ދައުރުގައި ނޫސްވެރިންނަށް ކުރި އަނިޔާތަކާއި، ރިލްވާނާއި ޔާމީން ރަޝީދަށް ވީގޮތާއި، ރާއްޖެ ޓީވީގައި ރޯކޮށްލި ހަނދާންތައް އަދިވެސް ވަނީ އާވެފައެވެ. އަނެއްކޮޅުން ރައީސް ނަޝީދުގެ ދައުރުގައި ރައީސް ޔާމީން ޖަލަށްލައި، ވީޓީވީއަށް ދިން ހަމަލާތަކަކީ ތާރީޚުން ފޮހެވޭނެ ކަންކަމެއް ނޫނެވެ.
ރައީސް ސޯލިހާއި ނަޝީދުގެ ގުޅުމަށް ބަލާއިރު، އެމްޑީޕީގެ އެތެރޭގައި އުފެދުނު ފެކްޝަންތަކާއި، އެކަކު އަނެކަކަށް ކުރި ތުހުމަތުތަކުން އެނގެނީ އެމީހުންގެ މެދުގައި އޮތް ނުތަނަވަސްކަމެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތުހުމަތުތައް ސޯލިހަށް އަމާޒުވިއިރު، ނަޝީދު ވިދާޅުވަމުން ދިޔައީ އެމްޑީޕީއަކީ ރައްޔިތުންނަށް ހެޔޮއެދޭ ބައެއް ނޫން ކަމަށެވެ. ނަމަވެސް މިއަދު އަލުން އެމްޑީޕީގެ ފިކުރަށް ތާއީދުކުރައްވާ ގޮތަށް ނަޝީދު ވާހަކަ ދެއްކެވުމަކީ ސިޔާސީ ގޮތުން ރައްޔިތުންނަށް އޮޅުވާލަން ކުރާ ކަމެކެވެ.
މިދިޔަ 15 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ފެނިގެންދިޔަ އެންމެ ހިތާމަވެރި މަންޒަރަކީ "އެކި އެމްވީ"ގެ ނޫސްވެރިޔާ ސުވާލު ކުރަން ފެށުމުން، އޭނާގެ އަތުން މައިކު އަތުލައި، ސުވާލު ކުރުމުގެ ހައްގު ނިގުޅައިގަތް މަންޒަރެވެ. މިއީ ނޫސްވެރިންގެ ހައްގުގައި ނުކުމެ ތިއްބެވި ބައެއްގެ ފަރާތުން ފެނިގެންވާނެ އަމަލެއް ނޫނެވެ.
މި ހުރިހާ ކަމަކުން އެނގެނީ، މި ތިން ބޭފުޅުންގެ މަގުސަދަކީ ނޫސްވެރިންގެ ހައްގު ނޫން ކަމެވެ. ޔާމީން ބޭނުންވަނީ މިހާރުގެ އެންމެ ހޫނު ވެފައިވާ މައްސަލަތަކުގެ ތެރެއިން ސިޔާސީ މަންފާ ހޯދާށެވެ. ނަޝީދާއި ސޯލިހު ބޭނުންވަނީ 2028 ގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ފަށައި، ޕާޓީގެ ކޮންޓްރޯލް ހޯދާށެވެ. އެހެންކަމުން، އަދުރޭ ވިދާޅުވި ފަދައިން، މި ތިން ރައީސުންނަކީ އެކަކު އަނެކަކަށް އިތުބާރު ކުރާ ބައެއް ނޫނެވެ. އެ ބޭފުޅުންގެ "އަތުގުޅާލުމަކީ" ހަމައެކަނި ބޭރުފުށުން ފެންނަ، ކޮންމެ ވަގުތަކުވެސް އެކަމުގެއަސަރު ކެނޑިދާނޭ ވަގުތީ ސިޔާސީ ކުޅިވަރެކެވެ.
