ޚަބަރު
ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއެކު ހައުސިންގ ލޯނު ދޫކުރުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދަނީ: ރައީސް
ރައީސްުލްޖުމުޙުރިއްޔާ ޑރ މުހައްމަދު މުއިއްޒު -- ފޮޓޯ : ފަރުދުން
ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ އެކި މަޝްރޫޢުތަކުގެ އިތުރުން، އަމިއްލަ ފަރާތްތަކަށް ގެދޮރު އެޅުމަށް ބޭނުންވާ ހައުސިންގ ލޯނު ދޫކުރުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް"ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައިވެސް ގިނަ އަދަދެއްގެ ބަޔަކަށް ބޯހިޔާވަހިކަމުގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި އަމިއްލަ ބޯހިޔާވަހިކަން ޤާއިމުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ އިސްކަންދިނީ ކުރީ ސަރުކާރުން ފަށާފައި ހުރި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންގޮސް ނިންމުމަށެވެ. އެގޮތުން، ކުރީ ސަރުކާރުން ފަށާފައިވާ 4000 ފްލެޓްގެ މަސައްކަތްތައް ނިންމައި، އޭގެ ޙައްޤުވެރިންނަށް އެތަންތަން ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ގޯތި ދޫކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ބިން ނުހިއްކާ ހުރި ތަންތަނުން ގޯތި ދޫކޮށްފައި އޮތް ނަމަވެސް، މި ސަރުކާރުގެ ސިޔާސަތަކީ އެފަދަ ކަންކަން ރަނގަޅު އުޞޫލެއްގެ ތެރެއިން ކުރިއަށްގެންދިއުން ކަމަށެވެ. އެގޮތުން، މި ސަރުކާރުން ރައްޔިތުންނަށް ގޯތި ހަވާލުކުރާނީ ބިން ހިއްކައި، އެތަންތަނަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަންތަނަށް ހެދުމަށްފަހުގައިކަމަށް ރައީސް ތަކުރާރުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބޯހިޔާވަހިކަމުގެ މައްސަލައަކީ މި ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭ އެއް ދާއިރާކަމަށާއި، ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް މި މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.