ޚަބަރު
ބަންގީގެ ގަޑިއަށް ހުރިހާ ކުޅިވަރު މެދުކަނޑާލެވޭގޮތަށް ބަދަލުތައް ގެންނާނަން: ރައީސް މުޢިއްޒު
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ކުރިއަށްދާ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ނަމާދު ވަގުތުތަކަށް މެދުކަނޑާލެވޭނެ އިންތިޒާމުތަކެއް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބަންގި ގޮވާ ވަގުތުން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅަކަށް ކުޅިވަރުތައް މެދުކަނޑާލުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށް ވާއިރު، މުޖުތަމަޢުގައި ޢަމަލީގޮތުން ކަންކަން ތަންފީޛު ކުރެވެންޖެހޭނީ އެ ޙަޤީޤަތުގެ މައްޗަށް ބިނާވެގެން ކަމަށެވެ. ޚާއްޞަކޮށް ކުޅިވަރުގެ މައިދާނުގައި އުޅޭއިރުވެސް ނަމާދު ވަގުތަށް އިސްކަންދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބަދަލުތަކާއެކު، ސަރުކާރުން އަޅާ ހުރިހާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ކުޅިވަރު މަރުކަޒުތަކުގައި ނަމާދު ކުރެވޭނެ ޒަމާނީ ފެސިލިޓީތައް ޤާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މާފަންނު ސްޓޭޑިއަމާއި އެކުވެނި ފަދަ ތަންތަނުގައި ނަމާދުކުރާނެ އިންތިޒާމުތައް ކުރިއަށް އޮތް މަސްތަކުގައި ނިމިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވަންދެން ހުރިހާ ކުޅިވަރުތަކެއް މެދުކަނޑައިލެވޭ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނަން. އަޅުގަނޑުމެންގެ މުޖުތަމަޢަކީ، ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވެފައި، އަޅުގަނޑުމެން މުޖުތަމަޢުގައި ޢަމަލީގޮތުން ކަންކަން ތަންފީޛު ކުރެވިގެންދާންޖެހޭނީ، އަޅުގަނޑުމެންގެ މި ޙަޤީޤަތުގެ މައްޗަށް ކަމުގައި ބިނާވެގެން ކަމަށް އަޅުގަނޑު ގަބޫލުކުރާތީ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރުވެސް ސްޕޯޓްސް މިނިސްޓްރީން އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ ބޯލިންގ އެރީނާ، އާކޭޑް ގޭމް ސެންޓަރު، އިންޑޯލް ސްޕޯޓްސް ސެންޓަރު، ފުޓްސަލް އަދި ނެޓްބޯލް ކޮމްޕްލެކްސްތަކުގައިވެސް ނަމާދުކުރެވޭނެ އިންތިޒާމުތައް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ނިންމުމަކީ ދައުލަތުގެ ތެރޭގައި ޒަމާނުއްސުރެ އޮތް އާދަކާދަތަކަށް ޢަމަލީ ސިފައެއް ގެނައުމަށް ނިންމެވި ނިންމެވުމެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވ
01/06/2026 13:02
ތި ވ ރަގަޅުކަމެއް އެކަމު ފަހަކަން އައިސް ބައްގީގެ އަޑު މަޑުވުމަކީ ވ ދެރަކަމެއް އަޑުމަޑު ީމަ ގޮވިކަމެއްނޭގި ނަމާދު ފަސް ވާތަން އަންނާތީ شكرن ރައީސް