ދީން / ސައިންސް
ހިނީގެ ތެރޭގައިވެސް ކޮމާންޑަރުން ފެންވަރުގެ ހިނި އުޅޭ
ކުދި ހިނިތަކެއް ބޮޑު ހިންޏަކަށް ހަމަލާދެނީ
ހިންޏަކީ މީގެ ގާތްގަނޑަކަށް 150 މިލިއަން އަހަރު ކުރިން ފެށިގެން މި ބިމުގައި ދިރިއުޅެމުން އަންނަ، އާދަޔާ ހިލާފު ސިފަތަކެއް ލިބިފައިވާ ސޫތްޕެކެވެ. ތާރީޚީ ގޮތުން ބަލާއިރު، ހިނި ވަނީ ތަފާތު މާހައުލުތަކަށް ހޭނުމުގެ އިތުރުން، ބައިބަޔަށް ގުޅިގެން މަސައްކަތް ކުރުމުގެ ހައިރާންކުރުވަނިވި ގާބިލުކަން ހޯދާފައެވެ. މިސާލަކަށް، "ފަޔަރ އޭންޓްސް" ފެނުގެ މަތީގައި ދަތުރުކުރުމަށްޓަކައި އެއް ހިނި އަނެއް ހިންޏާ ގުޅިގެން ވަރަށް ވަރުގަދަ "ރާފްޓް" ނުވަތަ އުޅަނދެއް ފަދަ ނިޒާމެއް އުފައްދައެވެ. އަދި ބައެއް ބާވަތުގެ ހިނި ކާނާ ހޯދަން ދާއިރު، އެއްވެސް އިރުޝާދަކާ ނުލައި އަމިއްލަ ހަށިގަނޑުން ފާލަން ހަދައިގެން ދަތުރުކުރެއެވެ.
އިންސާނުން މިބިންމަތީ އަރާމު ނިދީގައި ތިބޭ ވަގުތުތަކަކީ، އަހަރެމެންގެ ފައިތިލަތަކުގެ ދަށުގައިވާ ބިމުގެ ފަށަލަތަކުގައި ނުރައްކާތެރި އަސްކަރީ ކުރިމަތިލުންތަކެއް ހިނގަމުންދާ ވަގުތުތަކެކެވެ. ބިމު އަޑީގައި ދިރިއުޅޭ ކުދިކުދި ހިނިތަކަކީ ހަމައެކަނި އާދައިގެ ސޫފިތަކެއް ނޫނެވެ. އެއީ އިންތިޒާމުވެފައިވާ، ވަރުގަދަ އަސްކަރީ ނިޒާމެއްގެ ދަށުން ހަރަކާތްތެރިވާ ބާރެކެވެ.

ސައިންސްވެރިންގެ ދިރާސާތަކުން ދައްކާ ގޮތުގައި، ބައެއް ބާވަތްތަކުގެ ހިނިތަކަކީ އެ ސޫފިތަކުގެ އާއިލާއާއި، ކާބޯތަކެއްޗާއި، އަދި ރާނީގެ ސަލާމަތަށްޓަކައި "ސަރަޙައްދީ ހަނގުރާމަ" އިޢުލާނުކޮށްގެން އުޅޭ ބައެކެވެ.މިއީ އެއްވެސް ތަރުތީބެއް ނެތި ހަރަކާތްތެރިވާ ސޫފިތަކެއް ނޫނެވެ. އެއާ ޚިލާފަށް، މިލިއަނުން ގުނާލެވޭ ސިފައިންނާއެކު ދުޝްމަނުންނަށް އަމާޒުކޮށް، ހަރުދަނާ އަސްކަރީ އުކުޅުތަކެއް ބޭނުންކޮށްގެން ހަމަލާތައް ރާވައި ހިންގާ ސޫފި ތަކެކެވެ.
ހިނީގެ މުޖުތަމަޢު ބިނާވެފައިވަނީ ކޮންމެ ހިންޏަކީވެސް ވަކި ޒިންމާތަކެއް ކަނޑައެޅިފައިވާ ނިޒާމެއްގެ މައްޗަށެވެ. މީގެ ތެރޭގައި ރޭވުންތެރިންނާއި، މުވާޞަލާތީ މާހިރުންގެ އިތުރުން، ހަނގުރާމައިގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ހިތްވަރުގަދަ ފަހުލަވާނުންވެސް ހިމެނެއެވެ.
ދުޝްމަނުންގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އިޙްސާސްވުމާއެކު، "ފެރޮމޯންސް" ކިޔާ ކެމިކަލް ސިގްނަލެއްގެ އެހީގައި، މުޅި ހިނި ހަރަށް އެކަމުގެ އިންޒާރު ވަގުތުން އެސޮރުމެން ފޯރުކޮށްދެއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހަނގުރާމަވެރި ލަޝްކަރުތައް މައިދާނަށް ނުކުންނައިރު، މަސައްކަތު ހިނިތައް ރާނީގެ ހިމާޔަތުގައި މަޝްޣޫލުވެ، ކާބޯތަކެތި ރައްކާތެރި ތަންތަނަށް ބަދަލުކުރަން ފަށައެވެ.
