ދުނިޔެ

އޭއައި ކުންފުއްޏެއް ކަމަށް ހީކޮށް ސޫޝީ ރެސްޓޯރަންޓަކަށް ޓްރަމްޕް އިންވެސްޓްކުރީތަ؟

އޭއައި ކުންފުއްޏެއް ކަމަށް ހީކޮށް ސޫޝީ ރެސްޓޯރަންޓަކަށް ޓްރަމްޕް އިންވެސްޓްކުރީތަ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 މޭ 2026، 01:37

25 މޭ 2026، 01:37

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅުންހުރި ކުންފުއްޏެއް ކަމަށް ހީކުރައްވައި، ސޫޝީ ރެސްޓޯރަންޓް ޗެއިނަކަށް އިންވެސްޓް ކުރެއްވި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އޭނާއަށް ހަޖޫޖަހަން ފަށައިފިއެވެ.

މި މަހު އާންމުކުރި އެމެރިކާގެ ފެޑަރަލް މާލީ ރިޕޯޓްތަކުން ދައްކާ ގޮތުގައި، ޓްރަމްޕް ވަނީ "ކޫރާ ސޫޝީ ޔޫއެސްއޭ"  ގައި 1 މިލިއަން ޑޮލަރާއި 5 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އިންވެސްޓް ކުރައްވާފައެވެ. މިއީ އޭނާ މިއަހަރު ކުރެއްވި ބޮޑު އިންވެސްޓްމަންޓް ޕޯޓްފޯލިއޯގެ ބައެކެވެ. މި ޕޯޓްފޯލިއޯގައި ނިވީޑިއާ ، ޑެލް ، އެޕަލް  އަދި އޮރަކަލް ފަދަ ދުނިޔޭގެ އެންމެ ބޮޑެތި ޓެކްނޮލޮޖީ އަދި އޭއައި އާ ގުޅުންހުރި ކުންފުނިތައް ހިމެނެއެވެ.

އިންޓަނެޓްގައި މި ވާހަކަ ހޫނުވެގެން ދިޔައީ، މުޅިންވެސް ޓެކް ކުންފުނިތަކަށް އަމާޒުކޮށް އިންވެސްޓް ކުރައްވަމުން ގެންދަވާ ޓްރަމްޕް، ކުއްލިއަކަށް އެމެރިކާގައި 90 އެއްހައި ރެސްޓޯރަންޓް ހިންގާ ސޫޝީ ޗެއިނެއްގެ ހިއްސާ ބައްލަވައިގަތުމުންނެވެ. ޚާއްޞަކޮށް ޖަޕާނުގެ ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ބުނަމުންދަނީ، ޓްރަމްޕަށް "ކޫރާ ސޫޝީ" އޮޅުނީ އޭއައި އާއި ފައިބާ އޮޕްޓިކްސްގެ މަސައްކަތްކުރާ ޖަޕާނުގެ "ފުޖިކޫރާ" ކުންފުންޏާ ކަމަށެވެ. ފުޖިކޫރާ އަކީ ދުނިޔޭގެ އޭއައި ކުރިއެރުމާއެކު ބޮޑު ފައިދާއެއް ހޯދަމުންދާ ކުންފުންޏެކެވެ.

ޔާހޫ ފައިނޭންސް ފަދަ މާލީ ފޯރަމްތަކުގައި މި ވާހަކަ ބާރަށް ފެތުރެމުން ދިޔަ ނަމަވެސް، މިއީ އޮޅުމަކުން ކުރެއްވި ކަމެއް ކަމަށް ބާރުދޭ އެއްވެސް ހެއްކެއް މިހާތަނަށް ފެންނާކަށް ނެތެވެ. އަދި ޓްރަމްޕްގެ ފަރާތުންވެސް މިކަމާ ގުޅޭގޮތުން އެއްވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

މި އަޑުތަކާއެކުވެސް ބާޒާރުގައި ކޫރާ ސޫޝީގެ ހިއްސާއަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ޓްރަމްޕް އިންވެސްޓް ކުރެއްވި ޚަބަރު ފެތުރުމާއެކު، އެ ކުންފުނީގެ ހިއްސާގެ އަގު 5 އިންސައްތައަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަނެއްކޮޅުން، "ފުޖިކޫރާ" ކުންފުނީގެ ހިއްސާގެ އަގު ފަހަކަށް އައިސް ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް މާލީ މާހިރުން ވިދާޅުވާ ގޮތުގައި އެއީ އެ ކުންފުނީގެ މާލީ އަންދާޒާތައް ދަށްވުމާ ގުޅިގެން ވީ ކަމެއް ކަމަށާއި، ޓްރަމްޕްގެ ސޫޝީ އިންވެސްޓްމަންޓާ އެކަމާ އެއްވެސް ގުޅުމެއް ނެތެވެ.

މިހާތަނަށް ބެލެވޭ ގޮތުގައި ޓްރަމްޕް އޮޅުމަކުން ސޫޝީ ކުންފުންޏަކަށް އިންވެސްޓް ކުރެއްވި ކަމަށް ދެކެވޭ ވާހަކައަކީ ހަމައެކަނި އިންޓަނެޓްގައި މަޖަލަކަށް ދެކެވޭ ވާހަކައެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450