ޚަބަރު
60 އަހަރަށްފަހު ފުރަތަމަ ފަހަރަށް އދ. ގެ 'އީކޯސޮކް' ގޮނޑިއެއް ރާއްޖެއަށް!
ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު - ފޮޓޯ : ރައީސް އޮފީސް
އދ ގެ މެންބަރަކަށް ދިވެހިރާއްޖެ ވީތާ 60 އަހަރު ފުރުނުއިރު، އެ ޖަމްއިއްޔާގެ އިގްތިސާދީ އަދި އިޖުތިމާއީ ކައުންސިލް (އީކޯސޮކް) ގެ ގޮނޑިއެއް ފުރަތަމަ ފަހަރަށް ރާއްޖެއިން މިއަދު ކާމިޔާބުވެއްޖެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ބޭއްވި އިންތިޚާބުގައި ރާއްޖެ ހޮވިފައިވަނީ 2027 އިން 2029 އަށް އޮންނަ ދައުރަށް ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ދަށުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ހޯދުނު ވަރަށް މަތިވެރި ޝަރަފެކެވެ.
މި ތާރީޚީ ކާމިޔާބީން ދޭހަކޮށްދެނީ ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެއަށް ކުރާ އިތުބާރާއި، ބައިނަލްއަގުވާމީ މައްސަލަތަކުގައި ރާއްޖެއިން އަދާކުރާ ބިނާކުރަނިވި ދައުރުގެ މުހިންމުކަމެވެ. މިއީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، މޫސުމީ ބަދަލުތަކާއި، އިގްތިސާދީ ކުރިއެރުމާއި، ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ މަސައްކަތުގައި ހުރި ގޮންޖެހުންތައް ރާއްޖެއަށް ވަނީ ވަރަށް ބޮޑަށް ތަޖުރިބާ ކުރެވިފައެވެ. އެހެންކަމުން، އީކޯސޮކްގެ މި ގޮނޑިއަކީ ތަރައްގީވަމުން އަންނަ ކުދި ގައުމުތަކުގެ އުންމީދުތަކާއި ހުރި ކަންބޮޑުވުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ރާއްޖެއަށް ލިބުނު ބޮޑު ފުރުސަތެކެވެ.
ކުރިއަށް އޮތް ދައުރުގައި ރާއްޖެއިން މަސައްކަތް ކުރާނީ ބައިނަލްއަގުވާމީ އެކުވެރިންނާ ގުޅިގެން، ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށެވެ. މީގެ އިތުރުން، އިންސާފުވެރި މާލީ ނިޒާމެއް ގާއިމުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުން އަވަސްކޮށް، ހުރިހާ ގައުމުތަކަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް ރާއްޖެއިން އިސްދައުރެއް އަދާކުރާނެއެވެ.