ދުނިޔެ
އެބޯލާ އަށް ޕޮޒިޓިވްވެފައިވާ 18 މީހަކު ފިލައިފި
ކޮންގޯ ހޮސްޕިޓަލުގެ ބޭރުގައި ސެކިއުރިޓީ ހަރަކާތްތެރިވަނީ
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި ހަލުވިކަމާއެކު އީބޯލާ ވައިރަސް ފެތުރެމުންދާ މިދަނޑިވަޅުގައި، އެ ގައުމުގެ އިރުމަތީ ސަރަހައްދުތަކުގައި ހުރި ސިއްޙީ ފަރުވާދޭ މަރުކަޒުތަކަށް އާންމުން ހަމަލާދީ، ފަރުވާ ހޯދަމުންދިޔަ ބަލިމީހުން ފިލައިފިއެވެ.
މި ހާދިސާތައް ހިނގާފައިވަނީ ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ މޮންގްވާލޫގައެވެ. ރިޕޯޓްތައް ބުނާގޮތުން، އީބޯލާ ޖެހިގެން މަރުވި މީހުންގެ ހަށިގަނޑުތައް އާއިލާތަކާ ހަވާލުކުރުމަށް ގޮވާލައި އާންމުން ކުރި މުޒާހަރާތަކެއް ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ވައިގެ ތެރެއަށް ބަޑިޖަހާފައެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި މޮންގްވާލޫ ޖެނެރަލް ރިފަރަލް ހޮސްޕިޓަލުގައި ބަލިމީހުން އެކަހެރިކޮށްފައި ތިބި ފޭލިގެތަކުގައި ރޯކޮށްލުމާ ގުޅިގެން، އީބޯލާ އަށް ޕޮޒިޓިވްވެފައިވާ 18 މީހަކު ވަނީ ފިލާފައެވެ.
މޮންގްވާލޫ ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރ ޑރ. ރިޗަޑް ލޮކޯޑޫ ވިދާޅުވީ، އާންމުންގެ ތެރޭގައި ބައްޔާމެދު ޝައްކުތަކެއް ހުރި ކަމަށާއި، ބައެއް މީހުން ބަލި ގަބޫލުކުރަން ބޭނުންނުވާ ކަމަށެވެ. އަދި މި ހަމަލާތައް ދީފައިވަނީ އީބޯލާ ޖެހިގެން މަރުވި ދީނީ އިލްމުވެރިއެއްގެ ހަށިގަނޑު ހޯދުމަށް ވަދެގަތް ބައެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ވަނީ މިފަހަރު ފެތުރެމުންދާ "ބަންޑިބުގްޔޯ" ނަމަކަށް ކިޔާ އީބޯލާގެ ނާދިރު ބާވަތަކީ ބައިނަލްއަގުވާމީ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ.