ޚަބަރު
އަތޮޅު އޮފީސްތައް ހިންގާނީ ސިޔާސީ ވެރިން ނުލައި އެލް.ޖީ.އޭގެ ގޮފިތަކެއްގެ ގޮތުގައި: ރައީސް
ރައީސުލްޖުމުހޫިރއްޔާ ޑރ މުހައްމަދު މުއިއްޒު -ފޮޓޯ : ފަރުދުން
އަތޮޅުތަކުގައި އަލުން އަތޮޅު އޮފީސްތައް ގާއިމުކުރާއިރު، އެ ތަންތަނަށް އަތޮޅުވެރިން ނުވަތަ ގަވަރުނަރުން ފަދަ ސިޔާސީ އެއްވެސް ބޭފުޅަކު އައްޔަން ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމުން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަތޮޅުތަކުގައި އަލަށް ގާއިމުކުރާ މި އޮފީސްތަކަކީ ސިޔާސީ ހަރަކާތްތައް ހިންގާނެ މަގާމުތަކެއް ނޫން ކަމަށެވެ. މި އިދާރާތައް ހިނގަމުންދާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ ސީދާ ބެލުމުގެ ދަށުން، އެ އޮތޯރިޓީގެ ސެކްޝަންތަކެއް ނުވަތަ ގޮފިތަކެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެތަންތަނަށް ވަކީން ސިޔާސީވެރީން ނުލާނެ. އެއީ އަޅުގަނޑު ކުރަން ގަސްތުކުރާ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
މި ނިޒާމަށް ގެނެވުނު ބަދަލުތަކުގެ މަގްސަދަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް އަވަސްކުރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މި ބިއުރޯތަކުގެ ދަށުން 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ރައްޔިތުންގެ ޝަކުވާތައް މެނޭޖްކުރާނެ ޒަމާނީ ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރެވޭނެއެވެ. މީގެ ސަބަބުން ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި، ރައްޔިތުންނަށް އަވަސް ޖަވާބެއް ފޯރުކޮށްދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ގާނޫނަށް ގެނެވުނު ބަދަލުތަކާއެކު އަތޮޅު ކައުންސިލްތައް އުވައިލި ނަމަވެސް، އެލް.ޖީ.އޭ އިން ވަނީ ކުރިން އަތޮޅު ކައުންސިލްތަކުގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން ދީފައެވެ. އެ މުވައްޒަފުން ދެން މަސައްކަތް ކުރާނީ އެލް.ޖީ.އޭގެ ދަށުން އަތޮޅުތަކުގައި އަލަށް އުފައްދާ މި އޮފީސްތަކުގައެވެ.
މި އޮފީސްތަކުން ކުރާނެ މައިގަނޑު މަސައްކަތްތައް:
- ރަށު ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
- ކައުންސިލްތަކުގެ މަސައްކަތްތައް ގާތުން މޮނީޓަރކުރުން.
- ކައުންސިލް މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުން.
- ރައްޔިތުން ހުށަހަޅާ ޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިދިނުން.
ސަރުކާރުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވަނީ ބޭރުގައި ކިޔަވާ ކުދިންގެ ކަންކަން ނިންމުމަށް ކުރިން ހަތަރު ހަފްތާ ނެގި ނަމަވެސް، މިހާރު އެކަން ހަތަރު ދުވަހަށް އަވަސްވެފައިވާކަމަށް ވިދާޅުވެ، މިސާލު ދައްކަވާފައެވެ.
ސަރުކާރުން ބުނާ ގޮތުގައި، އެލް.ޖީ.އޭގެ މި ގޮފިތައް އަތޮޅުތަކުގައި ގާއިމުކުރުމުން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެ، މަރުކަޒީ އިދާރާތަކާ ދުރުގައި ތިބޭ ކައުންސިލްތަކަށް ހިދުމަތް ހޯދުމުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.