ދުނިޔެ
މައްކާއާއި މުގައްދަސް ބިނާތަކުގެ ތިމާވެށި ބެލެހެއްޓުމަށް ބޭނުންކުރީ ސެޓެލައިޓާއި އޭއައި
އޭއައި ބޭނުންކޮސްގެްނ ނުރައްކާތައް ދެނެގަންނަނީ
މިއަހަރުގެ ޙައްޖު މޫސުމުގައި މައްކާއާއި މުގައްދަސް ބިނާތަކުގެ ތިމާވެށި ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ފުރަތަމަ ފަހަރަށް ސެޓެލައިޓް ފޮޓޯއާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަން ފަށައިފިއެވެ.
ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ ފޯ އެންވަޔަރަންމަންޓަލް ކޮމްޕްލަޔަންސް އާއި ކިންގް އަބްދުލްއަޒީޒް ސިޓީ ފޯ ސައިންސް އެންޑް ޓެކްނޮލޮޖީ ގުޅިގެން ފެށި މި މަސައްކަތަކީ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތިމާވެށީގެ މައްސަލަތައް ދެނެގަތުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި ނިޒާމުގެ ދަށުން ކޮންމެ ދުވަހަކު ސެޓެލައިޓުން ފޮނުވާ މައުލޫމާތުތައް އޭއައި މޮޑެލްތައް މެދުވެރިކޮށް ދިރާސާކުރަމުންދެއެވެ.
މި ޓެކްނޮލޮޖީގެ ސަބަބުން ތިމާވެއްޓަށް އަންނަ ބަދަލުތައް މާކުރިން ދެނެގަނެވި، ޙައްޖުވެރިންގެ ސިއްހަތަށް އެކަމުގެ އަސަރު ކުރުމުގެ ކުރިން ފިޔަވަޅު އެޅުމަށް ފީލްޑް ޓީމުތަކަށް އެލާޓް ފޮނުވައިދެއެވެ. މީގެ އިތުރުން، ވަރަށް ފުޅާ ސަރަހައްދުތަކެއް އެއްވަގުތެއްގައި މޮނިޓަރކޮށް، ގަވާއިދާ ހިލާފުވާ ފަރާތްތައް ދެނެގަތުމަށް މި ނިޒާމު އެހީތެރިވެއެވެ.
އެ ސެންޓަރުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މޫސުމުގައި ތިމާވެއްޓާ ގުޅޭގޮތުން ނެރުނު އެލާޓްތަކުގެ 50 އިންސައްތައަށްވުރެ ގިނަ އެލާޓަކީ ސީދާ މި ޕްރޮގްރާމްގެ އެހީގައި ފާހަގަކުރެވުނު ކަންކަމެވެ. މި މަސައްކަތުގައި 31 ސަރަހައްދަކުން 176 ސެޓެލައިޓް ފޮޓޯ ބޭނުންކޮށްގެން ދިރާސާކޮށްފައިވެއެވެ.
މި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ވާދީތައް މޮނިޓަރކުރުމާއި، ކުނި އުފުލާ އުޅަނދުތައް ކަނޑައެޅިފައިވާ ތަންތަނަށް ދަތުރުކުރޭތޯ ބެލުމުގެ މަސައްކަތް ވަގުތުން ވަގުތަށް ދަނީ ކުރަމުންނެވެ. މިއީ މުގައްދަސް ބިނާތަކުގެ ތިމާވެށި ރައްކާތެރިކޮށް، ޙައްޖުވެރިންނަށް ދިމާވެދާނެ ސިއްހީ ނުރައްކާތަކުން ސަލާމަތްކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.