Ads by Farudhun

ޚަބަރު

ފުވައްމުލަކު ސިޓީގެ ކަނޑުދަތުރުފަތުރުގެ ދާއިރާގެ ތަޖުރިބާކާރު ޢަބްދުލްޢަޒީޒް މުޙައްމަދު ނިޔާވެއްޖެ

ފުވައްމުލަކު ސިޓީގެ ކަނޑުދަތުރުފަތުރުގެ ދާއިރާގެ ތަޖުރިބާކާރު ޢަބްދުލްޢަޒީޒް މުޙައްމަދު ނިޔާވެއްޖެ

އަލްމަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 މޭ 2026، 01:51

30 މޭ 2026، 01:51

ފުވައްމުލައް ސިޓީ، ފުނާޑު، ރިޔާޒް (ހުސްނުހީނާގެ) އަލްމަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދު ނިޔާވުމާ ގުޅިގެން، އެ ސިޓީއަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ.

 މަރްޙޫމް ޢަބްދުލްޢަޒީޒަކީ ރާއްޖޭގެ ތަޢުލީމީ އަދި ކަނޑުދަތުރުފަތުރުގެ ދާއިރާއަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ހަރުދަނާ ޝަޚްޞިއްޔަތެކެވެ.

ޚިދުމަތްތެރި ތަޢުލީމީ ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ޢަބްދުލްޢަޒީޒް މުޙައްމަދަކީ ތަޢުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ ހުނަރުވެރި ބޭފުޅެކެވެ. ވަކީން ޚާއްޞަކޮށް، 1960 ގެ އަހަރުތަކުގައި އައްޑޫ ނޫރާނީ ސްކޫލުގައި އިނގިރޭސި ބަހުގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައި، އެތައް ދަރިވަރުންނަކަށް އުނގަންނައިދެއްވުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

ތަޢުލީމީ ދާއިރާގެ އިތުރުން، ޢަބްދުލްޢަޒީޒަކީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ތަޖުރިބާކާރު ކެޕްޓަނެކެވެ. ބައިނަލްއަޤްވާމީ ފެންވަރުގެ ކާގޯ ބޯޓުފަހަރުގެ ކެޕްޓަނެއްގެ ގޮތުގައި ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރެއްވުމުގައި އޭނާ ގިނަ އަހަރުތަކެއް ހޭދަކުރެއްވިއެވެ. މި ދާއިރާއިން އޭނާ ހޯއްދަވާފައިވާ ތަޖުރިބާއަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ތާރީޚުގައި ފާހަގަކޮށްލެވޭނެ ކާމިޔާބީތަކެކެވެ.

އަލްމަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދު އަވަހާރަވުމާ ގުޅިގެން އެ މަރްޙޫމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލްމަރްޙޫމް ޢަބްދުލްޢަޒީޒް މުޙައްމަދަކީ ޚިދުމަތްތެރި ތަޢުލީމީ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ، ހުނަރުވެރި ކުޅަދާނަ ބޭފުޅެއް ކަމަށެވެ. އަދި އޭނާ ވަކިވެދިޔުމަކީ ތަޖުރިބާކާރު ހަރުދަނާ ޝަޚްޞިއްޔަތެއް ގެއްލިދިޔުން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރްޙޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެންނަވަމުންނެވެ. "ހިތާމައިގެ މި ދަނޑިވަޅުގައި، މަރްޙޫމްގެ ޢާއިލާއަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން. މާތްﷲގެ ރުއްސެވުމާއި ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލަހައްޓަވާށި! އާމީން" ރައީސް ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450