ދުނިޔެ
ހައްޖާޖީންގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކުރާ މަސައްކަތްތައް ސައޫދީ ދާޚިލީ ވަޒީރު ބައްލަވާލައްވައިފި
ސައޫދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓަރު އަދި ސުޕްރީމް ހައްޖު ކޮމިޓީގެ ޗެއާމަން ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް ބިން އަބްދުލްއަޒީޒް،
ސައޫދީ އަރަބިއްޔާގެ އިންޓީރިއާ މިނިސްޓަރު އަދި ސުޕްރީމް ހައްޖު ކޮމިޓީގެ ޗެއާމަން ޕްރިންސް އަބްދުލްއަޒީޒް ބިން ސައުދު ބިން ނާއިފް ބިން އަބްދުލްއަޒީޒް، މިނާގައި ހުންނަ ހައްޖު ސެކިއުރިޓީ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގެ މަސައްކަތްތައް މިއަދު ބައްލަވާލައްވައިފިއެވެ.
މި ޒިޔާރަތުގައި ވަޒީރު ވަނީ ހައްޖުގެ ސަލާމަތީ ކަންކަމާއި ޓްރެފިކް ޕްލޭންތައް ތަންފީޒުވަމުންދާ މިންވަރު ބައްލަވާލައްވާފައެވެ. އަދި ހައްޖާޖީން އަރަފާތަށް ގެންދިއުމަށް ވެފައިވާ ތައްޔާރީތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުއްވާފައިވެއެވެ.
ސެންޓަރުގެ އޮޕަރޭޝަންސް ރޫމަށް ކުރެއްވި މި ޒިޔާރަތުގައި، ޑައިރެކްޓަރ އޮފް ޕަބްލިކް ސެކިއުރިޓީ އަދި ހައްޖު ސެކިއުރިޓީ ކޮމިޓީގެ ޗެއާމަން ލެފްޓިނެންޓް ޖެނެރަލް މުޙައްމަދު އަލް ބައްސާމީ ވަނީ ވަޒީރަށް ބްރީފިންއެއް އަރުވާފައެވެ. މި ބްރީފިންގައި، ހައްޖާޖީންގެ ދަތުރުފަތުރުގެ ކަންކަން މޮނިޓަރކުރުމާއި، އެކި ސަލާމަތީ ދާއިރާތަކުގެ މެދުގައި ވަގުތުން ވަގުތަށް މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމުތަކާ ބެހޭ ތަފްސީލު ހިއްސާކުރެއްވިއެވެ. މީގެ ބޭނުމަކީ މަގުތަކާއި ހައްޖުގެ މާތް ބިންތަކުގައި ހައްޖާޖީންގެ ހަރަކާތްތައް އަމާންކަމާއެކު ކުރިއަށް ގެންދިއުމެވެ.
ޕްރިންސް އަބްދުލްއަޒީޒް ވަނީ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ ޓެކްނިކަލް ސިސްޓަމްތަކާއި، އިންޓަރެކްޓިވް މެޕްތަކުގެ އިތުރުން 'ބިޒްނަސް އިންޓެލިޖެންސް' ސިސްޓަމްތައް ވެސް ބައްލަވާލައްވާފައެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފުވާ ފަރާތްތައް ދެނެގަތުމަށް ބޭނުންކުރާ ނިޒާމުތަކާއި، ހައްޖާޖީން ޖަމާވާ މިންވަރު ދެނެގަންނަ އިންޑިކޭޓަރުތައް ވެސް ވަނީ ބައްލަވާލައްވާފައެވެ.
ހައްޖުގެ ކަންކަމުގައި ދިމާވެދާނެ ނުރައްކާތައް މެނޭޖްކުރުމަށް ތައްޔާރުކޮށްފައިވާ ޒަމާނީ ޑިޖިޓަލް ނިޒާމުތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މީހުން ގިނަވާ ސަރަހައްދުތައް މެނޭޖްކުރާ ގޮތް ވަޒީރު ވަނީ އަމަލީ ގޮތުން ބައްލަވާލައްވާފައެވެ. މި ވަސީލަތްތަކުގެ އެހީގައި މައްކާއާއި މާތް ބިންތަކުގައި ކަންކަން ހިނގާގޮތް ވަރަށް ސައްހަކޮށް ބެލެހެއްޓިގެންދާނެއެވެ.
ޒިޔާރަތް ނިންމަވާލައްވަމުން ޕްރިންސް އަބްދުލްއަޒީޒް ވަނީ ސަލާމަތީ ހިދުމަތްތަކުގެ މަތީ ފެންވަރުގެ ތައްޔާރީތަކަށް ތައުރީފް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސައޫދީ އަރަބިއްޔާއިން މީހުން ގިނަވާ ހާލަތްތައް މެނޭޖްކުރުމުގައި ހޯދާފައިވާ ކުރިއެރުމަކީ، ހައްޖާޖީންނަށް އަމާން އަދި ހިމޭން މާހައުލެއްގައި އަޅުކަން އަދާކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި، ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ދެއްވާ މުހިންމު އިރުޝާދުގެ ނަތީޖާ ކަމަށެވެ.