ޚަބަރު
އަމިއްލަ އެއްވެެސް ކަމެއްގައި ރައްޔިތުންގެ ފައިސާ ބޭނުމެއް ނުކުރަން: ރައީސް
ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކުރައްވާ އަމިއްލަ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގެ ގާނޫނީ އިޚްތިޔާރު ލިބިވަޑައިގެންފައި އޮތް ނަމަވެސް، އެމަނިކުފާނުގެ އަމިއްލަ އެއްވެސް ކަމަކަށް ރައްޔިތުންގެ ފައިސާ ބޭނުންނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، މީގެ ކުރީގެ ރައީސުންނާއި މިހާރުގެ ބައެއް ކުރީގެ ރައީސުން ވެސް ދައުލަތުގެ ހަރަދުގައި ރާއްޖޭން ބޭރަށް ދަތުރުކުރައްވާ ކަމަށެވެ. ނަމަވެސް، އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގަތް ފަހުން ކުރެއްވި އެއްވެސް އަމިއްލަ ދަތުރުފުޅެއްގައި ސަރުކާރުގެ އެންމެ ފައިސާ ފޮއްޗެއް ވެސް ބޭނުންކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
"އަމިއްލަ ދަތުރެއް ކުރި އެއްވެސް ދަތުރެއްގައި، އެއްވެސް ކަމަކަށް އަޅުގަނޑުގެ އަމިއްލަ ކަމެއްގައި، އަޅުގަނޑުގެ އާއިލާގެ ކަމެއްގައި ސަރުކާރުގެ އެންމެ ފައިސާ ފޮއްޗެއް ވެސް ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއް ވެސް ބޭނުންކޮށްފަ ނުހުންނާނެ،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޗުއްޓީއަށް ވަޑައިގަންނަވާ ދަތުރުފުޅުތަކުގައި ވެސް އަނބިކަނބަލުންނާއި ބޭފުޅުންގެ ހަރަދުތައް ބަލަހައްޓަވަނީ އަމިއްލަފުޅަށް ކަމަށެވެ.
ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، ޗުއްޓީގައި ހުންނަވާއިރު ވެސް ރަސްމީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދެއެވެ. އެގޮތުން ރައީސް އޮފީހުގެ މުވައްޒަފަކު ޕްރިންޓަރާއި ސްކޭނަރު ފަދަ ތަކެތި ހިފައިގެން އެ ދަތުރުތަކުގައި ބައިވެރިވާ ކަމަށާއި، އެ މުވައްޒަފުގެ ހަރަދުތައް ވެސް ބައެއް ފަހަރު އަމިއްލަފުޅަށް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ރައީސް އޮފީހުގެ އާންމު އުސޫލާ ތަފާތު ކަމަކަށް ވާތީ، އެގޮތަށް އަމިއްލަފުޅަށް ހަރަދު ނުކުރެއްވުމަށް އޮފީހުގެ މުވައްޒަފުން އެދޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ނިންމެވުމަކީ ދައުލަތުގެ ފައިސާ އިސްރާފުވުން ކުޑަކުރުމަށާއި، އަމިއްލަ ކަންކަމާއި ރަސްމީ މަސައްކަތް ވަކިކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއްކަން ރައީސްގެ ވާހަކަފުޅުން ފާހަގަކުރެވުނެވެ.