ކުޅިވަރު
ދިވެހި ލީގު ކޮލިފަޔާސް އަންނަ ހޯމައިގައި ފަށަނީ
ނޯތު ރީޖަނަލް ލީގުގައި ދިއްދޫ ބައްދަލުކުރި މެޗެއްގެ ތެރެއިން / ފޮޓޯ: ސިޑިބަރި
އަންނަ ފުޓުބޯޅަ ސީޒަނުގައި ދިވެހި ޕްރިމިއަރ ލީގުގެ ހަތަރު ޖާގައަކަށް ވާދަކުރެވޭ ދިވެހި ލީގު ކޮލިފަޔާސް އަންނަ ހޯމަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
ރާއްޖޭގެ ފުޓުބޯޅައިގެ އޮނިގަނޑު މިހާރު އެކުލަވާލާފައިވާ ގޮތުން ،ކޮލިފަޔާސް ބުރަށްފަހު އަންނަ ސީޒަންގެ ހަތަރު ޓީމަކަށް ދިވެހި ޕްރިމިއަރ ލީގުން ޖާގަ ލިބޭނެއެވެ.
ކޮލިފަޔާސް ބުރުން ޖާގަ ލިބެނީ ރީޖަނަލް ލީގުތަކުގެ ޗެމްޕިއަނުންނާއި، ނިމުނު ސީޒަންގެ ޕްރިމިއަރ ލީގުގެ 7ވަނަ އަދި 8ވަނަ ޓީމަށެވެ. އެގޮތުން މި ފަހަރުގެ ކޮލިފަޔާސް ބުރުގައި ރީޖަނަލް ޖެމްޕިއަނުންގެ ގޮތުގައި ވާދަކުރާނީ ނޯތު ރީޖަންގެ ޗެމްޕިއަން ދިއްދޫ އާއި ސެންޓްރަލް ރީޖަންގެ ޗެމްޕިއަން ހުރާ އާއި ސައުތު ރީޖަންގެ ޗެމްޕިއަން ގައްދޫގެ އިތުރުން މާލޭ ރީޖަން ލީގުގެ ޗެމްޕިއަން ބިސްބުރު ސްޕޯޓްސް ކްލަބެވެ.
އަދި ޕްރިމިއަރ ލީގުގެ ޖާގައެއް މިއަންނަ ސީޒަންގައި ހޯދުމަށް ކްލަބް ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކްލަބުން ވެސް ކޮލިފަޔާސް ބުރުގައި ވާދަކުރާނެއެވެ.
ދިވެހި ލީގު ކޮލިފަޔާސް ކުޅޭނީ ލީގު އުސޫލުންނެވެ. މި ލީގުގައި 6 ޓީމެއް ވާދަކުރާއިރު އެންމެ މަތިން ޕޮއިންޓު ލިބޭ 4 ޓީމެއް އަންނަ ސީޒަންގެ ދިވެހި ލީގަށް ކޮލިފައި ވާނެއެވެ.
ދިވެހި ލީގުގައި މިދިޔަ ސީޒަންގެ އެންމެ ފުލަށް ދިޔަ ދެ ޓީމު ވަނީ މާލޭ ރީޖަން ލީގަށް ރެލިގޭޓްވެފައެވެ. އެއީ ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓަރީއެވެ.