ކުޅިވަރު
ގައްދޫ ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު ދިއްދޫއިން ގަލޮޅު ދަނޑުގައި ނިމުމަކަށް ގެނެސްފި
ދިއްދޫގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: އެފްއޭއެމް
ދިވެހި ފުޓުބޯޅައިގެ އައު ފޯމެޓާއެކު މިދިޔަ ޑިސެންބަރުގައި ފެށި އެޓޯލް ޗެމްޕިއަންޝިޕުން ފެށިގެން ގައްދޫ ރެކްރިއޭޝަން ކްލަބުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑު، ގަލޮޅު ދަނޑުގައި ދިއްދޫއ ސްޕޯޓްސްއިން ނިމުމަކަށް ގެނެސްފިއެވެ.
ހޯމަ ދުވަހު ފެށި ދިވެހި ޕްރިމިއަރ ލީގު ކޮލިފިކޭޝަން 2026/27ގައި މި ދެ ޓީމުގެ ވެސް ފުރަތަމަ މެޗު އެ ރޭ ކުޅެފައިވާއިރު، މި މެޗު ދިއްދޫ ކާމިޔާބުކޮށްފައި ވަނީ 1-0އިންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ގޯލު ޖެހުމަށް ގައްދޫއަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް މި ދެ ފުރުސަތުވެސް ނާކާމިޔާބުކޮށްލީ ދިއްދޫ ގޯލްކީޕަރު އަޙުމަދު ޝާޙިދު ޙަސަންއެވެ. ދެވަނަ ހާފުގެ ކުރީކޮޅު ވެސް ގައްދޫއިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. ނަމަވެސް އެ ހަމަލާތައް ގޯލަށް އަމާޒުކުރެވޭ ގޮތެއް ނުވިއެވެ.
މި މެޗުގެ ހަމައެކަނި ގޯލު 68ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ދިއްދޫގެ ބިދޭސީ ކުޅުންތެރިޔާ ޔޫސިފް އައްފުލްއެވެ.
ދިއްދޫގެ ގޯލަށް ފަހުން ވެސް ގައްދޫއިން މި މެޗުގައި ރަނގަޅު ދެ ހަމަލާއެއް އުފެއްދިއެވެ. މި ދެ ފުރުސަތު ލިބިފައިވަނީ ޢާލިމް ޢަބްދުލް ޢަޒީޒަށެވެ. އޭނާގެ ފުރަތަމަ ހަމަލާ ގޯލު ކީޕަރު ދިފާއުކުރިއިރު، ދިފާއުކުރަން ޖައްސާލި ބޯޅަ އަލުން ހޯދައިގެން ޢާލިމް ވަނީ އިތުރު ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް ދިއްދޫގެ އާދަމް ނަސީމް ވަނީ ގޯލު ރޮނގު މަތިން މި ހަމަލާއިން އެ ޓީމުގެ ގޯލު ސަލާމަތްކޮށްފައެވެ.
ދެ ޓީމުގެ ކުޅުންތެރިން ބޯޅަ ހޯދުމަށް މަސައްކަތްކުރަނީ / ފޮޓޯ: އެފްއޭއެމް
ގައްދޫ ދިވެހި ލީގު ކޮލިފިކޭޝަން ބުރަށް އައުމުގެ ކުރިން 11 މެޗު ކުޅެފައިވެއެވެ. އޭގެތެރެއިން އެ ޓީމު އެއްވަރުވީ ރީޖަނަލް ލީގު ކޮލިފަޔާސްގައި ފޭދޫ ސްޕޯޓްސްއާ ކުޅުނު މެޗު އެކަންޏެވެ. އެ ޓީމުން ވަނީ އެހެން ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ.
ދިއްދޫއިން ވެސް ދިވެހި ލީގު ކޮލިފިކޭޝަން ބުރަށް އައުމުގެ ކުރިން 11 މެޗު ކުޅެފައިވެއެވެ. އެ ޓީމު ދެ މެޗަކުން އެއްވަރުވެފައިވާއިރު، ރީޖަނަލް ލީގު ކޮލިފަޔާސްގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ހަނިމާދޫ އަތުން ވަނީ ބަލިވެފައެވެ.
ދިވެހި ލީގު ކޮލިފިކޭޝަންގެ ފުރަތަމަ ދުވަހު ދެ މެޗު ކުޅެފައިވާއިރު، 3 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތީ ދިއްދޫއެވެ. އެއީ ހޯމަ ދުވަހު ކްލަބް ގްރީން ސްޓްރީޓްސް އާއި ހުރާ ބައްދަލުކުރި މެޗު 1-1އިން އެއްވަރުވެފައި ވުމުންނެވެ.