Ads by Farudhun

ޚަބަރު

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް މުޢިއްޒު ބައްލަވާލައްވައިފި

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް މުޢިއްޒު ބައްލަވާލައްވައިފި

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލެއްވުން. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 މޭ 2026، 06:29

18 މޭ 2026، 06:29

މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޖަމްޝީދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، ކަމާބެހޭ ފަރާތްތަކުން ވަނީ މަޝްރޫޢުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި ކުރިއަށްދާގޮތުގެ ތަފްސީލީ މަޢުލޫމާތު އެ މަނިކުފާނާއި ޙިއްސާކުރައްވާފައެވެ. ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފޭސް 1ގައި ހިމެނޭ ތިން ސެގްމެންޓެއްގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 700 މީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރަޙައްދު ތަރައްޤީ ކުރަނީ ކުރިން ނިމިފައިވާ ދެ ސެގްމެންޓާ އެއް ފަރުމާއަކަށެވެ. އެމްޓީސީސީން މަޢުލޫމާތު ދޭގޮތުގައި، ސެގްމެންޓް 1، 2 އަދި 3 ގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާނީ ހުރިހާ ބައެއް އެކީގައެވެ. އަދި އަންނަ ޖޫން މަހުގެ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި މަޝްރޫޢުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް އަންނާނީ ތިންވަނަ ސެގްމަންޓަށެވެ. އެ ސަރަޙައްދުގައި މަގުން ބޭރަށް ބައެއް ހިއްކައިގެން 500 ސައިކަލު ޕާކު ކުރެވޭނެ ބޮޑު ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. މި ޕާކިން ޒޯނަށްޓަކައި ބަނދަރުގެ ތެރެއިން ގާތްގަނޑަކަށް 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަހައްދެއް މިހާރު ވަނީ ހިއްކާ ނިންމާފައެވެ.

އެމްޓީސީސީގެ އަމާޒަކީ އަންނަ ޖުލައި މަހުގެ ތެރޭގައި މަގުގެ ހުރިހާ މަސައްކަތްތަކެއް ނިންމައި، އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމެވެ. މި މަޝްރޫޢު ނިމުމުން މާލޭގެ އުތުރު ފަރާތުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބި، ޕާކިންގެ މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެކަމަށް ޤަބޫލުކުރެވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450