ތިން ރައީސުންވެސް އެއްބަސްވެ ވަޑައިގަތީ ވަރިކަން ކުރެވިފައިވވަނީ ރަނގަޅަށް ނޫން ކަމަށެވެ. މި ތިން ރައީސުން މިއަދު އެކުގައި ފެންނަ ފެނުމަކީ، ދިވެހި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުޅޭ ސިޔާސީ ޑްރާމާއެއްގެ ފަހު މަންޒަރެވެ. އެކަކު އަނެކަކަށް "ވަގަށް" ގޮވައި، ޖަލަށްލާ، ލާއިންސާނީ އަނިޔާތައް ދިނުމުގައި ރެކޯޑް އޮތް ބަޔަކު، މިއަދު އެކުގައި މޭޒެއްގެ ދޮށުގައި ތިބެގެން "ހައްގުތަކުގެ" ވާހަކަ ދެއްކުމަކީ ހަގީގަތުގައިވެސް ދިވެހި ރައްޔިތުންގެ ބުއްދިއަށް ކުރާ މަލާމާތެކެވެ. މާޒީގެ ކަޅު ސަފުހާތަކަށް ނަޒަރު ހިންގާލާއިރު، މިއިން ކޮންމެ ބޭފުޅަކީވެސް އަނެކާގެ ސިޔާސީ ހަޔާތް ދުއްވާލުމަށް ކޮންމެފަދަ ކަމެއްވެސް ކުރަން ފަސްނުޖެހޭނެ ބައެއްކަން ވަނީ ސާބިތުވެފައެވެ.
އަމިއްލަ އާއިލީ ލޭގެ ގުޅުމަށްވުރެ ސިޔާސީ ބާރުވެރިކަން އިސްކުރި މީހަކާއި، ގައުމުގެ އަމާންކަން ނަގާލައި މަގުމަތީގެ ހަމަނުޖެހުމަށް ހިތްވަރުދިން މީހަކާއި، އަދި ނުފޫޒުގެ ބޭނުންކޮށްގެން ސިޔާސީ ދާއިރާ ބައިބައިކޮށްލި މީހަކު އެކުވުމުން އުފެދޭނީ "ޒަހަރުގެ ކޮކްޓެއިލް" އެކެވެ. މިއީ ގައުމުގެ އިސްލާހަށް ކުރާ މަސައްކަތެއް ނޫނެވެ. މިއީ އެ ބޭފުޅުންގެ ސިޔާސީ މަރުފަލިން ސަލާމަތްވުމަށްޓަކައި، ކިތަންމެ ނަފުރަތު ކުރާ ދުޝްމަނެއްގެ އަތުގައިވެސް ހިފަން ތައްޔާރަށް ތިބިކަމުގެ ހެތްކެކެވެ.
މިއަދު ރައްޔިތުން ސުވާލު ކުރަންވީ، އިއްޔެ އެކަކު އަނެކަކު ކަރުގަހިފާ، ބޮމުގެ ހަމަލާތައް ކުރިމަތި ކުރުވާ، ޖަލަށްލައި، ޓީވީ ސްޓޭޝަންތަކުގައި ރޯކޮށްލި މީހުން މިއަދު "މާ މާތް" ބަޔަކަށް ވެގެން ނުކުތުމުން އެމީހުންގެ އިޚުލާޞްތެރިކަން ހުރީ ކޮން މިންވަރަކަށްތޯއެވެ؟ މިއީ ހަމައެކަނި ބާރުގެ ދަހިވެތިކަމުގައި ކުޅޭ ނުރައްކާތެރި ކުޅިވަރެކެވެ. މި ތިން ބޭފުޅުންގެ މެދުގައި އޮތީ އިތުބާރެއް ނޫނެވެ. އޮތީ ބިރުވެރިކަމާއި، އެކަކު އަނެކަކު ބޭނުންކޮށްގެން މަތީ ފަންތިއަށް އެރުމުގެ ނުބައި ރޭވުމެވެ. އެހެންކަމުން، މި "އަތްގުޅާލުމަކީ" ގައުމަށް އޮތް އުންމީދެއް ނޫން، ގައުމާސް އޮތް ބޮޑު ބިރުވެރިކަމެކެވެ.