Ads by Farudhun

ޚަބަރު

ސައުތު އެފްރިކާ 2010: ސްޕެއިންގެ ރަން ޖީލުން ދުނިޔޭގެ އެންމެ އުހަށް

ސައުތު އެފްރިކާ 2010: ސްޕެއިންގެ ރަން ޖީލުން ދުނިޔޭގެ އެންމެ އުހަށް

ސްޕެއިންއިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރުން---

10 ޖޫން 2026، 07:29

2010 ވަނަ އަހަރު ބޭއްވުނު ފީފާ ވޯލްޑް ކަޕަކީ ހަމައެކަނި ފުޓްބޯޅަ މުބާރާތެއް ނޫނެވެ. އެ އަހަރުގެ މުބާރާތް ސައުތު އެފްރިކާގައި ބާއްވާފައިވާއިރު، އެއީ މުޅި ބައްރަށް ލިބިގެންދިޔަ ތާރީޚީ އުފާވެރިކަމެކެވެ. އަދި މިއީ އެފްރިކާ ބައްރުގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕަށްވީއިރު، ސައުތު އެފްރިކާއިން މުޅި ދުނިޔެއަށް މަރުޙަބާ ކިޔާފައިވަނީ އެފްރިކާގެ ސަގާފަތާއި އަދި ހަނދާނުން ފޮހެލަން ދަތި އެތައް ކަންތައްތަކަކުން ފުރިގެންދިޔަ އެއް މަސް ދުވަހުގެ ފޯރިގަދަ ހަރަކާތްތަކަކާއެކުގައެވެ.

ވުވުޒޭލާތަކުން މެދުކެނޑުމެއްނެތި އިވެމުންދިޔަ ގުގުމާލުމުން ފެށިގެން، ސްޕެއިން އިންތިޒާރު ކުރަމުންދިޔަ ތާރީޚީ ކާމިޔާބީއާ ހަމައަށް މި މުބާރާތަކީ ފުޓްބޯޅައިގެ ތާރީޚުގައި ފުން އިޙުސާސްތަކެއް ގެނުވި މުބާރާތެކެވެ.

ސައުތު އެފްރިކާއަށް މި މުބާރާތް ބޭއްވުމުގެ ފުރުސަތު ލިބުމަކީ ހަމައެކަނި އެ ޤައުމަށް ލިބުނު ކުރިއެރުމެއް ނޫނެވެ. އެއީ މުޅި އެފްރިކާ ބައްރަށްވެސް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުން އެފްރިކާގެ މުއްސަނދި ސަގާފަތާއި ތަފާތުކަން ދުނިޔެއަށް ދައްކާލިއިރު، ފުރިގެންދިޔަ ސްޓޭޑިއަމްތަކާއި ފޯރިގަދަ ސަޕޯޓަރުންގެ ސަބަބުން މުޅި މުބާރާތުގައިވެސް ފެނިގެން ދިޔައީ ތަފާތު ރޫހެކެވެ.

ވުވުޒެލާގެ އަޑަކީ 2010ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅިފައިވާ އެއް ހަނދާން---

ވުވުޒޭލާގެ އަޑަކީ މި މުބާރާތުގެ އެންމެ ފާހަގަކޮށްލެވުނު އެއް ރަމްޒެވެ. ބައެއް މީހުންނަށް އެއީ ވަރަށް ކަމުދިޔަ އަޑަކަށް ވީއިރު، އަނެއް ބަޔަކަށް އެއީ އުނދަގޫ އަޑަކަށް ވިއެވެ. ކޮންމެއަކަސް، މި ތަފާތު އަޑަކީ 2010 ވަނަ އަހަރުގެ ސައުތު އެފްރިކާ ވޯލްޑް ކަޕުގެ ހަނދާންތަކާ ވަކިނުކުރެވޭނެ ފަދަ މުހިންމު ބަޔަކަށް ވެގެންދިޔައެވެ.

