ދުނިޔެ
އަބޫދާބީގެ ބަރަކާ ނިއުކްލިއާ ޕްލާންޓް ކައިރިއަށް ޑްރޯން ހަމަލާއެއް ދީފި
ނިއކުްލިއަރ ޕްލާންޓް ކައިރިއަށް ދިން ހަމަލާގައި އެތަނުން ދުން އަރަނީ
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީގައި ހުންނަ ބަރަކާ ނިއުކްލިއާ ޕަވާ ޕްލާންޓްގެ ބޭރަށް ދިން ޑްރޯން ހަމަލާއެއްގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޕްލާންޓުގެ ވަށައިގެންވާ ސަރަހައްދުން ބޭރުގައެވެ.
ޔޫއޭއީގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި ޕްލާންޓުގެ ނިއުކްލިއާ ރައްކާތެރިކަމާ ގުޅޭ އެއްވެސް އޮޕަރޭޝަނަކަށް މީގެ ސަބަބުން ބުރޫއެއް އަރާފައި ނުވާކަމަށް އެ ގައުމުން ވަނީ ކަށަވަރުކޮށްދީފައެވެ.
ބަރަކާ ނިއުކްލިއާ ޕްލާންޓަކީ ޔޫއޭއީގައި ހުންނަ ހަމައެކަނި ނިއުކްލިއާ ހަކަތަ އުފައްދާ މަރުކަޒެވެ. ސައުދީ އަރަބިއްޔާގެ ބޯޑަރު ކައިރީގައި، އެމިރޭޓްސްގެ ހުޅަނގު އައްސޭރީގައި ހުންނަ މި ޕްލާންޓަކީ ތެލުގެ ބަދަލުގައި އެހެން ވަސީލަތްތަކުން ހަކަތަ އުފެއްދުމަށް ޔޫއޭއީން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ. މި ޕްލާންޓުގައި ދެކުނު ކޮރެއާގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ހަތަރު ރިއެކްޓަރު ޔުނިޓް ހުރެއެވެ.
މީގެ ކުރިންވެސް ޔަމަނުގެ ހޫތީން ވަނީ ބަރަކާ ޕްލާންޓަށް މިސައިލް ހަމަލާ ދިން ކަމަށް ދައުވާކޮށްފައެވެ. ނަމަވެސް އޭރު ޔޫއޭއީން ވަނީ އެކަން ދޮގުކޮށް، އެ ގައުމުގެ ދިފާއީ ނިޒާމުން އެފަދަ ނުރައްކާތައް ހުއްޓުވާފައިވާ ކަމަށް ބުނެފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ ސަރަހައްދީ މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ދާދި ފަހުން ޔޫއޭއީގެ އިރުމަތީ އައްސޭރީގައި އޮންނަ ފުޖައިރާގެ ތެޔޮ ރައްކާކުރާ ތަނަކަށް އީރާނުން ދިން ޑްރޯން ހަމަލާއެއްގައި އިންޑިއާގެ ތިން މީހަކު ވަނީ ޒަހަމްވެފައެވެ. އެ ހަމަލާގެ ވަގުތުގައި ޔޫއޭއީގެ އަސްކަރިއްޔާއިން ވަނީ ގިނަ އަދަދެއްގެ މިސައިލްތަކެއް ހުއްޓުވާފައެވެ.
މުހައްލިލުން އިންޒާރު ދޭ ގޮތުގައި، ޔޫއޭއީގެ ބަރަކާ ޕްލާންޓަށް ނުވަތަ އީރާނުގެ ބުޝެހެރު ނިއުކްލިއާ ފެސިލިޓީއަށް ސީދާ ހަމަލާއެއް އަމާޒުވެއްޖެނަމަ، މުޅި ސަރަހައްދަށް ބޮޑު ކާރިސާއެއް ކުރިމަތިވެދާނެއެވެ. މިފަހަރުގެ ހަމަލާ ދިނީ ކޮން ބައެއްކަން ޔޫއޭއީން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.