ދުނިޔެ
އެމެރިކާގެ މަނަވަރުތަކަށް އޮމާން ކަނޑު "ގަބުރުސްތާނަކަށް" ހަދާނަން : އީރާން
އެމެރިކާގެ މަނަވަރެއް ގަލްފް ކަނޑުގެ ސަރަޙައްދުގައި ފޮޓޯ: އިންޓަނެޓް
ގަލްފު ސަރަހައްދުގައި އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ހުއްޓާނުލައިފިނަމަ، އޮމާން ކަނޑަކީ ބޭރުގެ މަނަވަރުތަކުގެ "ގަބުރުސްތާނަކަށް" ވެދާނެ ކަމުގެ ވަރުގަދަ އިންޒާރެއް އީރާނުން ދީފިއެވެ.
މި އިންޒާރު ދެއްވީ އީރާނުގެ މަތީ ފަންތީގެ އަސްކަރީ މުޝީރު މޭޖަރ ޖެނެރަލް މުޙްސިން ރިޒާއީއެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ގަލްފު ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ބަންދުތަކަކީ ހަނގުރާމައިގެ އަމަލެއް ކަމަށް އީރާނުން ދެކޭ ކަމަށާއި، އެކަމަށް ރައްދު ދިނުމުގެ ފުރިހަމަ ހައްގު އީރާނަށް ލިބިގެންވާ ކަމަށެވެ. އަދި އީރާނުން މިހާތަނަށް ދައްކަމުން އައި ކެތްތެރިކަމަކީ ބަލިކަށިކަމެއްގެ ގޮތުގައި ނުބެލުމަށްވެސް އޭނާ އެމެރިކާއަށް ގޮވާލެއްވިއެވެ.
ރިޒާއީ އިތުރަށް ވިދާޅުވި ގޮތުގައި، ފިނި ހަނގުރާމައިގެ ދުވަސްވަރު އެމެރިކާ ސިފައިން އެ ސަރަހައްދުގައި ތިބި ތިބުމުގެ ބޭނުމެއް މިހާރަކު ނެތެވެ. ހޯރްމޫޒް ކަނޑުއޮޅި ބައިނަލްއަގުވާމީ ވިޔަފާރިއަށް ހުޅުވާލެވިފައި އޮތް ނަމަވެސް، ބޭރުގެ އަސްކަރީ ބާރުތައް ސަރަހައްދަށް ޖަމާކުރުމަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، މުޅި މެދުއިރުމަތީގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ޕާކިސްތާނުން މެދުވެރިވެގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އަލުން ހަމަނުޖެހުން އުފެދިދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ. އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖަރުމަނުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކުން ގިނަ އަދަދެއްގެ ހަތިޔާރު ހިފައިގެން އެމެރިކާގެ މަތިންދާބޯޓުތައް މިހާރު ވަނީ ތަލް އަބީބަށް ގޮސްފައެވެ. މިއީ އީރާނާ ދެކޮޅަށް ދީފާނެ ހަމަލާއަކަށް ވަމުންދާ ތައްޔާރީތަކެއް ކަމަށް ބެލެވެއެވެ.
މި ދަނޑިވަޅުގައި، ސައުދީ އަރަބިއްޔާއާއި ޔޫއޭއީއަށް އަމާޒުކޮށް ދެމުންދާ ޑްރޯން ހަމަލާތައް ގަލްފުގެ ގައުމުތަކުން ވަނީ ކުށްވެރިކޮށްފައެވެ. ކުވެއިތާއި ގަތަރުން ސައުދީއާއެކު ތިބިކަން ހާމަކުރިއިރު، އޮމާނުން ވަނީ ޔޫއޭއީގެ ބަރަކާ ނިއުކްލިއަރ އިންޖީނުގެއަށް ދިން ހަމަލާ ކުށްވެރިކޮށް، ހުރިހާ ފަރާތްތަކަކުންވެސް ކެތްތެރިކަން އިސްކުރުމަށް ގޮވާލާފައެވެ.
އަނެއްކޮޅުން، އިސްރާއީލުން އިރާގުގެ ހުޅަނގު ސަހަރާގައި ސިއްރު އަސްކަރީ މަރުކަޒުތަކެއް ގާއިމުކޮށްފައިވާ ކަމަށް ފެތުރިފައިވާ ޚަބަރުތައް އިރާގު ސަރުކާރުން ވަނީ ދޮގުކޮށްފައެވެ. އިރާގުގެ އަސްކަރީ ތަރުޖަމާނު ސަބާހު އަލް-ނޫމާން ވިދާޅުވީ، އެ ގައުމުގެ ބިން އަވަށްޓެރި އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރުމުގެ ފުރުސަތު ނުދޭނެ ކަމަށާއި، ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.