ދުނިޔެ
ހަނގުރާމައިގެ ސަބަބުން އެތައް މިލިއަން ބަޔަކު ބަނޑުހައިހޫނުކަމުގައި: ޑަބްލިޔުއެފްޕީ
ސީރިއާގައި ކާބޯތަކެތި ނުލިބިގެން ގިނަ ކުޑަކުދިން އަދި ބޮޑެތި މީހުން ބަނޑުހައިހޫނުކމުގައި ފޮޓޯ: ގޫގުލް
އީރާނުގެ ހަނގުރާމަ އިތުރަށް ވަރުގަދަވެ، ތެލުގެ އަގު މަތީގައި ހުރުމުގެ ސަބަބުން، ދުނިޔޭގެ އެތައް މިލިއަން ބަޔަކު ކާބޯތަކެތީގެ ކުއްލި ނުރައްކަލަކަށް ހުށަހެޅެމުންދާ ކަމަށް އދ. ގެ ކާބޯތަކެއްޗާ ބެހޭ އިދާރާ، ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އިން އިންޒާރު ދީފިއެވެ.
ޑަބްލިޔުއެފްޕީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ހާލަތު އެންމެ ގޯސްވެފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ސޯމާލިއާގެ 2.5 މިލިއަން މީހުންނާއި، އަފްޣާނިސްތާނުގެ 2.3 މިލިއަން މީހުންގެ އިތުރުން ސްރީލަންކާގެ 1.3 މިލިއަން މީހުން މިހާރުވެސް ދަނީ އަސާސީ ކާބޯތަކެތި ހޯދުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ.
މިދިޔަ މާރިޗު މަހު އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، ޖޫން މަސް ނިމޭއިރު އިތުރު 45 މިލިއަން މީހުން ކާބޯތަކެތީގެ ރައްކާތެރިކަން ނެތް މީހުންގެ ލިސްޓަށް އިތުރުވާނެއެވެ. މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތީގެ ދަތިކަން ތަހައްމަލުކުރާ މީހުންގެ ޖުމްލަ އަދަދު 363 މިލިއަނަށް އަރާނެ ކަމަށް ބެލެވެއެވެ.
ޑަބްލިޔުއެފްޕީގެ އެކްޓިން އެގްޒެކެޓިވް ޑިރެކްޓަރ ކާލް ސްކާއު އދ. ގެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަކަތައިގެ އަގާއި ކާބޯތަކެތީގެ އަގާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑު ކަމަށެވެ. ވަކިން ހާއްސަކޮށް ފަގީރު ގައުމުތަކުގެ ރައްޔިތުން އެމީހުންގެ އާމްދަނީގެ ބޮޑު ބައެއް ހޭދަކުރަނީ ކާބޯތަކެތީގެ މައްޗަށް ކަމަށްވުމުން، އަގުތައް އުފުލުމާއެކު އެމީހުންނަށް ކާން ލިބޭ މިންވަރު މަދުވެގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިޓަލީގެ ރޯމްގައި މަރުކަޒުވެފައިވާ އެ އިދާރާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް ބުރޫއަރައި، ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލިގެންދާ ކަމަށެވެ. މި ހާލަތުގެ ނޭދެވޭ އަސަރު ކުރިއަށް އޮތް މަސްތަކުގައި އިތުރަށް ގޯސްވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.
ސްކާއު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސޫދާން، ޣައްޒާ، ލުބުނާންގެ ދެކުނު ސަރަހައްދު، ޔަމަން އަދި ހައިޓީ ފަދަ ސަރަހައްދުތަކުގައި ވެސް ކާބޯތަކެތީގެ ނުރައްކާ އޮތީ ނުހަނު ބޮޑުކޮށެވެ.
ބަޖެޓް ކުޑަވުމުގެ ސަބަބުން އެހީގެ މަސައްކަތްތަކަށް ހުރަސް އެޅިފައިވާތީ، އެހީދޭ ފަރާތްތަކުން މިވަގުތު އެހީތެރިކަން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ޑަބްލިޔުއެފްޕީން ބުނެއެވެ. ވަކިން ހާއްސަކޮށް ސޯމާލިއާ އާއި އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްނުދެވިއްޖެނަމަ، އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އެ އިދާރާއިން ވަނީ ދީފައެވެ.