ދުނިޔެ

"ޑޮނަލްޑް ޓްރަމްޕް" ގެރި ގުރުބާން ނުކުރާގޮތަށް!

"ޑޮނަލްޑް ޓްރަމްޕް" ގެރި ގުރުބާން ނުކުރާގޮތަށް!

"ޑޮނަލްޑް ޓްރަމްޕް" ގެރި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

28 މޭ 2026، 10:21

28 މޭ 2026، 10:21

ބަންގްލަދޭޝްގައި އީދު ގުރުބާނީއަށް ތައްޔާރުކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ "ޑޮނަލްޑް ޓްރަމްޕް" ގެ ނަމުން ނަންދީފައިވާ އަލްބައިނޯ ގެރި މިފަހަރުގެ އަޟްޙާ އީދުގައި ގުރުބާން ނުކުރާ ގޮތަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ގާތްގަނޑަކަށް 700 ކިލޯ ހުންނަ މި ގެރިއަށް "ޑޮނަލްޑް ޓްރަމްޕް" ގެ ނަން ދީފައިވަނީ އޭގެ ބޯމަތީގައި ހުންނަ ރަންކުލައިގެ އިސްތަށިގަނޑު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްތަށިގަނޑާ ވައްތަރުވުމުންނެވެ. މި ގެރި ގުރުބާނީއަށް ވިއްކާލާފައި ވަނިކޮށް، ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު ސަލާހުއްދީން އަހުމަދު ވަނީ އެ ގެރި ގުރުބާނީގެ ލިސްޓުން އުނިކުރުމަށް އަމުރުކުރައްވާފައެވެ.

ސަރުކާރުން މި ނިންމުން ނިންމީ، މި މީދެ ސޯޝަލް މީޑިއާގައި މަޝްހޫރުވެ، އެ ބަލާލުމަށް އެތައް ހާސް ބަޔަކު އެއްވަމުން ދިއުމުގެ ސަބަބުން ސަލާމަތީ ގޮތުން ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ. ހޯމް މިނިސްޓްރީގެ އޮފިޝަލަކު ބުނި ގޮތުގައި، އާންމުންގެ ބޮޑު ސަމާލުކަމެއް މި ގެރިއަށް ލިބިފައިވާތީ، އެންމެ ފަހު ވަގުތު އެ ސަލާމަތްކުރުމަށް ނިންމީއެވެ. މި ނިންމުމާ ގުޅިގެން ގެރި ގަތް ފަރާތަށް ފައިސާ އަނބުރާ ދީ، ގެރި މިހާރު ވަނީ ޑާކާގައި ހުންނަ ގައުމީ ޒުލަށް ބަދަލުކޮށްފައެވެ.

މި ގެރީގެ ވެރިފަރާތް ކަމަށްވާ ޒިޔާއުއްދީން މްރިދާ ބުނި ގޮތުގައި، މި ތަފާތު ނަން ގެރިއަށް ދިނީ އޭނާގެ ކޮއްކޮއެވެ. ބަންގްލަދޭޝްގައި އާންމުކޮށް ފެންނަނީ ކަޅު ކުލައިގެ ގެރި ކަމަށްވާއިރު، މިފަދަ ގެރި  އެ ގައުމުގައި ވަރަށް ނާދިރު އެއްޗެކެވެ. މްރިދާ އިތުރަށް ބުނި ގޮތުގައި މިއީ ވަރަށް މަޑުމައިތިރި ސޫތްޕެކެވެ. އަދި ގަވާއިދުން ފެންވެރުވުމާއި ޚާއްސަ ކާނާ ދިނުން ފަދަ ބޮޑު އަޅާލުމެއް ގެރިއަށް ބޭނުންވެއެވެ.

ސޯޝަލް މީޑިއާގައި މި ގެރީގެ ވީޑިއޯތައް ވައިރަލްވުމާ ގުޅިގެން، ބަންގްލަދޭޝްގެ އެކި ހިސާބުތަކުން މީހުން އެ ފާމަށް ޖަމާވެފައިވެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، މި ގެރީގެ މަޝްހޫރުކަމާއި އޭގެ ތަފާތު ސިފަތަކަކީ، ގުރުބާން ކުރުމުން އެ ސަލާމަތްވުމަށް މެދުވެރިވި މައިގަނޑު ސަބަބެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450