ދުނިޔެ
ޖެފް ބޭޒޯސްގެ ރޮކެޓެއް ގޮވައިފި
ރޮކެޓް ގޮވުމުން އަލިފާޏް ގަނޑު ރޯވެ އަނދަނީ
ޖެފް ބޭޒޯސްގެ ޖައްވީ އިދާރާ، ބްލޫ އޮރިޖިންގެ "ނިއު ގްލެން" ރޮކެޓް ޓެސްޓު ކުރަމުން ދަނިކޮށް ބޮޑު ގޮވުމަކާއެކު ރޭ ފަތިހު ގޮވައިފިއެވެ.
އެމެރިކާގެ ފްލޮރިޑާގައި ހުންނަ ކޭޕް ކެނަވެރަލް ލޯންޗްޕެޑްގައި މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ އެމެރިކާގެ ގަޑިން 9 ޖަހާކަންހާއިރު (ރާއްޖޭ ގަޑިން ހުކުރު ދުވަހުގެ ފަތިހު) އެވެ. މި ގޮވުމުގެ ބާރުގަދަކަމުން ކައިރީގައި ހުރި ގެތަކަށް ލޮޅުން އެރި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށާއި އާންމުންނަށް މީގެން އެއްވެސް ނުރައްކަލެއް ނެތް ކަމަށް އޮފިޝަލުން ބުނެއެވެ.
ބްލޫ އޮރިޖިންގެ ބާނީ ޖެފް ބޭޒޯސް މި ހާދިސާއާ ގުޅިގެން ވިދާޅުވީ މިއީ "ވަރަށް އުނދަގޫ ދުވަހެއް" ކަމަށެވެ. ގޮވަން މެދުވެރިވި ސަބަބު ދެނެގަތުމަށް އަދި މާ އަވަސް ކަމަށާއި، ނަމަވެސް އެ ސަބަބު ހޯދުމުގެ މަސައްކަތް ކުރިއަށް ގެން މިހާރުވެސް ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން ބޭޒޯސް ވިދާޅުވީ، އަލުން ބިނާކުރަންޖެހޭ ކޮންމެ އެއްޗެއް ބިނާކޮށް، އަލުން އުދުހުންތައް ފަށާނެ ކަމަށާއި، މިއީ އެކަމަށް ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި، ރޮކެޓްގެ އަރިމަތީގައި ރޯވެ އަލިފާންގަނޑު މައްޗަށް އަރަމުން ދަނިކޮށް، މުޅި ލޯންޗް ސަރަހައްދު އެއްކޮށް ބޮޑު ގޮވުމެއްގެ ތެރެއަށް ގެނބިގެންދެއެވެ. 97 މީޓަރު (321 ފޫޓު) އުސް މި ރޮކެޓަކީ ދުނިޔެ ވަށައި ބުރުޖެހި ފުރަތަމަ އެމެރިކާ މީހާ ކަމަށްވާ ޖޯން ގްލެންގެ ނަމުން ނަންދީފައިވާ ރޮކެޓެކެވެ.
މި ހާދިސާ އަކީ އީލޮން މަސްކްގެ ސްޕޭސް އެކްސް އާ ދެމެދު އޮތް ވާދަވެރިކަމުގައި ބްލޫ އޮރިޖިންއަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. އަންނަ ހަފުތާގައި މި ރޮކެޓް ބޭނުންކޮށްގެން އެމެޒޯންގެ އިންޓަނެޓް ސެޓެލައިޓްތަކެއް ޖައްވަށް ފޮނުވާލުމަށް އޮތީ ތާވަލުކޮށްފައެވެ. އަދި ދާދި ފަހުން ނާސާއިން ވަނީ ހަނދަށްދާ އުޅަނދުތަކެއް ލޯންޗް ކުރުމަށް ބްލޫ އޮރިޖިންއާއެކު އެތައް މިލިއަން ޑޮލަރެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ނާސާގެ އެޑްމިނިސްޓްރޭޓަރ ޖެރެޑް އައިސެކްމަން ވިދާޅުވީ، ޖައްވީ ދަތުރުފަތުރަކީ ވަރަށް ނާޒުކު ކަމެއް ކަމަށާއި، މިފަދަ ބަރު އުޅަނދުތައް އުފެއްދުމަކީ އާދަޔާ ހިލާފު އުނދަގޫ މަސައްކަތެއް ކަމަށެވެ. އަދި މި ހާދިސާ ތަހުގީގު ކުރުމުގައި ނާސާއިން އެހީތެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ހާދިސާގެ ވީޑިއޯއަށް ރައްދު ދެއްވަމުން ސްޕޭސް އެކްސްގެ ވެރިޔާ އީލޮން މަސްކް އެކްސްގައި ވިދާޅުވީ މިއީ ވަރަށް ބަދުނަސީބު ހާދިސާއެއް ކަމަށާއި، ރޮކެޓް ސައިންސަކީ އަބަދުވެސް އުނދަގޫ ކަމެއް ކަމަށެވެ.