ރިޕޯޓް
"މިއަދު އިންދާ އޮށަކުން މާދަމާގެ މޭވާ ލިބޭނެ"
ފޮޓޯ: ފަރުދުން
ފަރުދުން
17 މޭ 2026، 09:15
17 މޭ 2026، 09:15
ކޮންމެ ކަމެއްގައިވެސް ވަގުތުން ވަގުތަށް ނަތީޖާ ފެނުމަކީ އިންސާނީ ތަބީޢަތް އެދޭ ގޮތެވެ. އިންސާނުންގެ މިޒާޖު ހުންނަ ގޮތުން، ކުރާ މަސައްކަތެއްގެ ފައިދާ ވަގުތުން ލިބުމަށް އަބަދުވެސް އެދެވެއެވެ. ނަމަވެސް، ދުނިޔޭގެ ހަޤީޤަތަކީ ބައެއް ކަންކަމަކީ އެ ކަމެއް ކުރުމުން އޭގެ ނަތީޖާ ފެނުމުގައި ލަސްކަމެއް ހުންނަ ކަންކަމެވެ. އެ ވަގުތު އެ ކަމެއް ކުރުމުން، އެއީ މާ މުހިންމު ކަމެއް ކަމުގައި ގިނަ ބަޔަކަށް ނުފެނިދާނެއެވެ. ނުވަތަ އެއީ ފައިދާހުރި ކަމެއްކަން ޤަބޫލުކުރަން ދަތިވެދާނެއެވެ. މިއީ ފަހުން ލިބޭ ބޮޑު އުފަލަކަށްޓަކައި މިއަދު އުފުލާ ބުރައިގެ ފަލްސަފާއެވެ. ވަގުތީ އުފަލާއި އަރާމު ދޫކޮށްލުމަށްފަހު، ދުރު ރާސްތާގެ ކާމިޔާބީއަކަށް އަމާޒުހިފުމަކީ ހިތްވަރާއި ކެތްތެރިކަން ބޭނުންވާ ކަމެކެވެ. މިއަދު އިންދާ މުޑުވައް ގަހަކަށްވެ، މޭވާ އަޅަން އެތައް އަހަރެއް ނަގާފަދައިން، އިންސާނީ ތަރައްޤީ އާއި ކުރިއެރުމަށް ކުރާ ހޭދައިގެ ނަތީޖާ ފެންނަންވެސް ވަގުތު ނަގާނެއެވެ.
މިފަދަ ބައެއް ކަންކަމުގެ ތެރޭގައި، މުސްތަޤުބަލަށްޓަކައި ކުރާ އިންވެސްޓްމަންޓްތައް ހިމެނެއެވެ. ތަޢުލީމު ހާސިލުކުރުމަށް ކުރާ ހޭދަ އާއި މުސްކުޅިވުމުން ފަހުން އޭގެ ފައިދާ ކުރާނެ ގޮތަށް އެކުލަވާލާ ރިޓަޔަރމަންޓް ޕްލޭންތަކަކީ މީގެ ހެއްކެކެވެ. މިއީ އަމިއްލަ ދިރިއުޅުން އާރާސްތުކުރުމަށްޓަކައި، ފަރުދީ ގޮތުން މީހުން އުފުލާ ބުރައެކެވެ. މިއަދު ލިބޭ އާމްދަނީން ބައެއް އުނިކޮށް، މާދަމާގެ ރައްކާތެރިކަމަށްޓަކައި ފަހަށް ރައްކާކުރަނީ، ދުރު ރާސްތާގައި އޭގެ މަންފާ މާ ބޮޑުވާނެކަން ޔަޤީންވާތީއެވެ. ބެލެނިވެރިން އެމީހުންގެ އަމިއްލަ އެތައް އުފާތަކެއް ޤުރުބާންކުރުމަށްފަހު، ދަރިންގެ ތަޢުލީމަށް ބޮޑެތި ހޭދަތައް ކުރަނީވެސް ހަމަ މި ސަބަބަށްޓަކައެވެ.
