ދުނިޔެ

އަހަރުގެ އެންމެ މުހިންމު ދެ ޚުޠުބާ ދެއްވުމުގެ މަތިވެރި ޝަރަފު ދެބަފައިންނަށް

އަހަރުގެ އެންމެ މުހިންމު ދެ ޚުޠުބާ ދެއްވުމުގެ މަތިވެރި ޝަރަފު ދެބަފައިންނަށް

ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޢަލީ އަލް ޙުޛައިފީއާއި އެމަނިކުފާނުގެ ދަރިކަލުން ޝައިޚް އަޙްމަދު އަލް ޙުޛައިފީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 މޭ 2026، 11:52

26 މޭ 2026، 11:52

މިއަހަރުގެ ޙައްޖު މޫސުމާއި އަޟްޙާ ޢީދާ ދިމާކޮށް، އިސްލާމީ އުންމަތުގެ އެންމެ މުހިންމު ދެ ޚުޠުބާ ދެއްވުމުގެ މަތިވެރި ޝަރަފު ސައުދީ ޢަރަބިއްޔާގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޢަލީ އަލް ޙުޛައިފީއާއި އެމަނިކުފާނުގެ ދަރިކަލުން ޝައިޚް އަޙްމަދު އަލް ޙުޛައިފީއަށް ލިބިވަޑައިގެންފިއެވެ. މިއީ ޙަރަމައިންގެ ތާރީޚުގައިވެސް ވަރަށް މަދުން ނޫނީ ނުފެންނަ، ތާރީޚީ އަދި ޢިލްމީ ގޮތުން ނުހަނު މަތިވެރި ކަމެކެވެ.

އިތުބާރު ހުރި މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 1447 ވަނަ އަހަރުގެ (2026 ވަނަ އަހަރުގެ) ޙައްޖު މަހުގެ 9 ވަނަ ދުވަހު މަސްޖިދު ނަމިރާގައި ދެވޭ ޢަރަފާތް ދުވަހުގެ ޚުޠުބާ ދެއްވުމަށް ރަސްމީކޮށް ހަމަޖައްސަވާފައިވަނީ ފަޟީލަތުއްޝައިޚް ޢަލީ އަލް ޙުޛައިފީއެވެ. އަދި  ޖެހިގެން އަންނަ އަޟްޙާ ޢީދު ދުވަހު، މަސްޖިދުއް ނަބަވީގައި ޢީދު ޚުޠުބާ ދެއްވުމަށް ހަމަޖެހިފައިވަނީ އެމަނިކުފާނުގެ ދަރިކަލުން ފަޟީލަތުއްޝައިޚް އަޙްމަދު އަލް ޙުޛައިފީއެވެ.

ޝައިޚް ޢަލީ އަލް ޙުޛައިފީއަކީ މަސްޖިދުއް ނަބަވީގެ އިމާމްކަމާއި ޚަޠީބުކަން އެތައް އަހަރަކަށް ކުރައްވާފައިވާ، މުޅި އިސްލާމީ ދުނިޔޭގައި އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް އެމަނިކުފާނުގެ ހިތްތަކަށް އަސަރުކުރުވާ ކިޔަވާވިދާޅުވުމުގެ ވައްޓަފާޅިއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުންގެ މެދުގައި ނުހަނު މަޤްބޫލު ކަމެކެވެ. ބައްޕާފުޅުގެ ފިޔަވަޅުމަތީގައި ކުރިއަށްވަޑައިގެންނެވި ޝައިޚް އަޙްމަދު އަލް ޙުޛައިފީއަކީ ގިނަ އަހަރުތަކެއް ވަންދެން ދީނީ ޢިލްމު އުގެނިވަޑައިގަތުމަށްފަހު، 2019 ވަނަ އަހަރު މަސްޖިދުއް ނަބަވީގެ އިމާމަކަށް އައްޔަންކުރެވުނު ބޭފުޅެކެވެ.

މި އުފާވެރި ޚަބަރާއެކު މުޅި އިސްލާމީ ދުނިޔޭގެ ސަމާލުކަން މި ދެބަފައިންނަށް ވަނީ ހުއްޓިފައެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ އެ އާއިލާއިން އިސްލާމްދީނަށާއި ދެ ޙަރަމްފުޅަށް ކުރައްވަމުން ގެންދަވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ލިބިގެންދިޔަ މަތިވެރި ޝަރަފެކެވެ. އަދި މިއީ ޢިލްމާއި، ހިތްތިރިކަމާއި، ޖީލުން ޖީލަށް ދީނަށް ޚިދުމަތްކުރުމުގައި ދެމިއޮތުމުގެ ރީތި ނަމޫނާއެއް ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން ފާހަގަވެގެންދާނީ ހަމައެކަނި ރޫޙާނީ ގޮތުން އަންނަ ބަދަލުތަކުން އެކަންޏެއް ނޫނެވެ. ޙަރަމައިންގެ ތާރީޚުގައި ބައްޕައަކާއި ދަރިއަކު މިފަދަ މުހިންމު ދެ ޚުޠުބާއެއް އެއް މޫސުމެއްގައި ދެއްވާ ފުރަތަމަ ފަހަރުގެ ގޮތުގައިވެސް މި އަހަރު ތާރީޚުގެ ތެރެއަށް ވަދެގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450