ބައެއް ހާލަތްތަކުގައި މި ލަޝްކަރުތަކުން އެހެން ހަރުތަކަށް ހަމަލާދީ، ކާބޯތަކެތި ފޭރިގަނެ، ބިސްތައް ހަލާކުކޮށްލައެވެ. އަދި ބައެއް ފަހަރު ބިސްތައް ވަގަށް ނަގައިގެން ގެންގޮސް، އެއިން އުފަންވާ ހިނިތައް އެ ސޫފިތަކުގެ މަސައްކަތުގައި އަޅުންގެ ގޮތުގައި ގެންގުޅެއެވެ. ބިމުގެ އަޑީގައިވާ މި ސިއްރު ދުނިޔޭގައި، އެތައް "ޙަޟާރާތްތަކެއް" ބިނާވެ، އަދި މިފަދަ ވަރުގަދަ ކުރިމަތިލުންތަކުގެ ތެރޭގައި ނެތިދެއެވެ.

މި ހައިރާންކުރުވަނިވި ހަގީގަތްތަކަކީ މިއަދުގެ ސައިންސްވެރިންނަށް އާ ހޯދުންތަކަކަށް ވީނަމަވެސް، މީގެ 1400 އަށްވުރެ ގިނަ އަހަރު ކުރިން ކީރިތި ޤުރުއާނުގައި ވަނީ މިކަމުގެ ފުން އިޝާރާތްތަކެއް ދެއްވާފައެވެ.
ސޫރަތުއް ނަމްލްގައި ﷲ ތަޢާލާ ވަނީ ހިންޏެއް އޭގެ އެކުވެރި ހިނިތަކަށް ދިން އިންޒާރުގެ ބަސްތައް ބަޔާންކުރައްވާފައެވެ.
އެހިނދު ހިންޏެއް ބުންޏެވެ.:
އޭ ހިނިތަކާއެވެ! ކަލޭމެންގެ ގޭގެއަށް ވަންނާށެވެ! (އެއީ) ނޭނގިތިބެ، ސުލައިމާނުގެފާނާއި، އެކަލޭގެފާނުގެ ލަޝްކަރު ކަލޭމެން ފިސްފިސް ނުކުރުމަށްޓަކައެވެ.
(ސޫރަތުއް ނަމްލް: 18)
މިއަދުގެ ސައިންސްގެ ހޯދުންތަކުން ކަށަވަރުވާ ގޮތުގައި، ހިންޏަކީ ނުރައްކަލުގެ އިންޒާރު ދިނުމަށްޓަކައި ނުހަނު ކުރިއަރާފައިވާ ކެމިކަލް މުވާޞަލާތީ ނިޒާމެއް ބޭނުންކުރާ ސޫތްޕެކެވެ. މި ކުދިކުދި މަޚްލޫޤުތަކަކީ، އިންތިޒާމުވެފައިވާ މުޖުތަމަޢުތަކެއްގައި ދިރިއުޅޭ، ބިމުގެ އަޑީގައި ސިއްރު ހަނގުރާމަތައް ކުރަމުންދާ ވަރުގަދަ ލަޝްކަރުތަކެކެވެ.
ހިނީގެ އާބާދީތަކުން ފާހަގަކުރެވޭ އެންމެ ތަފާތު އެއް ސިފައަކީ، އާބާދީގެ ނިސްބަތް އަމިއްލައަށް ކޮންޓްރޯލް ކުރުމުގެ ނިޒާމެވެ. އާބާދީގެ ތެރޭގައި "ސިފައިން" އަދި "މަސައްކަތު މީހުން" ހުންނަންޖެހޭ ވަކި މިންގަނޑެއް ހިނި ހިފަހައްޓައެވެ. މިފަދަ ފުރިހަމަ ނިޒާމެއް އުފެދެން މެދުވެރިވާ ސަބަބަކީ ސައިންސްވެރިންނަށް ޒަމާނުއްސުރެ ހޯދަން ދަތިވެފައިވާ ސިއްރެކެވެ. ނަމަވެސް، ދާދި ފަހުން "ނޭޗަރ" މަޖައްލާގައި ޝާއިޢުކުރި ދިރާސާއަކުން ހާމަވި ގޮތުގައި، ހިންޏެއް "ސިފައިންގެ" މީހަކަށް ނުވަތަ "މަސައްކަތު" މީހަކަށް ބަދަލުވަނީ، މީގެ ކުރިން ބޭނުމެއް ނެތް އެއްޗެއްގެ ގޮތުގައި ބެލެވިފައިވާ "ވިންގް ޑިސްކްސް" ކިޔާ ގުނަވަނެއްގެ ސަބަބުންނެވެ.
