ކުޅިވަރު / ދުނިޔެ

ވޯލްޑް ކަޕަށް ދިއުމަށް ކީޕަރު މައިކަލް ވުޑްގެ ކައިވެނި ކެންސަލްް

ވޯލްޑް ކަޕަށް ދިއުމަށް ކީޕަރު މައިކަލް ވުޑްގެ ކައިވެނި ކެންސަލްް

ކީޕަރު މައިކަލް ވުޑް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މޭ 2026، 12:44

29 މޭ 2026، 12:44

އަންނަ މަހު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ނިއުޒީލޭންޑްގެ ގައުމީ ޓީމުން ފުރުސަތު ލިބުމާ ގުޅިގެން، އެ ޓީމުގެ ކީޕަރު މައިކަލް ވުޑްގެ ކައިވެނި ކެންސަލް ކުރަން ޖެހިއްޖެ އެވެ.

އުމުރުން 27 އަހަރުގެ އޯކްލޭންޑް ސިޓީގެ ކީޕަރު ކުރިން ނިންމައިގެން ހުރީ، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އޭނާގެ ލޯބިވެރިޔާ ޒަނާ ރެންޓޮންއާ ކައިވެނި ކުރުމަށެވެ. ކައިވެނީގެ ހުރިހާ ތައްޔާރީތަކެއް އެ ތާރީޚަށް ނިންމާފައިވަނީ ގައުމީ ޓީމުން އޭނާއަށް ފުރުސަތު ލިބިދާނެ ކަމަށް ގަބޫލުނުކުރެވޭތީ އެވެ.

ނިއުޒީލޭންޑްގެ ކޯޗު ޑަރެން ބާޒްލީ އެކުލަވާލި 26 ކުޅުންތެރިންގެ ސްކޮޑުގައި ވުޑް ހިމެނެނީ ތިންވަނަ ކީޕަރުގެ ގޮތުގައެވެ. ޓީމުގެ އެއްވަނަ އަދި ދެވަނަ ކީޕަރުންނަކީ މެކްސް އާއި އެލެކްސް ޕޯލްސަން އެވެ. މިހެންކަމުން، ވޯލްޑް ކަޕްގެ މެޗެއްގައި ކުޅުމުގެ ފުރުސަތު ވުޑަށް ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ.

މި ނިންމުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ވުޑް ބުނީ، ވޯލްޑް ކަޕަށް ދިއުމަށް އޭނާގެ ލޯބިވެރިޔާގެ ފުރިހަމަ ތަރުހީބު ލިބޭ ކަމަށެވެ. "މިއީ ކޮންމެ ހަތަރު އަހަރުން އެއްފަހަރު އަންނަ ފުރުސަތެއް. ޓީމުގައި އަހަރެންގެ ރޯލު ވަރަށް ސާފު، އެހެންނަމަވެސް ވޯލްޑް ކަޕަށްޓަކައި ކައިވެނި ފަސްކުރުމަކީ ކުރަން ގޯސް ކަމެއް ނޫން. އަހަރެމެން ދެން ކައިވެނި ކުރާނީ އަންނަ އަހަރު،" އޭނާ ބުންޏެވެ.

ނިމިދިޔަ ސީޒަނުގައި ކްލަބް ލެވެލްގައި ވެސް ވުޑް ގިނައިން ފެނިފައިވަނީ ބެންޗުންނެވެ. އޭނާއަށް ކުޅުމުގެ ފުރުސަތު ލިބުނީ އެއްވަނަ ކީޕަރު އޮލިވަރ ސެއިލްގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. ނަމަވެސް ލިބުނު މަދު ފުރުސަތުތަކުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ކޯޗުގެ އިތުބާރު ވަނީ ހޯދާފަ އެވެ.

މިއަހަރުގެ ޖޫން 11 އިން ޖުލައި 19 އަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި މުބާރާތުގައި ނިއުޒީލޭންޑް ހިމެނެނީ ގްރޫޕް 'ޖީ' ގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އިރާން، މިސުރު އަދި ބެލްޖިއަމް އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450