ޚަބަރު
އަޟްޙާ ޢީދަކީ މާތްﷲ މުސްލިމް އުންމަތަށް ދެއްވި މަތިވެރި ނިޢުމަތެއް: ރައީސް ޑރ. މުޢިއްޒު
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ : ރައީސް އޮފީސް
ބަރަކާތްތެރި އަޟްޙާ ޢީދަކީ މާތްﷲ މުސްލިމް އުންމަތަށް މިންވަރު ކުރެއްވި މަތިވެރި ނިޢުމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އަޟްޙާ ޢީދުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ އުންމަތަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބަރަކާތްތެރި ޢީދު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވިކަމަށްޓަކައި اللهُ ސުބުހާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވާފައެވެ. ރައީސްގެ ތަހުނިޔާގައި، މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ ދިވެހި ޙައްޖުވެރިންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމް އަޚުންނާއި އުޚުތުން ޝާމިލުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި އަޟްޙާ ޢީދަކީ މުޅި މުސްލިމް އުންމަތް އެއް ސަފަކަށް ތަރުތީބުކޮށްދޭ، އޯގާތެރިކަމުގެ ދެމެހެއްޓެނިވި މިސާލެކެވެ. މާތްވެގެންވާ ޢަރަފާތު ބިމުގެ ހަމަހަމަކަމުން ފެށިގެން ފެތުރިގެންދާ މި އުފާވެރިކަމަކީ އިންސާނީ ކުލުނުގެ އެންމެ އަލިގަދަ ރަމްޒުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޚިޠާބުގައި ރައީސް ވަނީ އުޟްޙިޔާ ކަތިލުމާއި، ހަދިޔާ ބަދަލުކުރުމުގެ އިތުރުން ނިކަމެތިންނަށް އެހީތެރިވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
"މިއީ މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ރަނގަޅުވެ، އެކުވެރި ބަދަހި ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ ހިތްވަރު އާވެގެންދާ ކަންކަން،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން މިއީ މައިންބަފައިންނާއި ގާތްތިމާގެ މީހުންނާއެކު ޢާއިލީ ލޯބި އާލާކޮށް، މަޢާފުކުރުމުގެ ރޫޙު އާލާކުރަންވީ ވަގުތުކަންވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ޒުވާން ޖީލަށް ރިވެތި އަޚުލާޤު ދަސްކޮށްދިނުމަކީ މި ޢީދުން ލިބިދޭ ފިލާވަޅެއްކަން ފާހަގަކުރައްވަމުން، ޢީދުގެ އުފާފާޅުކުރުންތަކުގައި އިސްލާމީ ރިވެތި އުސޫލުތަކާއި ދިވެހިންގެ އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވާލެއްވީ، މި ޢީދަކީ އަމާންކަމާއި ބާއްޖަވެރިކަމުގެ މުނާސަބަތެއް ކަމުގައި ލެއްވުމަށާއި، ދިވެހި ޤައުމާއި މުޅި އިސްލާމީ އުންމަތް ސަލާމަތާއި ރައްކާތެރިކަމުގައި ލެހެއްޓެވުން އެދި ދުޢާކުރައްވަމުންނެވެ.