ޖޯޖް ވޮޝިންގްޓަން ޔުނިވަރސިޓީގެ ބަޔޮލޮޖިސްޓް ސްކޮޓް ޕަވަލް ވިދާޅުވާ ގޮތުގައި، މި ދިރާސާއިން ހިނީގެ އާބާދީގައި ތަފާތު ގިންތިތައް އުފެދޭ ގޮތުގެ މައިގަނޑު "ކޮންޓްރޯލް ސެންޓަރު" މިހާރު ވަނީ ދެނެގަނެވިފައެވެ. މި ވިންގް ޑިސްކްތަކަކީ ހިނީގެ ރާނީގެ ހަށިގަނޑުގައި ފިޔަ އުފެދުމަށް މަގުފަހިކޮށްދޭ ވަސީލަތެކެވެ. ސިފައިންގެ ގޮތުގައި އުފެދޭ ހިނިތަކުގެ "ލާވާ" މަރުހަލާގައި މި ވިންގް ޑިސްކްތައް އުފެދި ބޮޑުވި ނަމަވެސް، ހަށިގަނޑަށް އަންނަ ބަދަލުތަކާއެކު ފަހުން އެ ނެތިދެއެވެ. ކުރިން ހީކުރެވިފައި އޮތީ މިއީ އެއްވެސް ބޭނުމެއް ނެތް ބަޔަކަށް ވީ ނަމަވެސް، މިހާރު އެނގިފައިވާ ގޮތުގައި މި ގުނަވަނަކީ ހިނީގެ ހަށިގަނޑުގެ އެހެން ބައިތައް ބޮޑުވުމަށް މުހިންމު ސިގްނަލްތަކެއް ފޮނުވައިދޭ މައިގަނޑު މަރުކަޒެވެ.

މެކްގިލް ޔުނިވަރސިޓީގެ އިހާބު އަބޫހައިފް ފާހަގަކުރެއްވި ގޮތުގައި، ބޭނުމެއް ނެތް ކަމަށް ބެލެވޭ ބައެއް ގުނަވަންތަކަކީ ހަށިގަނޑު އުފެދި ބޮޑުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެހިތަކެކެވެ. ސިފައިންގެ ގޮތުގައި ބޮޑުވާ ހިނިތަކުގެ ލާވާގައި މި ވިންގް ޑިސްކްތައް ވަރަށް ބޮޑަށް އުފެދިފައި ހުންނައިރު، މަސައްކަތު ހިނިތަކުގެ ލާވާގައި މިފަދަ ނިޒާމެއް ނުހުރެއެވެ.
އެރިޒޯނާ ޔުނިވަރސިޓީގެ ޑަޔާނާ ވީލަރ ވިދާޅުވާ ގޮތުގައި، މި ވިންގް ޑިސްކްތައް ބޮޑުވާ މިންވަރަކީ ހައިރާންވާ ފަދަ ކަމެކެވެ. މިއީ އުފެދުމުގެ ތެރެއިން އުނިނުވެ ބާކީވެފައިވާ ބައެއް ނޫން ކަމަށާއި، މިއީ ވަކި މުހިންމު މަގުސަދަކަށްޓަކައި ހަށިގަނޑުގައި ހިމެނިފައިވާ ނިޒާމެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ. މި ހޯދުމަކީ ދިރޭތަކެތީގެ އުފެދުމާއި، އެތަކެތީގެ އާބާދީތައް ތަރުތީބުވެގެންވާ ގޮތާ މެދު ސައިންސްވެރިންގެ ވިސްނުން މުޅިން ބަދަލުކޮށްލި މުހިންމު ކުރިއެރުމެކެވެ.
މިއީ ކިތަންމެ ކުޑަ މަޚްލޫޤެއް ނަމަވެސް، މިއީ ﷲ ތަޢާލާގެ އުފެއްދެވުންތަކުގެ ފުރިހަމަކަމާއި، އެކަލާނގެ ކޮންމެ މަޚްލޫޤެއްގައިމެ ލައްވާފައިވާ ފުން ޙިކުމަތްތެރިކަން ހާމަކޮށްދޭ ދިރިހުރި މިސާލެކެވެ. ކޮންމެ ހިންޏަކީވެސް އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެތްކެކެވެ.
އެހެންކަމުން، ދެން ފަހަރަކުން މަގުމަތިން ހިނގާފައިދާ ހިންޏެއް ފެނުމުން ހަނދާންކުރާށެވެ. ތިޔަ ފެންނަނީ ހަމައެކަނި އާދައިގެ ސޫތްޕެއް ނޫނެވެ. އެއީ ބިމުގެ އަޑީގައިވާ ބޮޑު ރަސްކަމެއްގެ ވަރުގަދަ އަސްކަރީ ސިފައިންގެ ވެރިއަކަށް ވެދާނެއެވެ.