ދުނިޔެ

ޑްރޯން ބޭނުންކޮށްގެން ބޭސް ފޯރުކޮށްދިނުމުގެ ފުރަތަމަ ހުއްދަ ސައުދީން ދޫކޮށްފި

ޑްރޯން ބޭނުންކޮށްގެން ބޭސް ފޯރުކޮށްދިނުމުގެ ފުރަތަމަ ހުއްދަ ސައުދީން ދޫކޮށްފި

ޑްރޯން ބޭނުންކޮށްގެން ބޭސް ފޯރުކޮށްދެނީ ފޮޓޯ:ގަލްފް ނިއުސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 މޭ 2026، 11:30

26 މޭ 2026، 11:30

ސައުދީ އަރަބިއްޔާގެ މައްކާގެ މުގައްދަސް ބިނާތަކުގައި ޑްރޯން ބޭނުންކޮށްގެން ބޭހާއި ސިއްހީ ސާމާނު އުފުލުމުގެ ފުރަތަމަ އޮޕަރޭޝަނަލް ހުއްދަ އެގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފިއެވެ.

މި ހުއްދަ ދޫކޮށްފައިވަނީ 2026 ވަނަ އަހަރުގެ ޙައްޖު މޫސުމަށް އަމާޒުކޮށްގެން، މައްކާގެ މުގައްދަސް ބިނާތަކުގައި ސިއްހީ ޚިދުމަތްތައް އަވަސްކުރުމަށެވެ. ސައުދީގެ "އޮކާޒް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ ޒަމާނީ ޓެކްނޮލޮޖީ އާއި އޭވިއޭޝަންގެ އައު އީޖާދުތައް ބޭނުންކޮށްގެން ޙައްޖުގެ އަޅުކަމުގެ ތެރޭގައި ދެވޭ ލޮޖިސްޓިކްސް އަދި ސިއްހީ ޚިދުމަތްތަކުގެ ހަލުވިމިން އިތުރުކުރުމަށް ކުރެވޭ މަސައްކަތެކެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކުރި ގޮތުގައި، މި ހުއްދައިގެ ދަށުން ޑްރޯން އޮޕަރޭޓް ކުރެވޭނީ ސަލާމަތީ ގޮތުންނާއި ފެންވަރުގެ ގޮތުން ކަނޑައެޅިފައިވާ ހަރުދަނާ މިންގަނޑުތަކެއްގެ ތެރެއިންނެވެ. މި މަސައްކަތަކީ މިދިޔަ އަހަރުގެ ޙައްޖު މޫސުމުގައި ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔަ ޓެސްޓުތަކަށް ބިނާކޮށް ފެށި މަސައްކަތެކެވެ. އެ ޓެސްޓުތަކުން ލިބުނު ތަޖުރިބާގެ އަލީގައި، ޚިދުމަތް ދިނުމަށް ބޭނުންވާ ގަވާއިދުތަކާއި އޮޕަރޭޝަނަލް އޮނިގަނޑު މިހާރު ވަނީ އެކުލަވާލާފައެވެ.

ސައުދީ ސަރުކާރުގެ އަމާޒަކީ އާޓިފިޝަލް އިންޓެލިޖެންސް އާއި އޮޓޮމޭޝަން އަދި ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން، ޙައްޖަށް އަންނަ މިލިއަނުން ބޭފުޅުންގެ ކަންކަން ބެލެހެއްޓުމާއި، ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކަށް ޒަމާނީ ހައްލުތަކެއް ހޯދުމެވެ. މީގެ ސަބަބުން މަގުތައް ތޮއްޖެހިފައިވާ ވަގުތުތަކުގައިވެސް ކުއްލި ފަރުވާއަށް ބޭނުންވާ ބޭހާއި ސާމާނު އެންމެ ބޭނުންޖެހިފައިވާ ތަންތަނަށް ވަގުތުން ފޯރުކޮށްދެވޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450