 

ޝަބަލާލާގެ ރީތި ގޯލާއެކު ވޯލްޑް ކަޕް ފެށުން

މި މުބާރާތް ފެށިގެން ދިޔައީ މުޅި މުބާރާތުގެ ފޯރި އާއި ޖޯޝް އެންމެ ފުރިހަމައަށް ދައްކުވައިދިން ހިތްގައިމު ވަގުތުކޮޅަކުންނެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ދެކުނު އެފްރިކާ އާއި މެކްސިކޯ ބައްދަލުކުރި މެޗުގައި، ސިފީވޭ ޝަބަލާލާ ވަނީ ބަލާލަން ރީތި އާދަޔާޚިލާފު ގޯލެއް ކާމިޔާބުކޮށްފައެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒުވުމާއެކު، މުޅި ސޮކަރ ސިޓީ ސްޓޭޑިއަމް އުފާވެރިކަމުގެ އަޑުން ގުގުމާލިއެވެ. މިއީ އެ މުބާރާތުގައި ފެނިގެންދިޔަ ފުރަތަމަ ގޯލަށްވާއިރު، މިއީ މުބާރާތުގެ ތާރީޚުން ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ވަގުތުކޮޅެވެ.

ދެކުނު އެފްރިކާއަކީ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ގައުމަށް ވީނަމަވެސް، ޝަބަލާލާ ކާމިޔާބުކުރި އެ ހިތްގައިމު ގޯލަކީ މިއަދުވެސް އެ މުބާރާތުގެ ހަނދާންތައް އާކޮށްދޭ އެންމެ ފާހަގަކޮށްލެވޭ އެއް މަންޒަރެވެ.

ޝާބަލާލާގެ ގޯލަށް ފަހު ސައުތު އެފްރިކާގެ ބައެއް ކުޅުންތެރިން އުފާފާޅުކުރަނީ---


 

އެއްވެސް މެޗަކުން މޮޅުނުވެ ޗެމްޕިއަނުން މުބާރާތުން ވަކިވުން

އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއަށް މި މުބާރާތުގައި ކުރިމަތިލާން ޖެހުނީ ވަރަށް ނާކާމިޔާބު ނަތީޖާތަކަކާއެވެ. އެ ޤައުމުން މުބާރާތް ނިންމާލީ އެއްވެސް މެޗަކުން މޮޅުނުވެ، ގްރޫޕުގެ އެންމެ ފުލުގައި އޮވެގެންނެވެ. 2006 ވަނަ އަހަރުގެ ފައިނަލުގައި ކުޅުނު ފްރާންސަށް ކުރިމަތިވީ މިއަށްވުރެ ވެސް ބޮޑު ނާކާމިޔާބީއެކެވެ. ޓީމުގެ އެތެރޭގެ މައްސަލަތަކާއި، ކުޅުންތެރިންގެ ނުކިޔަމަންތެރިކަމުގެ އިތުރުން، ފެންވަރު ދަށް ކުޅުމުގެ ސަބަބުން އެ ޤައުމު ވެސް ވަނީ ވަރަށް ލަދުވެތި ގޮތަކަށް ގްރޫޕް ސްޓޭޖުން ކަޓާފައެވެ.

މިއީ ޖެހިޖެހިގެން ދެވަނަ ފަހަރަށް، ފުޓްބޯޅައިގެ ގަދަބާރުތަކަށް، ބަދަލުވަމުންދާ ފުޓްބޯޅައިގެ އައު އުސޫލުތަކާ އެއްވަރަށް ފައިހަމަނުކުރެވި، ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ފަހަރެކެވެ.

 

އެފްރިކާގެ އުންމީދުތައް ގުޅުނީ ގާނާއާ

މުބާރާތް ބާއްވާ ޤައުމު ކަޓައިގެން ދިއުމާއެކު، އެފްރިކާ ބައްރުގެ ފަޚުރުވެރި ދިދަ އުފުލުމުގެ މުޅި ޒިންމާ ނެގީ ގާނާއެވެ. އެފްރިކާގެ ޤައުމަކުން ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ތިންވަނަ ޤައުމުގެ ޝަރަފު 'ބްލެކް ސްޓާސް' ހޯދީ، ހަނދާނުން ފޮހެލަން ދަތި ފުރިހަމަ ކުޅުމަކަށް ފަހުގައެވެ.

އުރުގުއޭއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗަކީ ވޯލްޑް ކަޕްގެ ތާރީޚުގައި ވެސް ފެނިގެންދިޔަ އެންމެ ފޯރިގަދަ އެއް މެޗެވެ. އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި، ގޯލަށް ވަންނަން ދިޔަ ބޯޅައެއް އުރުގުއޭގެ ލުއިސް ސުއަރޭޒް ގަސްތުގައި އަތުން ހުއްޓުވުމުން އޭނާއަށް ރަތް ކާޑު ދެއްކިއެވެ. މީގެ ސަބަބުން ގާނާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އަސާމޯ ގްޔާން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ގާނާއިން ގޯލަށް ފޮނުވާލި ބޯޅަ ސުއަރޭޒް އަތުން ހިފެހެއްޓުން---

ޕެނަލްޓީ ޝޫޓްއައުޓުން އުރުގުއޭ މޮޅުވެ ސެމީ ފައިނަލަށް ދަތުރުކުރިއިރު، އެފްރިކާގެ ޤައުމަކަށް ފުރަތަމަ ފަހަރަށް ސެމީ ފައިނަލުން ޖާގަ ހޯދުމަށް ލިބުނު ރަނގަޅު ފުރުސަތު ގެއްލިގެން ދިޔައެވެ. މި ހިތްދަތި ނިމުމުގެ އަސަރު މުޅި އެފްރިކާ ބައްރަށް ކުރިއެވެ.

 

ޖަރުމަނުގެ ޒުވާން އިންޤިލާބު

ޖަރުމަނު ޓީމު އެ ފަހަރު މުބާރާތަށް ކުރިމަތިލީ ތޯމަސް މުލާ، މެސުޓް އޮޒިލް، ސާމީ ކެދީރާ އަދި މެނުއަލް ނޯޔާ ފަދަ ހުނަރުވެރި ޒުވާން ކުޅުންތެރިންތަކަކާއެކުގައެވެ.

އެ ޓީމުން ދެއްކި ހަލުވި އެޓޭކިން ކުޅުމުން މުޅި ދުނިޔެ ހައިރާންކޮށްލިއެވެ. އެގޮތުން ގަދަ 16 ގައި އިނގިރޭސިވިލާތް 4-1 އިން ބަލިކޮށް، ކުއާޓާ ފައިނަލުގައި ވަރުގަދަ އާޖެންޓީނާ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކުރިއެވެ.

އާޖެންޓީނާގެ ކޮޅަށް ގޯލެއް ޖެހުމަށްފަހު ތޯމަސް މުލާ އުފާފާޅުކުރަނީ---

ތޯމަސް މުލާ އެ މުބާރާތުގައި ފެނުނީ އެންމެ އަލިގަދަ އެއް ތަރީގެ ގޮތުގައެވެ. އޭނާ ވަނީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ދޭ 'ގޯލްޑަން ބޫޓް' އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ހޯދާފައެވެ.

ސެމީ ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، ޖަރުމަނުން ދެއްކި އެ ކުޅުމާއެކީ ދުނިޔެއަށް ދިން މެސެޖަކީ، ކުރިއަށް އޮތް ދިހަވަރަކަށް އަހަރު ފުޓްބޯޅައިގެ ދުނިޔޭގައި އެ ޤައުމުން ރަސްކަން ކުރާނެކަމެވެ.

 

ސްޕެއިންގެ ރަން ޖީލު އުފަންވުން

ސްޕެއިން މި މުބާރާތާ ކުރިމަތިލީ ޔޫރަޕްގެ ޗެމްޕިއަނުންގެ ގޮތުގައެވެ. އަދި އެއީ މުބާރާތުގެ ތަށި އުފުލާލާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު އެއް ޓީމުވެސް މެއެވެ.

ނަމަވެސް، މުބާރާތުގެ ފެށުން، ހީކުރި ގޮތާ ޚިލާފަށް، އެ ޓީމަށް އެހާ ރަނގަޅެއް ނުކުރެވުނެވެ. ފުރަތަމަ މެޗުން ސްވިޒަލޭންޑް އަތުން 1-0 އިން ބަލިވުމުން، ބޮޑެތި މެޗުތަކުގެ ޕްރެޝަރާ ކުރިމަތިލުމުގެ ޤާބިލުކަން އެ ޓީމުގެ ކިބައިގައި ހުރިތޯ ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ.

