Ads by Farudhun

ޚަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިވުމަކީ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ނަތީޖާ: ވަޒީރު ޒަމީރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިވުމަކީ މާލީ އިސްލާހީ ފިޔަވަޅުތަކުގެ ނަތީޖާ: ވަޒީރު ޒަމީރު

މާލީ ވަޒީރު މޫސާ ޒަމީރު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޖޫން 2026، 10:27

04 ޖޫން 2026، 10:27

ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކުރުމަކީ ސަރުކާރުން އަޅަމުންދާ މާލީ އިސްލާހީ ފިޔަވަޅުތަކާއި ދަރަނި ދެއްކުމުގައި ހޯދި ކާމިޔާބީގެ ނަތީޖާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

 ވަޒީރު މިހެން ވިދާޅުވީ ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ރޭޓިންގް 'ސީސީ' އިން 'ސީސީސީ' އަށް މަތިކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މާލީ ވަޒީރު ވިދާޅުވީ މި ކުރިއެރުމަކީ އޭޕްރީލް މަހު ދައްކަން ޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނޭހެން، ސަރުކާރުން ކާމިޔާބުކަމާއެކު ދަރަނިތައް އަދާކުރަމުންދާތީ ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލީޑަރޝިޕްގެ ދަށުން ތަންފީޒުކުރަމުންދާ މާލީ އިސްލާހީ އެޖެންޑާއަށްޓަކައި ރައީސަށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ސަރުކާރު އޮތީ ރާއްޖޭގެ މެކްރޯ-ފިސްކަލް ހަމަޖެހުން ގާއިމުކުރުމަށާއި ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ސާބިތުކަމާއެކުގައެވެ. "ބައިނަލްއަޤުވާމީ އިޤުތިޞާދަށް އަންނަ ލޮޅުންތަކުން އަރައިގަތުމުގެ ޤާބިލްކަން އިތުރުކުރުމަށް ސަރުކާރުން އިސްކަންދޭނެ،" ވަޒީރު ވިދާޅުވިއެވެ.


ފިޗްގެ ރިޕޯޓުގައިވާ ގޮތުން، ރާއްޖޭގެ އިޤުތިޞާދީ ހާލަތު މެދު ރާސްތާގައި ރަނގަޅުވާނެ ކަމަށް ބެލެވެނީ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވުމާއި އާ ރިޒޯޓުތަކަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކާ ޚަލާސްކޮށްފައެވެ.

މި ބަދަލާއެކު، ރާއްޖޭގެ އިޤުތިޞާދާއި ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަރުގަދަކަން ހާމަވެގެންދާ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. އަދި އިޤުތިޞާދީ އިންފްރާސްޓްރަކްޗަރާއި ދަތުރުފަތުރުގެ ނިޒާމަށް ކުރެވިފައިވާ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ސަބަބުން ދެމެހެއްޓެނިވި ކުރިއެރުމަކަށް މަގުފަހިވެފައިވާ ކަމަށްވެސް މާލީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450