ދުނިޔެ

ކައިވެނީގެ ހަފްލާގައި ރެސްލިން މެޗެއް، ބަލިވާ މީހަކަށް މުޅި އުމުރަށް ގޭތެރޭގެ މަސައްކަތް!

ކައިވެނީގެ ހަފްލާގައި ރެސްލިން މެޗެއް، ބަލިވާ މީހަކަށް މުޅި އުމުރަށް ގޭތެރޭގެ މަސައްކަތް!

ކައިވެނީގެ ހަފްލާގައި ބޭއްވި ރެސްލިންގ މެޗު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 މޭ 2026، 09:53

17 މޭ 2026، 09:53

ޗައިނާގެ ހުޅަނގު ދެކުނު ޕްރޮވިންސެއް ކަމަށްވާ ގުއިޒޯގައި އާދަޔާ ހިލާފު ކައިވެނީގެ ހަފްލާއެއް ބާއްވައިފިއެވެ. މި ހަފްލާގައި ދެމަފިރިން ވަނީ ރެސްލިން މެޗެއް ކުރިއަށް ގެންގޮސް، އޭގެއިން ބަލިވާ މީހަކު މުޅި އުމުރަށް ގޭތެރޭގެ މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ.

މިދިޔަ މެއި މަހުގެ ކުރީކޮޅު ޒޫންޔީ ސިޓީގެ ހޮޓަލެއްގައި ބޭއްވި މި ހަފްލާ އިންތިޒާމުކުރީ ޕްރޮފެޝަނަލް ރެސްލަރެއް ކަމަށްވާ ހީ ޔިންޝެންގް އާއި އޭނާގެ އަންހެނުންނެވެ. ސަގާފީ ކައިވެނީގެ ސްޓޭޖެއްގެ ބަދަލުގައި، އެ ދެމަފިރިން ބޭނުންކުރީ ރެސްލިން ރިންގެކެވެ. އަދި އެތަނުގައި "ގްރޫމް ވާސަސް ބްރައިޑް" (ފިމިހާ އާއި އަނބިމީހާގެ ކުރިމަތިލުން) މި ނަމުގައި ބޮޑު ސްކްރީނަކުން އިޝްތިހާރުކޮށްފައިވެއެވެ.

މި މެޗު ކުރިއަށް ގެންގޮސްފައިވަނީ ތިން ބުރުގެ ކުރިމަތިލުމަކަށް ބަހާލައިގެންނެވެ. މެޗުގެ ގަވާއިދަކީ ބަލިވާ ފަރާތުން ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރުމެވެ. މެޗު ފެށުމުގެ ގޮތުން ޕްރޮފެޝަނަލް ރެސްލަރުންތަކެއް ވަނީ ރިންގަށް އަރައި ވަރުގަދަ ހަރަކާތްތަކެއް ދައްކާފައެވެ. މި މަންޒަރުތައް ބަލަން ތިބި މީހުންނާއި ކުޑަކުދިން ތިބީ ވަރަށް ބޮޑަށް ޝައުގުވެރިވެފައެވެ.

މެޗުގެ އެންމެ ފަހު މަރުހަލާގައި ރިންގަށް އެރީ އަލަތު ދެމަފިރިންނެވެ. ބެލުންތެރިންގެ ފޯރިއާއެކު ކުރިއަށްދިޔަ މި މެޗުގައި، އަނބިމީހާ ވަނީ ވަރަށް ހުށިޔާރުކަމާއެކު ފިރިމީހާގެ ހަމަލާތަކުން ސަލާމަތްވެ، އޭނާ ބިންމައްޗަށް ވައްޓާލާފައެވެ. މެޗުގެ ރެފްރީ ވަނީ އަނބިމީހާ މޮޅުވިކަން އިއުލާންކޮށް، އޭނާއަކީ މުޅި އުމުރަށް ގޭތެރޭގެ މަސައްކަތްތަކުން މިނިވަންވެފައިވާ މީހެއްކަމަށް ކަނޑައަޅާފައެވެ.

ހީ ޔިންޝެންގް ބުނި ގޮތުގައި، މިއީ ކުރިން ރޭވިގެން ކުރިއަށްދިޔަ ކަމެއް ނަމަވެސް، ހުރިހާ ހަރަކާތްތަކެއްގައިވެސް ސަލާމަތީ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީފައިވާނެއެވެ. އޭނާ މެޗުން ބަލިވާން ނިންމީ އޭނާގެ އަންހެނުން ގޭތެރޭގެ ބުރަ މަސައްކަތްތައް ކުރަން ޖެހުމަކީ އޭނާ ބޭނުންވާ ގޮތް ނޫން ކަމަށްވާތީއެވެ.

މިފަދަ ތަފާތު ގޮތަކަށް ކައިވެނީގެ ހަފްލާ ބޭއްވުމުގެ ހިޔާލު އައީ، ކައިވެނީގެ ހަރަދުތައް ބޮޑުވަމުން ދިޔުމުން، ލަވަކިޔުންތެރިންނާއި ނަށާ މީހުން ގެނައުމުގެ ބަދަލުގައި އަމިއްލަ ދާއިރާގެ ކަމެއް ހިމަނަން ބޭނުންވުމުންނެވެ. އޭނާގެ އާއިލާއިން މިކަން ފުރިހަމައަށް ފުރަތަމަ ފަހަރަށް ފަހުމް ނުވި ނަމަވެސް، ދެމަފިރިންގެ ނިންމުމަށް އިހުތިރާމްކުރިއެވެ.

މި ހަފްލާގައި 300 އެއްހާ މީހުން ބައިވެރިވިއިރު، މިއީ އެމީހުން އުންމީދު ކުރި މިންވަރަށްވުރެ ގިނަ އަދަދެކެވެ. ހީ ޔިންޝެންގް އުންމީދު ކުރަނީ މި ހަފްލާގެ ސަބަބުން ޗައިނާގައި ޕްރޮފެޝަނަލް ރެސްލިންއަށް އޮތް ތަރުހީބު އިތުރުވެގެންދާނެ ކަމަށެވެ.


 
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450