ޚަބަރު
ރައީސް މުޢިއްޒު ހިރިމަރަދޫ ކައުންސިލާއި އަތޮޅު ކައުންސިލްތައް އުވާލައްވައިފި
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
އައްޑޫ ސިޓީގެ މީދޫ އަދި ހުޅުދޫ ކައުންސިލްގެ އިދާރާތައް އަލަށް އުފައްދަވައި، ހދ. ހިރިމަރަދޫ ކައުންސިލާއި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލްތަކެއް 2026 މޭ 17 ވަނަ ދުވަހުން ފެށިގެން އުވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.
މި ބަދަލާއެކު، ޤަރާރު ނަންބަރު 2025/33 އާއި 2025/34 އަށް ރިޢާޔަތްކުރައްވައި "އައްޑޫ މީދޫ" އަދި "އައްޑޫ ހުޅުދޫ" އަށް ވަނީ ވަކި ރަށު ކައުންސިލް އިދާރާތަކެއް އުފައްދަވާފައެވެ.
މީގެ އިތުރުން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ހިމެނޭ ސަރަޙައްދަކީ "އައްޑޫ ސިޓީ" ގެ ނަމުގައި ހިންގާ ވަކި އިދާރީ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އޮނިގަނޑުވެސް ވަނީ އަލުން ތަރުތީބުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައިވާ ގޮތުން، ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީތަކުގައި ނަންބަރު ޖެއްސެވުމުގައި "އައްޑުއަތޮޅު އައްޑޫ މީދޫ ކައުންސިލްގެ އިދާރާ" އަށް 1140 އަދި "އައްޑުއަތޮޅު އައްޑޫ ހުޅުދޫ ކައުންސިލްގެ އިދާރާ" އަށް 1141 ބޭނުންކުރުމަށް ވަނީ ހަމަޖައްސަވާފައެވެ. އަދި މި އިދާރާތަކުގެ ނަން އިނގިރޭސި ބަހުން ބޭނުންކުރާނެ ގޮތްވެސް މިހާރު ވަނީ އާންމުކުރައްވާފައެވެ.
ހދ. ހިރިމަރަދޫ ކައުންސިލް އުވާލެއްވުމަށް ނިންމެވީ، އެ ރަށުގެ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމަވައި، ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީއެވެ. މި ނިންމެވުމަށް ޢަމަލުކުރަން ފަށާނީ 2026 މޭ 17 ވަނަ ދުވަހުން ފެށިގެންނެވެ.
އަތޮޅު ކައުންސިލްތައް އުވާލެއްވުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 17 ވަނަ އިޞްލާޙާ ގުޅިގެން ނިންމެވި ނިންމެވުމެކެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވައި، އިންތިޚާބުކުރެވޭ އައު މެންބަރުން މަގާމާ ހަވާލުވުމާއެކު މިހާރު ހުރި އަތޮޅު ކައުންސިލްތަކާއި އެ ކައުންސިލްތަކުގެ އިދާރާތައް އުވޭނެއެވެ.