Ads by Farudhun

ޚަބަރު

ރާއްޖެއާއި ނޭޕާލުގެ ގާތް ގުޅުމަކީ އަބަދުވެސް އަގުވަޒަންކުރާ ގުޅުމެއް: ރައީސް މުޢިއްޒު

ރާއްޖެއާއި ނޭޕާލުގެ ގާތް ގުޅުމަކީ އަބަދުވެސް އަގުވަޒަންކުރާ ގުޅުމެއް: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނޭޕާލްގެ ބޮޑުވަޒީރާއި އެކު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 މޭ 2026، 09:41

28 މޭ 2026، 09:41

ސާކްގެ މެންބަރު ގައުމެއް ކަމަށްވާ އަވައްޓެރި ނޭޕާލުގެ ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ނޭޕާލުގެ ރައީސް ރިޓަޔަޑް އޮނަރަބަލް ރަމްޗަންދްރަ ޕޯޑެލްއާއި، ބޮޑުވަޒީރު ބަލެންދްރަ ޝާހުގެ އިތުރުން ނޭޕާލް ސަރުކާރަށާއި އެ ގައުމުގެ ލޮބުވެތި ރައްޔިތުންނަށް ވަނީ މުބާރަކުބާދީ އަރިސްކުރައްވާފައެވެ.


ރައީސްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، މި ތާރީހީ ދުވަހަކީ ކުރިއަރަމުންދާ ގައުމެއް ބިނާކުރުމަށް ނޭޕާލު ރައްޔިތުން ކޮށްފައިވާ އަގުނުކުރެވޭ ފަދަ ގިނަގުނަ މަސައްކަތްތައް ރަމްޒުކޮށްދޭ ދުވަހެކެވެ. އަދި ނޭޕާލަކީ އެ ގައުމަށް ހާއްސަ އަމިއްލަވަންތަ ޝަހުސިއްޔަތަކާއި، ޝަރަފުވެރި މުއްސަނދި ސަގާފަތަކާއި އާދަކާދަތަކެއް ލިބިފައިވާ ގައުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ރާއްޖެއާއި ނޭޕާލާ ދެމެދު އޮތް ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދެ ގައުމުގެ މެދުގައި އޮތް އެކުވެރި ބަދަހި ގުޅުމަކީ ރާއްޖެއިން އަބަދުވެސް ނުހަނު ފުންކޮށް އަގުވަޒަންކުރާ ގުޅުމެއް ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމަށްޓަކައި، ދެ ފަރާތަށްވެސް ފައިދާހުރި މަސްލަހަތުތައް ކުރިއަށްނެރެ މަސައްކަތްކުރުމަށް ރާއްޖެއިން އަބަދުވެސް އިސްކަންދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ މެދުގައި އޮތް ވަރުގަދަ ގުޅުން އެގޮތުގައި ދަމަހައްޓައި، ދެ ގައުމަށް ލާބަޔާއި މަންފާ ލިބޭނެ އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.




ނޭޕާލަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމުގައި މުހިންމު ބައިވެރިއެކެވެ. ހާއްސަކޮށް ދިވެހި ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ގައުމަކީ ނޭޕާލެވެ. މީގެ އިތުރުން، ރާއްޖޭގެ ހިދުމަތުގެ އެކި ދާއިރާތަކުގައި ގިނަ އަދަދެއްގެ ނޭޕާލު ރައްޔިތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450