ޚަބަރު
މަރްޙޫމް ރަޝާދަކީ ދައުލަތަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ނަމޫނާ ޝަޚްޞިއްޔަތެއް: ރައީސް
މަރުހޫމް ރަޝާދު - ފޮޓޯ : ރައީސް ޓްވީޓް
ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި، ދައުލަތުގެ އިއްޒަތްތެރިޔާ މައްޗަންގޮޅީ އަލިތަރި އިބްރާހީމް ރަޝާދު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑ ރ މުޙައްމަދު މުޢިއްޒު އެ މަނިކުފާނުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ އިބްރާހީމް ރަޝާދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 78 އަހަރެވެ.
މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސް ގަައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިބްރާހީމް ރަޝާދަކީ ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސްއޫލިއްޔަތެއް މުރާލިކަމާއި، ތެދުވެރިކަމާއި، ރޭވުންތެރިކަމާއެކު އަދާކުރެއްވި ލާމަސީލު ނަމޫނާއެއް ކަމަށެވެ. އަދި އެ މަނިކުފާނަކީ ޙިކްމަތްތެރި، ހިންގުންތެރި ޝަޚްޞިއްޔަތެއްކަން ފާހަގަކުރައްވައި، ޤައުމަށް ގެއްލިގެން އެދިޔައީ ބޭނުންތެރި އަދި އަގުހުރި ތަޖުރިބާކާރެއް ކަމުގައި ރައީސް ސިފަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މީގެ ވިއްސަކަށް އަހަރު ކުރިން ޓެކްނޯލޮޖީގެ ވަސީލަތްތައް މަދު ޒަމާނެއްގައިވެސް، ސަރުކާރުގެ އިދާރީ ހިންގުން ހަލުވިކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ފަސޭހަކުރުމަށް އިބްރާހީމް ރަޝާދު ކުރެއްވި މަސައްކަތްޕުޅުތަކަކީ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ކަންކަން ކަމަށެވެ. އަދި އެ މަނިކުފާނަކީ ދައުލަތަށް ޚިދުމަތް ކުރެއްވުމުގައި އުޞޫލުތަކާއި ހަމަތައް ހިފެހެއްޓެވުމާއެކު، އަމާނާތްތެރިކަމާއެކު ރައްޔިތުންނާއި ވެރިންގެ އިތުބާރު ހޯއްދަވާފައިވާ ބޭފުޅެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަލްމަރްޙޫމް އިބްރާހީމް ރަޝާދަކީ 1961 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އެކި ފަންތީގެ މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ފާދިއްޕޮޅު އަތޮޅުވެރިކަމާއި، ކޮޅުމަޑުލު އަތޮޅުވެރިކަމުގެ އިތުރުން، ކޮމިޝަނަރ އޮފް އިލެކްޝަންސްގެ މަގާމު 6 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފުރުއްވިއެވެ. 2008 ވަނަ އަހަރު ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު އެ މަނިކުފާނު ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް، ޕްރިންސިޕަލް ކަލެކްޓަރ އޮފް ކަސްޓަމްސްގެ މަގާމުގައެވެ.
މީގެ އިތުރުން، އެސް.ޓީ.އޯގެ މެނޭޖަރު ކަމާއި، މޯލްޑިވްސް ޕޯސްޓްގެ ޑިރެކްޓަރ ޖެނެރަލް ކަމާއި، އެކި ވުޒާރާތަކުގެ އިސް މަގާމުތައް ފުރުއްވައި، ރާއްޖޭގެ އިދާރީ ހިންގުމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އެ މަނިކުފާނު ވަނީ ހޯއްދަވައިދެއްވާފައެވެ.
އިބްރާހީމް ރަޝާދު އަވަހާރަވިއިރު، އަނބިކަނބަލަކާއި ތިން އަންހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.