އެހެންނަމަވެސް، ކޯޗު ވިސެންޓޭ ޑެލް ބޮސްކޭގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ސްޕެއިން ޓީމު މަޑުމަޑުން އެމީހުންގެ އަސްލު ކުޅުން ދައްކަން ފެށިއެވެ. ޒަވީ، އަންދްރޭސް އިނިއެސްޓާ، ސާޖިއޯ ބުސްކެޓްސް އަދި ޒަބީ އޮލޮންސޯ ފަދަ ހުނަރުވެރި މިޑްފީލްޑަރުންގެ މައްޗަށް ބިނާވެފައިއޮތް މި ޓީމުން މެޗުތައް ކޮންޓްރޯލް ކުރީ ބޯޅަ ހިފަހައްޓައިގެން ކެތްތެރިކަމާއެކު ކުޅެގެންނެވެ. އެމީހުންގެ މަޝްހޫރު "ޓިކީ-ޓާކާ" ކުޅުމުގެ ވައްޓަފާޅީގެ ސަބަބުން އިދިކޮޅު ޓީމުތައް މާޔޫސްކޮށްލާ، ގޯލު ޖަހަން އުނދަގޫވި މެޗުތަކުގައި ވެސް މުޅި ގޭމް ޑޮމިނޭޓް ކުރުމުގެ ފުރުސަތު ސްޕެއިނަށް ލިބުނެވެ.

ސްޕެއިންގެ ސްކޮޑުގައި އޭރު ހިމެނުނު އެންމެ މުހިންމު ކުޅުންތެރިން---

ސްޕެއިން ފައިނަލަށް ދަތުރުކުރީ ނޮކައުޓް ބުރުގެ ކޮންމެ މެޗެއް 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މުޅި މުބާރާތުގައި ވެސް ޑޭވިޑް ވިއާ ވަނީ ނަތީޖާ ބަދަލުކޮށްލާފަދަ މުހިންމު ގޯލުތަކެއް ޖަހައިދީފައެވެ. ހަމައެއާއެކު، ކާލްސް ޕުޔޯލް އާއި ޖެރާޑް ޕީކޭ ބަލަހައްޓަމުންދިޔަ ޑިފެންސް ފެނުނީ އާދަޔާޚިލާފަށް ވަރުގަދަކޮށެވެ.

ސެމީ ފައިނަލުގައި ޖަރުމަނާ ދެކޮޅަށް ޕުޔޯލް ބޮލުން ޖެހި ބާރު ބޯޅައާއެކު، ސްޕެއިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފައިނަލުން ޖާގަ ކަށަވަރުކުރިއެވެ.

 

ފައިނަލް މެޗު: ސްޕެއިން އާއި ނެދަލެންޑްސްގެ ކުރިމަތިލުން

ޖޯހަނަސްބާގްގައި ކުޅުނު މި ފައިނަލަކީ، ވޯލްޑް ކަޕްގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލުމުގެ އަޒުމުގައި ނުކުތް ދެ ޤައުމެއްގެ ފޯރިގަދަ ކުރިމަތިލުމެކެވެ.

މެޗު ފެށުނުތާ މާގިނައިރުތަކެއް ނުވަނީސް، މިއީ ފުޓްބޯޅައިގެ ތާރީޚުގައިވެސް ފެނިގެންދިޔަ އެންމެ ވަރުގަދަ އަދި ކުރިމަތިލުންތައް ގިނަ ފައިނަލަށް ވެގެންދިޔައެވެ. ސްޕެއިންގެ މޮޅު ކުޅުން ހުއްޓުވުމަށްޓަކައި، ނެދަލެންޑްސްއިން ވަރަށް ހަރުކަށި ކުޅުމެއް ކުޅުނެވެ. މީގެ ނަތީޖާއެއްގެ ގޮތުން ގިނަ އަދަދެއްގެ ފައުލްތަކާއި ރީނދޫ ކާޑުތައް ފެނިގެންދިޔައެވެ.

މި މެޗުގައި ނެދަލެންޑްސްގެ މިޑްފީލްޑަރު ނައިޖަލް ޑި ޔޮންގް، ސްޕެއިންގެ ޒަބީ އޮލޮންސޯގެ މެޔަށް އަމާޒުކޮށް ކުރި ނުރައްކާތެރި ފައުލާއެކުވެސް، އޭނާ ރަތް ކާޑަކުން ސަލާމަތްވިއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށްވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި، ބޭކާރުވެގެން ދިޔަތަން ފެނުނެވެ.

