ދުނިޔެ

އީރާނުން އެމެރިކާގެ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޑްރޯނެއް ވައްޓާލައިފި

އެމް.ކިއު-9 (MQ-9) މަރުކާގެ ޑްރޯނެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 މޭ 2026، 01:49

26 މޭ 2026، 01:49

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އިއްޔެ ބުނި ގޮތުގައި، ޚަލީޖު ސަރަހައްދުން އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަން އެމެރިކާގެ އެމް.ކިއު-9 (MQ-9) މަރުކާގެ ޑްރޯނެއް ވަނީ ވައްޓާލާފައެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ، އިރްނާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ޑްރޯންގެ އިތުރުން އެމެރިކާގެ އާރް.ކިއު-4 މަރުކާގެ ޑްރޯނަކާއި އެފް-35  މަރުކާގެ ހަނގުރާމަމަތީ ބޯޓެއް ވެސް އީރާނުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ. ނަމަވެސް އެމް.ކިއު-9 ޑްރޯން ވައްޓާލުމާއެކު ދެން ހުރި އުޅަނދުތައް ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

އައި.އާރް.ޖީ.ސީ އިން ބުނި ގޮތުގައި، އެމެރިކާ ސިފައިން ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވާ ކޮންމެ ދަނޑިވަޅެއްގައި އެކަމަށް ރައްދު ދިނުމުގެ ފުރިހަމަ ހައްގު އީރާނަށް ލިބިގެންވެއެވެ.

މި ހާދިސާ ހިނގުމުގެ ކުޑަވަގުތުކޮޅެއް ކުރިން، އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅި ކައިރީގައިވާ ލާރަކް ރަށުގެ ދެކުނުން ދަތުރުކުރަމުންދިޔަ އީރާނުގެ އުޅަނދުތަކަކަށް އެމެރިކާ އާއި އިސްރާއީލުން ވަނީ ހަމަލާދީފައެވެ. މި ހަމަލާތަކުގައި އީރާނުގެ ބައެއް ރައްޔިތުން ޝަހީދުވެފައިވާ ކަމަށް އެ އެޖެންސީން ބުނެފައިވީ ނަމަވެސް، މިކަން މިހާތަނަށް މިނިވަން މުއައްސަސާއަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި އެމެރިކާ ނުވަތަ އިސްރާއީލުގެ އިސް އޮފިޝަލަކު ވެސް މިކަމާ ގުޅޭގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

މި ކުރިމަތިލުންތައް ހިނގަމުން މިދަނީ، ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ދަނޑިވަޅެއްގައެވެ. އޭޕްރީލް 8 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މުއްދަތެއް ނެތް ގޮތަށް އިތުރުކުރައްވާފައެވެ.

މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާއިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، ދާއިމީ އެއްބަސްވުމަކަށް އައުމަށް އަދި މަދު ދުވަސްކޮޅެއް ނަގާފާނެ ކަމަށެވެ. ނަމަވެސް، އިސްރާއީލާއި އެމެރިކާގެ އިސްތިއުމާރީ ސިޔާސަތުތަކުގެ ސަބަބުން މި ސަރަހައްދުގެ ސުލްހައަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450