ދުނިޔެ

ސައުދީގެ ހޫނުމިން 47 ޑިގްރީއަށް އުފުލި، މޫސުމަށް ސަމާލުވާން އަންގައިފި

ސައުދީގެ ހޫނުމިން 47 ޑިގްރީއަށް އުފުލި، މޫސުމަށް ސަމާލުވާން އަންގައިފި

ސައުދީގެ ހޫނުމިން އުފުލި ބުނުން ރައްކާތެރި ވުމަށް ކުޑަ ބޭނުން ކުރަނީ ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 މޭ 2026، 08:52

24 މޭ 2026، 08:52

ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ ފޯ މީޓިއޮރޮލޮޖީ (އެން.ސީ.އެމް) އިން، ޙައްޖުގެ މަތިވެރި އަޅުކަމަށް އެތައް ހާސް ބަޔަކު އެ ގައުމަށް ޖަމާވަމުންދާ މި ދަނޑިވަޅުގައި، ގައުމުގެ އެކި ސަރަހައްދުތަކަށް ގަދަ ހޫނާއި ހިރަފުހުގެ އަސަރު ކުރާނެ ކަމަށް ބުނެ ސަމާލުވުމަށް އަންގައިފިއެވެ.


މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރި ގޮތުގައި، ސައުދީގެ ނަޖްރާން، ރިޔާޟް، އިރުމަތީ ޕްރޮވިންސް، އުތުރު ބޯޑަރު ސަރަހައްދު، އަލް-ޖައުފް އަދި ތަބޫކްގެ ބައެއް ހިސާބުތަކަށް ވައިގަދަވެ، އޭގެ ސަބަބުން ހިރަފުހާއި ވެލީގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ.


މީގެ އިތުރުން، ޖާޒާން، އަސީރު، އަލް-ބަހާ އަދި މައްކާގެ އުސް ބިންތަކަށް ގުގުރުމާއެކު ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.


އެން.ސީ.އެމް އިން ލަފާކުރާ ގޮތުގައި މޭ މަހުގެ 25 ވަނަ ދުވަހު ޙައްޖުގެ އަޅުކަން ފެށުމުގެ ކުރިން، މަދީނާއާއި މައްކާ އަދި މުގައްދަސް ބިންތަކާ ގުޅިފައިވާ މަގުތަކުގައި ދަތުރުކުރާ ހައްޖާޖީންނަށް ގަދަ ހޫނުގެ އުނދަގޫ ފޯރާނެއެވެ. އެގޮތުން މައްކާގެ ހޫނުމިން 47 ޑިގްރީ ސެލްސިއަސްއަށް އުފުލޭނެ ކަމަށް ބެލެވޭއިރު، މަދީނާގެ ހޫނުމިން ހުންނާނީ 44 ޑިގްރީގައެވެ. އަދި ވައިގެ ތެތްކަން 40 އިންސައްތައަށް ހުންނާނެ ކަމަށާއި، ހާމަ ތަންތަނުގައި ވައިގަދަވެ ހިރަފުހުގެ އަސަރު ހުންނާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.


މިކަމާ ގުޅިގެން ސައުދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކަމާބެހޭ އިދާރާތަކުން ވަނީ ޙައްޖާޖީންނާއި ދަތުރުވެރިން ދަތުރަށް ފެށުމުގެ ކުރިން އުޅަނދުތައް ރަނގަޅަށް ތައްޔާރުކުރުމަށާއި، ސަލާމަތީ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ. އަދި ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ގިނައިން ފެނާއި ދިޔާ ތަކެތި ބޭނުންކުރުމަށްވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަހަރު 1.6 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖުގެ އަޅުކަމަށް މައްކާއަށް ޖަމާވާނެ ކަމަށް ބެލެވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450