ދުނިޔެ
ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި އުޅަނދުތަކަކަށް ހަމަލާދީފި
ހޮރްމޫޒް ކަނޑުއޮޅިން އުޅަނދެއް ދަތުރުކުރަނީ
ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ ލާރަކް ޖަޒީރާގެ ދެކުނުން ދަތުރުކުރަމުންދިޔަ އީރާނުގެ އުޅަނދުތަކަކަށް، އެމެރިކާއާއި އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
އީރާނުގެ ސެމީ-އޮފިޝަލް ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގައި އީރާނުގެ ބައެއް ރައްޔިތުން ވަނީ މަރުވެފައެވެ. ރަސްމީ އިދާރާތަކުން މަރުވި މީހުންގެ ސީދާ އަދަދެއް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހަމަލާގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.
މި ހަމަލާތަކަކީ މިދިޔަ އެޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން ދެ ފަރާތުގެ ދެމެދުގައި ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ދީފައިވާ ހަމަލާތަކެކެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މަސްލަހަތު ގޯސްވެފައި ވަނިކޮށް، ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ހަމަޖެއްސި މި އެއްބަސްވުމަށް ދެ ފަރާތުންވެސް ދަނީ ތަކުރާރުކޮށް ޚިލާފުވަމުންނެވެ.
މަސްލަހަތު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، އެމެރިކާއިން ދަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށް ކަނޑުގެ މަގުން ހުރަސްތައް ކުރިމަތިކުރަމުންނެވެ. ހަމައެއާއެކު، އީރާނުންވެސް ދަނީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހުރަސްތައް ކުރިމަތިކުރަމުންނެވެ.
މި ހަމަލާ ދީފައި މިވަނީ މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސްވެރިޔާ ތެހެރާންގައި މަޝްވަރާތައް ބާއްވަމުންދާ ދަނޑިވަޅެއްގައެވެ. މީގެ އިތުރުން، ގަތަރުންވެސް މަސްލަހަތު ފިނިކުރުމަށް ގޮވާލަމުންދާ މި ދަނޑިވަޅުގައި ދެވުނު މި ހަމަލާގެ ސަބަބުން، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ އިތުބާރާމެދު މިވަނީ ސުވާލު އުފެދިފައެވެ.