ދުނިޔެ

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރި ޙައްޖުވެރިން، ތަޖުރިބާއާއި ޚިޔާލުތައް ހިއްސާކުރުމަށް އެދިއްޖެ

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރި ޙައްޖުވެރިން، ތަޖުރިބާއާއި ޚިޔާލުތައް ހިއްސާކުރުމަށް އެދިއްޖެ

ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ. ތައުފީޤް އަލް-ރަބީޢާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

01 ޖޫން 2026، 02:14

01 ޖޫން 2026، 02:14

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރި ޙައްޖުވެރިން، އެމީހުންގެ ތަޖުރިބާތަކާއި ޚިޔާލުތައް ހިއްސާކުރުމަށް ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ. ތައުފީޤް އަލް-ރަބީޢާ ގޮވާލައްވައިފިއެވެ.

މިނިސްޓަރުގެ ރަސްމީ 'އެކްސް' އެކައުންޓް މެދުވެރިކޮށް ދެއްވި މެސެޖެއްގައި ވިދާޅުވީ، ޙައްޖުވެރިންގެ ފަރާތުން ލިބޭ ޚިޔާލުތަކަކީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ކުރިމަގުގައި ޙައްޖުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭ ވަރަށް މުހިންމު އެހީތެރިކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޙައްޖާއި އުމްރާގެ ނިޒާމު ތަރައްޤީކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ޙައްޖުވެރިންނަށް ލިބޭ ތަޖުރިބާގެ ފެންވަރަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަމަލީ މައިދާނުން ފެންނަ ކަންކަމާއި ޙައްޖުވެރިންގެ ފަރާތުން ލިބޭ ޚިޔާލުތަކުގެ ސަބަބުން، ޙައްޖުގެ ދަތުރުގެ ކޮންމެ މަރުހަލާއެއްގައިވެސް ޚިދުމަތްތަކުގެ ހިންގުން ހަރުދަނާކޮށް، މަސައްކަތުގެ ދުވެލި އަވަސްކުރުމަށް ބޮޑު ބާރަކަށް ވާނެ ކަމަށް އޭނާ ބަޔާންކުރެއްވިއެވެ.

މި އިސްނެގުމަކީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ބައިވެރިވުމާއެކު ކަންކަން އިސްލާހުކޮށް، އިވެލުއޭޓް ކުރުމަށް ސައުދީ ސަރުކާރުން ގެންގުޅޭ ފުޅާ ސިޔާސަތުގެ ބައެކެވެ.

2026 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ސައުދީ އަރަބިއްޔާއިން ވަނީ ޒަމާނީ ޓެކްނޮލޮޖީއާއި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ގިނަ ޚިދުމަތްތަކެއް ތައާރަފުކޮށްފައެވެ. މީގެ ތެރޭގައި މީހުން ގިނަވާ ސަރަހައްދުތައް ބެލެހެއްޓުމާއި، ޙައްޖުވެރިންނަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމަށް ބޭނުންކުރާ ސްމާޓް އެޕްލިކޭޝަންތައް ހިމެނެއެވެ. މިއީ ސައުދީ އަރަބިއްޔާގެ 'ވިޜަން 2030' ގެ އަމާޒުތަކާ އެއްގޮތަށް، ޙައްޖުވެރިންނަށް ފަސޭހަ، އަރާމު އަދި ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކެކެވެ.

ޙައްޖުވެރިންގެ ފާޑުކިޔުންތަކާއި ހުށަހެޅުންތަކަށް ބަލައި، ކޮންމެ އަހަރަކުވެސް ޙައްޖުގެ ނިޒާމު އިތުރަށް ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާއިން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. މިގޮތުން އެއްކުރެވޭ ތަފާސްހިސާބުތަކުގެ އެހީގައި، ކުރިއަށް އޮތް އަހަރުތަކުގައި އިތުރުވަމުންދާ ޙައްޖުވެރިންގެ ބޭނުންތަކަށް އެންމެ އެކަށީގެންވާ ގޮތަށް ޚިދުމަތްތައް ބަދަލުކުރުމަށް ވަނީ ރޭވިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450