ޚަބަރު
ދެ އަހަރާއި ބައިގެ ތެރޭގައި 1100 ހެކްޓަރުގެ ބިން ހިއްކައިފިން : ރައީސް
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު -- ފޮޓޯ : ފަރުދުން
ރާއްޖެ ތަރައްޤީކުރުމަށް ސަރުކާރުން ފަށާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ދަށުން، ފާއިތުވި ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 1100 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގުޅިގެން ކުރިއަށްގެންދިޔަ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އުމްރާނީ ތަރައްޤީއަކީ ޤައުމެއްގެ ކުރިއެރުމުގެ މައިބަދަ ކަމަށާއި، އެކަމަށް އަމާޒުކޮށްގެން ފާއިތުވި ދުވަސްތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ. މިގޮތުން ރަސްމާލޭގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގެ 21 ރަށަކުން ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ބޯހިޔާވަހިކަން ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ނިންމުމަށް ވެސް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ. މިގޮތުން ހުޅުމާލެ ފޭސް 3 އިން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި، ގިރާވަޅުފަޅާއި ގުޅިފަޅު ހިއްކުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަމަށެވެ. އަދި ރަސްމާލެ އާއި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫޢު ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އަދުގެ ސަރުކާރުން ގޯތި ދޭނީ ބިން ހިއްކުމަށްފަހު ކަމަށާއި، ކުރީ ސަރުކާރުން އެކަމަށް އިސްކަންދީފައި ނުވާ ކަމަށެވެ. އަދި ފަހިދިރުއުޅުން ކޯޕަރޭޝަނުން އަޅާ ފްލެޓްތަކުގެ ތެރެއިން ނުނިމި ހުރި ތަންތަން ނިންމައި، މީހުން ވަދެފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަތޮޅުތެރޭގެ ތަރައްޤީއަށްޓަކައި 900 ހައުސިން ޔުނިޓް އެޅުމަށް މިހާރު ހަވާލުކޮށްފައިވާއިރު، މާލެ ސަރަހައްދުގައި 4000 ޔުނިޓްގެ މަސައްކަތް ދަނީ ހިނގަމުންނެވެ. މީގެ އިތުރުން އިންޑިއާގެ އެލްއޯސީގެ ދަށުން 4000 ޔުނިޓާއި، ޗައިނާގެ އެހީގައި 500 ޔުނިޓް އެޅުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.