ފަރުދީ ދިރިއުޅުމެކޭ އެއްފަދައިން، ޤައުމެއްގެ މުސްތަޤުބަލަށްޓަކައިވެސް މި ވިސްނުމުގައި ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުރެއެވެ. ޤައުމު ބިނާކުރުމަކީ ހަމައެކަނި ކޮންކްރީޓް އިމާރާތްތަކެއް ނެގުމާއި، ބޮޑެތި ބްރިޖުތަކާއި މަގުތައް ހެދުމެއް ނޫނެވެ. އެއީ އުފެއްދުންތެރި، ޤާބިލު، ޒިންމާދާރު އަދި އަޚުލާޤު ރަނގަޅު ޖީލެއް ބިނާކުރުމެވެ. ކަންކަމާ ކުރިމަތިލާން ކެރޭ، ޤައުމީ ދަރިންތަކެއް އުފެއްދުމަކީ ޤައުމެއްގެ ދެމިއޮތުމަށް އެންމެ މުހިންމު ކަންތަކެވެ. މިއަދު މިކަން ނުކޮށްފިނަމަ، މާދަމާ އޭގެ ހިތި ނަތީޖާ ފެނި، ފޫނުބެއްދޭވަރުގެ ގެއްލުންތަކާ ޤައުމު ކުރިމަތިލާން ޖެހިދާނެއެވެ.
މަގުމަތިވެ، މަސްތުވާތަކެތީގެ ވަބާގައި ޖެހި، ބިކަވެފައިވާ ޒުވާނުންތަކެއްގެ ބަދަލުގައި، އަޚުލާޤާއި ސުލޫކު ރަނގަޅު، ދީނަށް ލޯބިކުރާ ޒުވާނުންތަކެއް އުފެއްދުމަކީ މިއަދު ކުރަން މަޖުބޫރުވެފައިވާ ކަމެކެވެ. ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންމެ އަހަރަކު ސްކޫލް ނިންމާ ކުދިންގެ ތެރެއިން 2،000 އާއި 3،000 އާ ދެމެދުގެ އަދަދެއްގެ ކުދިންނަށް އޭލެވެލްގައި ކިޔެވުމުގެ ފުރުޞަތު ނުލިބެއެވެ. އަދި 500 އާއި 1،000 އާ ދެމެދުގެ އަދަދެއްގެ ކުދިންނަށް ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ގެއްލެއެވެ. މިފަދަ ޒުވާނުންނަށް ރަނގަޅު މިސްރާބެއް ނުދެއްކިއްޖެނަމަ، އެ ކުދިން ވެއްޓިގެންދާނީ ކުށްކުރުމުގެ ވެއްޓަށެވެ. އެހެންކަމުން، ޤައުމަށް ދިމާވެދާނެ އުދުވާނަކުން ސަލާމަތްވުމަށް ތައްޔާރުކުރެވޭ ބައެއްގެ ގޮތުގައި އެކަނި ނޫން ގޮތަކަށް، މުޅި ޤައުމުގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމަށްވެސް މި ޒުވާނުން ބިނާކުރުން މުހިންމެވެ.
ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްއާ ގުޅިގެން ބެލެނިވެރިއަކު ސޯޝަލްމީޑިއާގައި ލިޔެފައިވާ ޕޯސްޓެއް---
މި އަމާޒަށް ވާސިލުވުމަށްޓަކައި، ސަރުކާރުން މިހާރު ފަށާފައިވާ "ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް" އަކީ ތަޢުރީފު ހައްޤު، މުހިންމު މަސައްކަތެކެވެ. އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން، ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި 5،000 ޒުވާނުން ތަމްރީނުކުރުމަށް ވަނީ އަމާޒުހިފާފައެވެ. އޭގެ ތެރެއިން 4،000 ޒުވާނުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް އަދި 1،000 ޒުވާނުން ދިވެހި ފުލުހުންގެ ޚިދުމަތަށް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު 400 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ޒުވާނަކަށް މަހަކު 6،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގެ ތެރެއިން ރާއްޖޭގެ 112 ރަށަކުން ޖުމްލަ 343 ޒުވާނުން ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 113 ޒުވާނުންނާއި، 18 އަހަރުން މަތީގެ 230 ޒުވާނުން ހިމެނެއެވެ. ޖުމްލަ 343 ބައިވެރިންގެ ތެރެއިން 280 ޒުވާނުންނަކީ ފިރިހެނުން ކަމަށްވާއިރު، 63 ޒުވާނުންނަކީ އަންހެނުންނެވެ. ޅ. މާފިލާފުށީގައި ތިން މަސްދުވަހުގެ މުއްދަތަށް ހިންގާ މި ތަމްރީނުތަކުގައި، ޤައުމިއްޔަތާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕްގެ އިތުރުން ފުރަތަމަ އެހީއާއި ފަތަން ދަސްކޮށްދިނުން ފަދަ މުހިންމު ހުނަރުތައް ދަސްކޮށްދެއެވެ. މި ޒުވާނުންގެ އަޒުމާއި ހިތްވަރަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، "ޤައުމުދެކެ ލޯބިވާ ޒުވާން ޖީލެއް ބިނާކުރުމަކީ 50 ބުރީގެ އިމާރާތެއް ބިނާކުރުމަށްވުރެވެސް ޤައުމަށް މާ މުހިންމު ކަމެކެވެ." މިއީ ހަމައެކަނި އަސްކަރީ ތަމްރީނެއް ނޫނެވެ. މިއީ ދިރިއުޅުމުގެ ރިވެތި އާދަތަކާއި، ވަގުތަށް ކަމޭހިތުމާއި، އެކަކު އަނެކަކަށް އިޙުތިރާމުކުރުން ދަސްކޮށްދޭ ފުރިހަމަ ތަރުބިއްޔަތެކެވެ.
މި ޕްރޮގްރާމުގެ ސަބަބުން ޒުވާނުންނަށް އަންނަމުންދާ ހެޔޮ ބަދަލުތައް މިއަދު މުޖުތަމަޢުން ދަނީ ފެންނަމުންނެވެ. ސޯޝަލް މީޑިއާގައި ބެލެނިވެރިން ހިއްސާކުރަމުންދާ އުފާވެރި ޝުޢޫރުތަކުން މިކަން ސާބިތުވެއެވެ. ފޭސްބުކް އަދި އެކްސް ފަދަ މަންސަތަކުގައި ބެލެނިވެރިން ލިޔެފައިވާ ޕޯސްޓުތަކަށް ބަލާއިރު، ތަމްރީނު ފުރިހަމަކުރުމަށްފަހު އެނބުރި އަންނަ ދަރިންގެ ކިބައިން ފެންނަ އަޚުލާޤީ ރިވެތި ސިފަތަކާއި، ޒިންމާދާރުކަމުގެ ވާހަކަތައް ދަނީ ފަޚުރުވެރިކަމާއެކު ފާހަގަކުރަމުންނެވެ. ފަތިސް ނަމާދަށް ހޭލުމާއި، އަމިއްލަ ކަންކަން އަމިއްލައަށް ކުރުމާއި، މައިންބަފައިންނަށް އިޙުތިރާމުކުރުން ފަދަ ރީތި އާދަތައް އެ ކުދިންގެ ކިބައިގައި އަށަގަނެފައިވާކަން ބެލެނިވެރިން ފާހަގަކުރެއެވެ. ބައެއް ބެލެނިވެރިން ފާހަގަކޮށްފައިވާ ގޮތުގައި، ކުރިން ގޭގައި އެއްވެސް ކަމެއް ނުކޮށް، ފޯނާ ކުޅެން ތިބޭ ކުދިން މިހާރު ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވެދެއެވެ. މިއީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ކުރެވޭ އުއްމީދީ މަސައްކަތެއްކަން މިކަމުން ހާމަވެއެވެ.
މިއަދު މި ކުރެވޭ އިންވެސްޓްމަންޓުގެ ފައިދާ ވަގުތުން ނުފެނުނު ކަމުގައިވިޔަސް، މާދަމާގެ ދިވެހިރާއްޖެ ހިންގަން ތިބޭނީ މި ތަމްރީނުތަކުން ނުކުންނަ، ޤާބިލު އަދި ޒިންމާދާރު ޒުވާނުންނެވެ.