ވިޔަފާރި / ޚަބަރު
ސަރުކާރުން ދެއްކި ބިލިއަނެއްހާ ޑޮލަރުގެ ދަރަންޏާއެކު، ރާއްޖޭގެ ރޭޓިންގ ފިޗުން މަތިކޮށްފި
މާލީ ވަޒީރާއި ރައީސުލްޖުމްހުރިއްޔާ---
ސަރުކާރުން ދެއްކި ބިލިއަނެއްހާ ޑޮލަރުގެ ދަރަންޏާއެކު، ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ފިޗުން މިއަދު މަތިކޮށްފިއެވެ.
ފިޗުން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ނުތަނަވަސް ހާލަތާއެކުވެސް، މެދު ރާސްތާގައި ރާއްޖޭގެ އިޤުތިޞާދީ ހާލަތު ރަނގަޅުވެ، ކުރިއަރައިގެންދާނެއެވެ. އެއީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމާއެކު އާ ރިޒޯޓުތަށް ތަރައްޤީ ކުރުމަށް ކުރެވެމުންދާ އިންވެސްޓްމެންޓުތައް މަތިވުމުން ކަމަށް ފިޗްގެ އެންމެ ފަހުގެ ސޮވެރިން ރޭޓިންގ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ސިނާއަތުގެ އިންފްރާސްޓްރަކްޗަރއަށް ގެނެވޭ ކުރިއެރުވުންތަކަކީ ވެސް ރާއްޖޭގެ އިޤުތިޞާދަށް ހެޔޮ ބަދަލުތައް ގެނުވާނެ ކަންތައްތަކެއްކަމަށް އެ ރިޕޯޓުގައި ވެއެވެ.
މީގެއިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ ބާޒާރަށް އަންނަ ނުރަނގަޅު ބަދަލުތަކާއި، ދަތުރުފަތުރަށް އަންނަ ލޮޅުންތަކުގެ ސަބަބުން ކައިރި މުސްތަޤުބަލެއްގައި ރާއްޖޭގެ އިޤުތިޞާދަށް ބައެއް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށާއި، ނަމަވެސް އިޤުތިޞާދީ ކުރިއެރުން ގުޅިފައި ވަނީ މަތީ ފަންތީގެ ފަތުރުވެރިކަމަށް އަންނަ ކުރިއެރުންތަކާކަމަށް ވެސް ފިޗުގެ ރިޕޯޓުގައި ވެއެވެ.
މިކަމާ ގުޅިގެން މާލީ ވަޒީރު ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދަށް ސީދާގޮތެއްގައި އަސަރުކުރާފަދަ ކަންކަން ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި ވެސް، ފިޗުގެ މި އަންދާޒާތަކުން ދޭހަވަނީ، ރާއްޖޭގެ އިޤުތިޞާދާއި ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަރުގަދަކަން ކަމުގައެވެ.
އަދި ދުނިޔޭގެ ހާލަތު ރަނގަޅުވުމާއެކު، އިޤުތިޞާދީ އިންފްރާސްޓްރަކްޗަރާއި، ފަތުރުވެރިކަމުގެ ދާއިރާ އަދި ދަތުރުފަތުރުގެ ނިޒާމަށް ކުރެވިފައިވާ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ސަބަބުން ދެމެހެއްޓެނިވި ކުރިއެރުމަކަށް މަގުފަހިވެފައިވާ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ވަޒީރު ވިދާޅުވީ، ބައިނަލްއަޤުވާމީ އިޤުތިޞާދަށް އަންނަ ލޮޅުންތަކުން އަރައިގަތުމުގެ ޤާބިލްކަން އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށާއި، މެކްރޯ އިކޮނޮމިކް ހަމަޖެހުން ހިފެހެއްޓުމާއެކު އުފެއްދުންތެރި އިންފްރާސްޓްރަކްޗަރަށް އިންވެސްޓްކުރުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއް ކަމުގައެވެ.
ނިމިދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ލޯނުތައް ހިމެނޭހެން ބިލިއަނެއްހާ ޑޮލަރުގެ ދަރަނީ ސަރުކާރުން ވަނީ ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ދައްކާފައެވެ. މި ދަރަނިތައް ދައްކާ ޚަލާސްކުރެވުނީ ދައުލަތުގެ މާލީ އަދި ހިންގުމުގެ ނިޒާމަށް މި ސަރުކާރުން ގެނައި ހަރުދަނާ އިސްލާހުތަކުގެ ސަބަބުންކަމަށް މާލީ ވަޒީރު ވަނީ ކުރިން ހާމަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައުލަތަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރަނި އަދާނުކުރެވިދާނެކަމުގެ ބިރުވެރިކަމެވެ. ނަމަވެސް ދެމެހެއްޓެނެވި މިންގަނޑެއްގައި ދަރަނި ހިފެހެއްޓުމަށްޓަކައި ސަރުކާރުން ގެނައި މާލީ އަދި ހިންގުމުގެ ބޮޑެތި ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ ދަރަނީގެ ބޮޑު މިންވަރެއް މިހާރު ވަނީ ދައްކާ ޚަލާސްކޮށްފައެވެ.