އަދި އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ވެސް އެއްވަރުވެ، ޕެނަލްޓީއާ ދިމާލަށް ދަނިކޮށް  116 ވަނަ މިނެޓުގައި އަންދްރޭސް އިނިއެސްޓާއަށް ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި، ނެދަލެންޑްސްގެ ގޯލްކީޕަރު މާޓެން ސްޓެކެލެންބާގް ފޫއަޅުވާލުމަށްފަހު، ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލިއެވެ.

މި ގޯލާއެކު މުޅި ސްޕެއިންގައި އުފާފާޅުކުރުންތައް ފެށިގެންދިޔައިރު، 1-0 ގެ ނަތީޖާއަކުން އެ ޤައުމަށް ތާރީޚީ ކާމިޔާބީއެއް ކަށަވަރުވިއެވެ.

 

ސްޕެއިން ފުޓްބޯޅައިގެ އެންމެ އުސްމިނަށް

ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިންތަކެއް އުފެއްދި ނަމަވެސް، އެތައް އަހަރެއް ވަންދެން ސްޕެއިން ބެލެވިފައި އޮތީ ބައިނަލްއަޤުވާމީ މައިދާނުގައި އެކަށީގެންވާ ކާމިޔާބީއެއް ނުހޯދޭ ޓީމެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ދެކުނު އެފްރިކާގައި ބޭއްވުނު މުބާރާތުގައި އެ ޓީމުން ވަނީ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ތަށި ފުރަތަމަ ފަހަރަށް ހާސިލްކޮށްފައެވެ.

2008 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕާއި، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް، އަދި އޭގެ ފަހުން 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރުމާއެކު، ސްޕެއިންގެ "ރަން ޖީލު" ވެގެންގޮސްފައިވަނީ ފުޓްބޯޅައިގެ ތާރީޚުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ކާމިޔާބު އަދި އެންމެ ބާރުގަދަ ޓީމަށެވެ.

 

2010 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ދެކުނު އެފްރިކާގެ ތާރީޚީ ތަރިކަ

2010 ވަނަ އަހަރު ބޭއްވުނު ފީފާ ވޯލްޑް ކަޕަކީ "އެފްރިކާގެ ވޯލްޑް ކަޕް" ގެ ގޮތުގައި ތާރީޚުގައި އަބަދުމެ ހަނދާން ކުރެވޭނެ މުބާރާތެކެވެ. މި މުބާރާތާއެކު ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ އީދު ފުރަތަމަ ފަހަރަށް އެފްރިކާ ބައްރަށް ތައާރަފުވެގެން ދިޔައެވެ. އަދި 'ވުވުޒޭލާ' ގެ ހަނދާނުން ފުހެލަން ދަތި އަޑު މުޅި ދުނިޔެއަށް އިއްވާލައި، ތަފާތު ސަގާފަތްތަކުގެ މީހުން އެއްގަލަކަށް އެރުވުމުގައި ފުޓްބޯޅައަކީ ބާރުގަދަ ކުޅިވަރެއްކަން މި މުބާރާތުން ވަނީ ވަރަށް ފުރިހަމައަށް ސާބިތުކޮށްދީފައެވެ.

މީގެ އިތުރުން، މި މުބާރާތަކީ ފުޓްބޯޅައިގެ ތާރީޚުގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ އެއް ޤައުމީ ޓީމަށް ކާމިޔާބީގެ ތަށި ލިބިގެންދިޔަ މުބާރާތްވެސް މެއެވެ. ސްޕެއިން ހޯދި މި ކާމިޔާބީއަކީ، ފަންނާއި ހުނަރުގެ ގޮތުންނާއި ، ބޯޅަ ހިފަހައްޓައިގެން ކުޅޭ "ޕޮޒެޝަން ފުޓްބޯޅަ" އާއި، ޓީމެއްގެ ގޮތުގައި ދެއްކި ފުރިހަމަ ކުޅުމުގެ އެންމެ މަތީ ދަރަޖައެވެ.

މުބާރާތް ފެށި މެޗުގައި ޝަބަލާލާ ޖެހި ހިތްގައިމު ގޯލުން ފެށިގެން، ފައިނަލް މެޗުގައި އިނިއެސްޓާ ކާމިޔާބުކޮށްދިން ތާރީޚީ ގޯލާ ހަމައަށް، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ މުޅި ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުންގެ ހިތްތަކުގައި ބަދަލުވުމެއް ނެތި އައުވަމުންދާ ހަނދާނެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450